މައުމޫން ޓްވިޓާ އާއި ފޭސްބުކް ބޭނުންކުރައްވަން ފައްޓަވައިފި

ރާއްޖޭގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރެއްވި އަދި މިހާރު ޕީޕީއެމްގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ޓްވިޓާ އާއި ފޭސްބުކް ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.
މައުމޫންގެ އޮފީހުން މިއަދު ބުނީ ރައީސް، މައުމޫންގެ ޤައުމީ، ސިޔާސީ އަދި އިޖުތިމާޢީ މަސައްކަތްޕުޅުތަކުގެ މަޢުލޫމާތާއި ބައެއް މުހިންމު ކަންކަމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ރައްޔިތުންނާ ވަގުތުން ވަގުތަށް ޙިއްޞާކުރެއްވުމުގެ މަޤްޞަދުގައި، ފޭސްބުކް އަދި ޓްވިޓާ މެދުވެރިކުރައްވައި މުޢާމަލާތު ކުރައްވަން ފަށްޓަވާފައިވާ ކަމަށެވެ.
އެމަނިކުފާނުގެ ރަސްމީ ފޭސްބުކް އެކައުންޓްގެ އެޑްރެހަކީ www.facebook.com/MAGayoom އެވެ. އަދި، ސްކްރީން ނަމެއްގެ ގޮތުގައި އޮންނާނީ Maumoon AbdulGayoom އެވެ. އެމަނިކުފާނުގެ ރަސްމީ ޓްވިޓާ އެކައުންޓްގެ އެޑްރެހަކީ www.twitter.com/maumoonagayoom އެވެ. ސްކްރީން ނަމެއްގެ ގޮތުގައި އޮންނާނީ @maumoonagayoom އެވެ.
މިދެ އެކައުންޓްގައި ބައެއްފަހަރު ސީދާ ރައީސް މައުމޫން ވެސް ޕޯސްޓް ކުރައްވަމުން ގެންދަވާނެ އެވެ.
އެމަނިކުފާނުގެ ފުރަތަމަ ޓްވީޓްގައި މިއަދު ވިދާޅުވެފައި ވަނީ "އަޅުގަނޑުގެ ފުރަތަމަ ޓްވީޓް ހާއްސަ މިކުރަނީ އެންމެހާ ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުވުމަށް" ކަމަށެވެ.
މައުމޫން ޓްވިޓާ އާއި ފޭސްބުކް ބޭނުންކުރައްވަން ފެއްޓެވިއިރު މިއަދަކީ އެމަނިކުފާނުގެ އުފަން ދުވަހެވެ. މައުމޫން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މއ. ކާމިނިގޭގައި، ޑިސެމްބަރު ،29 1937 ގަ އެވެ. މިހާރު އެމަނިކުފާނުގެ އުމުރުފުޅަކީ 75 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ