އަންނަ އަހަރު އަށް މެގަވޮޓްގެ ޖަނަރޭޓަރުން މާލެ އަށް ކަރަންޓް ދެވޭނެ: ސްޓެލްކޯ
މާލޭގައި ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވަމުން އަންނާތީ ސްޓެލްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް އަލަށް ގެންނަ އަށް މެގަވޮޓްގެ ޖަނަރޭޓުން އަންނަ އަހަރުގެ ކުރިކޮޅު ކަރަންޓް ދޭން ފެށޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.އެ ކުންފުނީގެ އިންޖިނިއަރު އަބްދުއްރައޫފް ރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ އަށް މެގަވޮޓްގެ ޖަނަަރޭޓަރު ގެންނަން ހަވާލު ކުރާ ފަރާތުގެ ޕްރޮޕޯސަލް ވެސް މިހާރު އޮތީ އިވެލުއޭޓްކޮށް ނިމިފައި ކަމަށެވެ."ދެން އަޅުގަނޑުމެން އުންމީދު މި ކުރަނީ އެވޯޑް ކުރާތާ އަށް މަސް ދުވަހާއި އެއް އަހަރާ ދޭތެރޭގަ ޖަނަރޭޓަރު މިކޮޅަށް [މާލެ] ގެނެވި ބެހެއްޓޭވަރު ވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. "އެެހެންވީމާ އަޅުގަނޑުމެން އުންމީދު ކުރަން އެ ޖަނަރޭޓަރު އަންނަ އަހަރުގެ ކުރީކޮޅު މާލޭގެ ކަރަންޓަށް އިތުރުކޮށް ލެވޭނެ ކަމަށް."ރައޫފު ވިދާޅުވީ އަށް މެގަވޮޓްގެ ޖަނަރޭޓަރު ބޭނުން ކުރަން ފެށުމުން މާލޭގެ ކަރަންޓްގެ ހާލަތަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ، އެގޮތުން ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގައި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ މާލެ ސަރަހައްދުގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ހުޅުމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ. އެއީ 50 މެގަވޮޓްގެ ޕަވަ ޕްލާންޓެއް ގާއިމު ކުރުމުވެ.މި މަޝްރޫއުގެ ތެރެއިން ކަރަންޓް އުފައްދަން ބޭނުންވާ ހުރިހާ ސާމާނަކާއި ޓްރާންސްފޯމަރުތަކާއި ކޭބަލްތަކާއި އެ ނޫން ހުރިހާ ވަސީލަތެއް ހުޅުމާލޭގައި ޕަވަ ހައުސްއެއް ގާއިމުކޮށް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.ސްޓެލްކޯގެ އިންޖީނު ގޭގައި ބަޔަކު ހަރަކާތްތެރި ވަނީ: އަންނަ އަހަރު 8 މެގަވޮޓްހެ ޖަނަރޭރޭޓަރެއް ބަހައްޓާނެ. ހަވީރު ފޮޓޯ/ އިބްރާހިމް ފާއިދު މި މަޝްރޫއު ސްޓެލްކޯ އިން ކުރިއަށް ގެންދަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮން ފެންގް އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ދެ ކުންފުނިން މެއި 28، 2015 ގައި ސޮއިކޮށްފައިވާ އިރު، މި މަޝްރޫއަށް 90 މިލިއަން ޑޮލަރު ހަރަދު ވާނެ އެވެ."މިހާރު އެގްރިމަންޓް ކުރެވިފައި އޮތީ ޕްރޮޖެކްޓް ފަށާތާ 24 މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް. މިހާރު ހަމައެކަނި އޮތީ މި ޕްރޮޖެކްޓްގެ ފައިނޭޝަލް ކޮމްޕޯނަންޓްގައި ދެ ފަރާތުން އެއްބަސްވެގެން ސޮއި ކުރުން. އޭގައި ސޮއިކޮށްލީމަ މަސައްކަތްތައް ފަށައި ގަނެވޭނެ،" ރައޫފް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ މި މަޝްރޫއު ފެށުމަށް ހުޅުމާލޭގައި ކުރަން ޖެހޭ ސައިޓް ސާވޭ މަސައްކަތް ވެސް މިހާރު އޮތީ ނިމިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ