ބަޔަކު ސަލާމަތް ކުރަން ގަސްދުގައި ނުބައިކޮށް ދައުވާ އުފުލާފައިވުން އެކަށީގެންވޭ - އަބްދުﷲ ގާޒީ

މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުޙުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް މީހުން ސަލާމަތް ކުރުމަށް އެމީހުންގެ މައްޗަށް ގަސްދުގައި ނުބައިކޮށް ދައުވާ އުފުލާފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ގާޒީ މިހެން ވިދާޅުވެފައި ވަަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ދެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.
ފުލުސް މީހާއަށް ހަމަލާދިން މައްސަލައިގައި މިއަދު ބޭއްވި ޝަރީޢަތުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ގާޒީ ވިދާޅުވީ އެމީހަކު ކުރި ކުށަކާ ގުޅޭ ގޮތަށް ދައުވާ ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އެގޮތުން ފުލުސް މީހާގެ ގައިގައި އަތުން ފައިން ޖަހައި ހަމަލާދިން މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް "ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ" ދަޢުވާ ކޮށްފައިވާކަން ފާހަގަ ކުރައްވަމުން ގާޒީ ވިދާޅުވީ، ކުށުގެ ސީޣާއިން އެމީހުންނަކީ ކުށުގެ ބައިވެރިން ނޫން ކަމާއި އެމީހުންނަކީ އަމަލީގޮތުން ކުށެއް ކުރި މީހުންކަން ސާފުކޮށް އެނގޭ ކަމަށެވެ.
މިކަމާއި ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ އެމީހުންނާއި އެކު އުޅުނު މީހުން ފުލުސް މީހާއަށް ހަމަލާދީފައި ވާކަމަށާއި، އެމީހުންގެ މައްޗަށް މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ކުރީ އެހެންވެ ކަމަށެވެ.
ނަމަވެސް އަބްދުﷲ ގާޒީ ވިދާޅުވީ ކޮންމެ މީހަކަށްވެސް ދައުވާ ކުރަން ޖެހޭނީ އެމީހަކު ކުރި ކުށެއްގެ މައްޗަށް ކަމަށާއި، މީހަކު ކުރި ކަމެއްގެ ޒިންމާ އެހެން މީހަކު އުފުލަން ނުޖެހޭނެ ކަމަށެވެ.
ގާޒީގެ ވާހަކަތަކަށް ދިފާއީ ވަކީލުން ތާއީދު ކުރެއްވި އިރު، ދެން އޮންނަ އަޑުއެހުމެއްގައި މިކަންކަމަށް ޖަވާބުދާރީ ވުމަށް ގާޒީ ވަނީ ދައުލަތަށް އަންގާފައެވެ.
މި މައްސަލައިގެ އިތުރު ޝަރީޢަތެއް ދެން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ