ނަޝީދަށް ވެރިކަން ލިބިއްޖެނަމަ ކަނޑާއި ހުރިހާތަނެއް ވިއްކާލާނެ - އުމަރު

2013 ގެ ރިޔާސީ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުވަތަ އޭނާގެ ބައިވެރިން ކާމިޔާބުކޮށް ވެރިކަން ލިބިއްޖެ ނަމަ ވިއްކާނީ ހަމައެކަނި އެއާޕޯޓު ނޫން ކަމަށާއި ކަނޑާއި ހުރިހާ ތަނެއް ވެސް ވިއްކާލާނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
"ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް" މިޝިޔާރުގެ ދަށުން އެއާޕޯޓު ލިބުމުގެ އުފަލުގައި ގައުމީ ހަރަކާތުން އެތައް ހާސް ބަޔަކާއިއެކު ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ވެރިކަމުގައި މުޅި ގައުމުގެ ހުރިހާ ތަނެއްގައި ސޭލް އަޅުވައިގެން ހުރިހާ ތަނެއް ވިއްކަމުންދިޔަ ކަމަށާއި ވެރިކަމުގައި ވިއްކި އެއާޕޯޓު ވެސް މިހާރު ރައްޔިތުންނަށް ލިބިފައިވާ ކމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ ރީކޯ މޫސައަށް ކޮންމެސް އެއްޗެއް، އުސްފަސްގަނޑުގައި ވާހަކަދައްކަމުން ބުނި އުމަރު ނަސީރު ކައިރީގައި ބުނާށޭ، އިމްރާން ކައިރީގައި ބުނާށޭ، ޖީއެމްއާރެއް ނުބޭލޭނެއޭ، އަޅުގަނޑު މިއަދު ދަންނަވާނީ، މުހައްމަދު ނަޝީދު ނުބޭލޭނެއޭ ވެސް ބުނި، އެކަމަކު އަޅުގަނޑުމެން ބޭލިން، ޖީއެމްއާރު ވެސް ނުބޭލޭނެއޭ ބުނި، އެކަމަކު އަޅުގަނޑުމެން ބޭލިން، ކޮންމެވެސް ސޯޓު ނުބޭލޭނެއޭ ނުބުނާތި، ސަބަބަކީ އޭރަށް ދެރަ ގޮތެއް ދިމާވެދާނެ" އުމަރު ނަސީރު ވިދާޅުވި އެވެ.
އެއާޕޯޓު ލިބުމުން އަދި ނިމުނީ ނޫން ކަމަށާއި ސިޔާސީ ހުރިހާ ބައިވެރިން އެންމެން އެކުގައި އެއްވަލެއްގައި ހިފައިގެން އެއްކޮޅަކަށް ދަމަންޖެހިފައިވާ ކަމަށް ވެސް އުމަރު ނަސީރު ރޭ ވިދާޅުވި އެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2012 ވަނަ އާއި ހަމައަށް ރާއްޖޭގެ ސިޔާސީ ހުރިހާ ޕާޓީތަކެއް ކަހަލަ ގޮތަކަށް ނިކުމެ އެންމެން އެކައްޗެއް ކިޔައިގެން ކުރި މަސައްކަތުގެ ނަތީޖާ 7 ފެބްރުއަރީގައި ފެނިގެންދިޔަ ކަމަށް ވެސް އުމަރު ނަސީރު ފާހަގަކުރެއްވި އެވެ.
"އެކަމަކު އަދި މިހިސާބުން އެކަން ނިމުނީ ކަމަށް ބެލޭކަށެއް ނެތް، ސަބަބަކީ 2013 ވަނަ އަހަރު އަނެއްކާ ވެސް އިންތިހާބެއް އެބައޮތް، މި އިންތިހާބުގައި މުހައްމަދު ނަޝީދަށް ނުވަތަ އޭނާގެ ބައިވެރިންނަށް މިގައުމުގެ ވެރިކަން އަނބުރާ ލިބިއްޖެއްޔާމުން ދެން ވިއްކާނީ ހަމައެކަނި އެއާޕޯޓެއް ނޫން، ކަނޑާއި ހުރިހާ ތަނެއް ވެސް ވިއްކާލާނެ، އެހެންވީމާ އަޅުގަނޑުމެން ހުރިހާ ރައްޔިތުން ނިކުމެ މިކުރި މަސައްކަތް އަލުން އަނެއްކާ ކުރަން ޖެހިދާނެ، އެހެންވެގެން އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ސިޔާސީ ހުރިހާ ބައިވެރިން އެންމެން އެކުގައި އެއްވަލެއްގައި އެއްކޮޅަކަށް އެއްކޮލަކަށް ދަމަން" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ލީޑަރެއްގެ ހައިސިއްޔަތުން އުމަރު ރޭ ވިދާޅުވީ ވަލެއްގެ އެއްކޮޅުގައި ގައުމިއްޔަތާއި ދީނުގެ މީހުން ތިބޭއިރު އެ ހިފަހައްޓައިގެން ތިބި އެންމެން އެކަކު އަނެކަކާއި ދިމާލަށް ބަޑި ދިއްކޮށްގެން ދަތި އަޅުވަން އުޅުމުގެ ބަދަލުގައި އެންމެންގެ ބަޑިތައް އަނެއްކޮޅާއި ދިމާލަށް އަނބުރާލާއި 2013 ގައި ދަމައިގެން ނޫނީ ގައުމު ސަލާމަތްނުކުރެވޭނެ ކަމަށާއި އެހެންކަމުން ސިޔާސީ ހުރިހާ ޕާޓީތަކެއް އިސްވެރިންނަށާއި ސިޔާސީ ހުރިހާ ލީޑަރުން އެކަތިގަނޑަކަށްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
"އަޅުގަނޑުމެން އަޅުގަނޑުމެންގެ ދޭތެރޭގައި ކަންކަން ގޯސްކޮށް ކޮށްފިއްޔާ ކަމަކު ނުދާނެ، ތިޔަބޭފުޅުންގެ ވިސްނުމަށް ގެންނަވާ، ވަލެއްގެ ދެކޮޅުގައި އެއްކޮޅުގައި ހިފަހައްޓައިގެން މިއޮތީ ރީންދޫ ކުލައިގެ މީހުން، ވަލުގެ އައެކޮޅުގައި ތިބީ ބޮއިގެން ތިބި މީހުންނާއި ލާދީނީ މީހުން، ވަލުގެ އަނެއްކޮޅުގައި ހިފައިގެން މިތިބީ ގައުމިއްޔަތާއި ދީން ސަލާމަތްކުރަން ހިފަހައްޓައިގެންތިބި މީހުން، މިވާ ކޮންމެ ފަހަރަކުވެސް ގައުމިއްޔަތާއި ދީން ސަލާމަތްކުރާ މީހުންގެ އަތަށް އާދޭ، 7 ފެބްރުއަރީގައި ވެސް އަޅުގަނޑުމެން އެވާ ގެނައިން" އުމަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދު ހަމައެކަނި ސަލާމަތްކުރަންޖެހޭނީ 2013 ގެ އިންތިހާބުތައް ނޫން ކަމަށާއި 2014 ގެ މަޖިލިސް އިންތިހާބާއި އޭގެ ފަހުން އޮންނަ އިންތިހާބުތައް ވެސް ކާމިޔާބުކުރަންޖެހޭ ކަމަށެވެ. އަދި ނަޝީދުގެ އަތްޕުޅުގައި ހިފަހައްޓައިގެން އެހެން ދީންތައް ފަތުރަން އުޅޭ ވަރަށް ބޮޑެތި ބޭރުގެ ޖަމާއަތްތައް އެބަތިބި ކަމަށެވެ.
އުމަރު ވިދާޅުވީ ދިވެހި ގައުމު ދެމެހެއްޓެނިވި ގޮތުގައި ތަރައްގީކުރުމަށް ދެމެހެއްޓެނިވި ސަރުކާރަކާއި ދެމެހެއްޓެނިވި ޕާލަމެންޓެއް 40 އަހަރު ދެމިއޮވެގެން ކަމަށާއި އެހެންނޫނީ ތަރައްގީވެފައި އޮތް ގައުމަކަށް ދިވެހިރާއްޖެ ބަދަލުނުކުރެވޭނެ ކަމަށެވެ. އެގޮތުން ދިގު ސަރުކާރެއް އޮތް މެލޭޝިއާ ސިންގަޕޫރު ފަދަ ގައުމުތަކުން މިސާލު އޭނާ ދެއްކެވި އެވެ.
"އަޅުގަނޑު މިގޮވާލަނީ އަޅުގަނޑުމެން ކޮޅުގައި ތިބި ހުރިހާ ސިޔާސީ ވެރިންނަށް، އަޅުގަނޑުމެން ކޮޅުގައި ސާފުކޮށް ތިބޭނަމަ އަޅުގަނޑުމެން ކޮޅުގައި ތިއްބަވާށޭ، ސާފުކޮށް ނުތިއްބަވަންޏާ އަނެއް ކޮޅަށް ނައްޓާލާށޭ، އަޅުގަނޑުމެން ކޮޅުގައި ތިއްބަވާ ބޭފުޅުން އަޅުގަނޑުމެން އަޅުގަނޑުމެންނާއި ވާހަކަދައްކައިގެން ސާފު ސްޓޭބަލް ސަރުކާރެއް 40 އަހަރު ދުވަސްވަންދެން ގާއިމުކުރުމުގެ މަސައްކަތުގައި އަޅުގަނޑުމެން ތެދުވުމާއި ހިންގަވާށޭ، އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް މިރޭ މިލިބުނު ކާމިޔާބީ އަޅުގަނޑުމެންނަށް 2013 ގައި އަޅުގަނޑުމެންނަށް ގެއްލިދާނެ،" އުމަރު ވިދާޅުވި އެވެ.
ނަޝީދު ވެރިކަމަށް ގެނައުމަށްޓަކައި ގިނަ މީހުން ލާރި އަޅަމުންދާ ކަމަށާއި އެހެންކަމުން ބަލަން ތިބެވެން ނެތް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި "އަޅުގަނޑުމެން އަޅުގަނޑުމެންނަށް" ދަތިއަޅުވައިގެން ތިބެވޭކަށެއް ނެތް ކަމަށާއި އެހެންކަމުން މިމަސައްކަތުގައި ސިޔާސީ ވެރިން ބައިވެރިވުމަށް އޭނާ ރޭ ގޮވާލެއްވި އެވެ. އަދި އެކަމުގައި ޕީޕީއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ