ނަޝީދު ހުންނަވާނީ އޭސީކޮށްފައި ހުރި ޖަލު އެޕާޓްމަންޓެއްގަ: އުމަރު

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފުށީ ޖަލުގައި ހުންނަވާނީ އޭސީކޮށްފައި ހުރި ޖަލު އެޕާޓްމަންޓެއްގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދަޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ
އުމަރުގެ ޓްވީޓްގައި ވިދާޅުވީ ނަޝީދު ހުންނަވާނީ، 264 އަކަފޫޓު ހިމެނޭ ކޮޓަރިއަކާއި ސިޓިންރޫމެއް ހިމެނޭ ޖަލެއްގައި ކަމަށެވެ. އަދި އެތަނުގައި ފަރުނީޗަރާއި އޭސީއާއި ޓީވީ އަދި ވީސީޑީ ޕްލޭޔަރެއްގެ އިތުރުން 1087 އަކަފޫޓުގެ ބަގީޗާއެއް އޮންނާނެ ކަމަށެވެ. އަދި މީގެ އިތުރުން އެމަނިކުފާނު ދިރިއުޅުއްވާނީ ރަށްޓެހި ގައިދީންނާ އެކު ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދު މިވަގުތު ހުންނެވީ މާފުށީ ޖަލުގައި އެމަނިކުފާނަށް ހާއްސަ ތަނެއް ހަދަންދެން ދޫނިދޫގައި ބަހަށްޓާފަ އެވެ. އެ ތަން ހަދައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ކުރިން އުމަރު ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރާއިރު އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން ދެއްވާ ކަަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވަނީ ވިދާޅުވެފަ އެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދު ޖަލުގައި ހުންނަވާއިރު އެމަނިކުފާނާ ދޭތެރޭ އަމަލުކުރައްވަނީ އިހްތިރާމާ ގަދަރުވެރިކަމާއެކު ކަަމަށެވެ.
މާފުށީ ޖަލުގައި ނަޝީދަށް ހާއްސަ ތަނެއް ހެދުމުގެ މަސައްކަތް ކުރަމުން ދާއިރު، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގައިދީން ހަމަހަމަކުރަން ޖެހޭނެ ކަމަށް ބައެއް މީހުން ދަނީ ވާހަކަ ދައްކަމުންނެވެ. އެހެން ނަމަވެސް، މިނިސްޓަރު އުމަރު ކުރިން ވިދާޅުވެފައި ވަނީ، އެ ހަމަހަމަކަން އޮންނާނީ ކުށްވެރިން ދަރަޖަކުރާ މިންވަރުގެ މައްޗަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ