ކޮނޑޭގެ ކައުންސިލް އިންތިހާބުގެ މައްސަލަ ލަސްވާތީ ކަންބޮޑުވޭ: މެމްބަރު ޖަމީލް

ކޮނޑޭގެ ކައުންސިލް އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓުގައި ދިގުލާތީ އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޖަމީލް އުސްމާން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. ކޮނޑޭގައި ކައުންސިލެއް ނެތި ހަ މަސް ދުވަސް ވުމާ ގާތްވެފައި ވާއިރު، އެ ރަށް ހިމެނޭ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް "ހަވީރަ"ށް މިއަދު ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ރަށުގެ މަސައްކަތްތަކާއި ތަރައްގީގެ މަސަަައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ދަތިވެފަ އެވެ. "އެހެންވެ އެ މައްސަލަ އަވަހަށް ނިންމައި، އިންތިޚާބު ބޭއްވުމަކީ މުހިންމު ކަމެއް. އިންތިހާބާ ގުޅޭ އެއްވެސް ކަމެއް އިލެކްޝަންސް ކޮމިޝަނަށް ވެސް ކުރެވެން އޮތީ [ސުޕްރީމް ކޯޓުން] އެ މައްސަލަ ވަކި ގޮތަކަށް ނިންމައިގެން،" އޭނާ ވިދާޅުވި އެވެ. ކޮނޑޭ އިންތިހާބު އަލުން ބޭއްވި ނަމަވެސް، އެ ކައުސިލްގެ ދައުރު ހަމަވާނެ މުއްދަތެއް ކަނޑަ އަޅަން އުނދަގޫވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރެވެ. އެންމެ ފަހުން ކައުންސިލްތަކުގެ އިންތިހާބު ބޭއްވީ ޖެނުއަރީގަ އެވެ.  ކޮނޑޭ ކައުންސިލްގެ އިންތިޚާބު ބާތިލްކޮށް، އެ އިންތިޚާބު އަލުން ބާއްވަން ހައި ކޯޓުން މިދިޔަ ފެބްރުއަރީގައި އަމުރުކުރި އެވެ. ނަމަވެސް އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. މި މައްސަލައިގެ ބައެއް އަޑުއެހުންތައް ވަނީ ބާއްވައިފަ އެވެ. ހައި ކޯޓުން ކޮނޑޭ ކައުންސިލްގެ އިންތިޚާބު ބާތިލްކުރީ އުމުރުން 84 އަހަރުގެ ފިރިހެނަކަށް އޮޅިގެން ދާންދޫ ކައުންސިލަށް ވޯޓު ލެވުނު މައްސަލައިގަ އެވެ. ނަތީޖާ އިއުލާން ކުރިއިރު ކޮނޑޭ ކައުންސިލްގެ ފަސް ވަނަ އަށް ދިޔަ ކެންޑިޑޭޓާއި ހަ ވަނައަށް ދިޔަ ކެންޑިޑޭޓާ ދެމެދު ހުރީ އެންމެ ވޯޓެއްގެ ތަފާތެވެ. އެހެންވެ ހައި ކޯޓުން ނިންމީ އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ އިންތިޚާބު ބާތިލްކުރަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ