އަމިއްލަ ފަރުދަކުވިއަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކުވިއަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަމަށް ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ބުނެފި އެވެ.
ސްޕްރީމް ކޯޓުން ބަޔާނެއް ނެރެފައިމިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުން ހުށައަޅާފައިވާ ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ބަލާ ތިން ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމެޓީއަށް ހާޒިރު ކުރުމަށް ކޮމެޓީން އަންގާފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދޭން ވާނެކަމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާތީއާއި، ދިވެހިރާއްޖޭގެ މިނިވަން ފަނޑިޔާރުގޭގެ މުސްތަޤިއްލު ފަނޑިޔާރުންނަކީ އެބައިމީހުން އަދާކުރާ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކާ ގުޅިގެން ޖަވާބުދާރީވާންޖެހޭ ބައެއް ނޫންކަން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 9 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އަދި ފަނޑިޔާރުން އަދާކުރާ މަސްއޫލިއްޔަތާއި ވާޖިބާ ގުޅިގެން އެކިއެކި ފަރާތްތަކަށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުމަކީ ޤާނޫނުއަސާސީއިން ނަގަހައްޓާފައިވާ، އަދި ތަހްޒީބުވެފައިވާ ދީމްޤުރާޠީ ދައުލަތްތަކުގައި އިސްތިޤްރާރުވެފައިވާ ދީމްޤުރާޠީ އުޞޫލުތަކާއި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ "ސެޕަރޭޝަން އޮފް ޕަވާސް" ގެ މަބްދައު އާއި، އެ މަބްދައުގެ ދަށުން ޤާއިމުވެފައި އޮންނަންޖެހޭ މިނިވަން މުސްތަޤިއްލު ފަނޑިޔާރުގޭގެ ތަޞައްވުރާ ކަނޑައެޅިގެން ޚިލާފު އަދި ދިމުޤުރާޠީ މުޖްތަމަޢެއްގައި އެއްވެސް ޙާލެއްގައި ހުއްދަ ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.
"މިކަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ ސަރަޙައްދުގެތެރޭގައިވާ އެންމެހައި ފަރާތްތަކާއި ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ދިވެހި ދައުލަތުގެ އެކިއެކި ކަންކަމާ ޙަވާލުވެތިބި އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މި ފުރުޞަތުގެ ބޭނުން ހިފީމެވެ." ސްޕްރިމް ކޯޓުގެ ބަޔާނުގައިވެ އެވެ.
ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއްކަމަށާއި، ފަނޑިޔާރުން މަސައްކަތްކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުން ނުވެ ތަޢައްޞުބުން އެއްކިބާވެތިބެ ކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފިޔަވައި އެހެން އެއްވެސް މުއައްސަސާއަކަށް ފަނޑިޔާރުންގެ މަސައްކަތާ ބެހުމުގެ ބާރު ލިބިގެން ނުވާ ކަމަށާއި ފަނޑިޔާރުންގެ ހުރިހާ ކަމެއްގެ ގާނޫނީ މަސްއޫލިއްޔަތާއި ބާރު އޮތް ހަމައެކަނި މުއައްސަސާއަކީ ޖޭއެސްސީ ކަމަށް ބުނެ އެމުއައްސަސާއިން ވެސް މިރޭ ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.
ނަޝީދުގެ ޝަރީއަތް މާދަމާ 4:00 ގައި ފަށަން ތާވަލްކޮށްފައި ވާއިރު 3:45 ގައި ތިން ފަނޑިޔާރުން މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.
ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައިގެން ނުވާނެ - ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ