އެމްޑީޕީ އިސްލާހު ކުރަންޖެހޭ – އުމަރު

އިދިކޮޅު އެމްޑީޕީ އިސްލާހު ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިސްލާހީ އެޖެންޑާއެއް އެކުލަވާލައިގެން ގައުމުގެ ކުރިއެރުމަށް ރައީސް އަބްދުﷲ ޔާމީނާ މަޝްވަރާ ކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
އުމަރު ވިދާޅުވީ ފާއިތުވީ ހައަހަރު ތެރޭގައި ވެސް އެމްޑީޕީގެ ލީޑަރޝިޕަށް އައުމުގައި ވާދަވެރިކަމެއް ނެތް ކަމަށެވެ. އަދި ލީޑަރޝިޕަށް އިންތިޙާބުވި ތިން ބޭފުޅަކު ވަނީ މަގާމުން ދުރުކޮށްފައި ކަމަށް އުމަރު ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އާއި ދެވަނަ ރައީސް ކުރީގެ ބަންޑާރަނައިބު ޑރ.މުހައްމަދު މުނައްވަރު އެމްޑީޕީ އިން ވަކިވީ ރައީސް ނަޝީދު އާއި ޚިޔާލުތަފާތުވުންތައް އުފެދިގެންނެވެ. އަދި ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) އެމްޑީޕީގެ ރައީސް ކަމުން ވަކިކުރީ ވެސް ރައީސް ނަޝީދު އާއި ސިޔާސަތުތަކާއި ޚިޔާލުތަފާތުވުންތައް އުފެދިގެންނެވެ.
އުމަރު މިއަދު ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ އެމްޑީޕީ އަކީ މިހާރު ވަކި މީހެއްގެ ވަށައިގެން އެނބުރޭ ގްރޫޕަކަށް ވެފައިވާކަމަށެވެ.
އުމަރު މިއަދު އެމްޑީޕީ އަށް އަމާޒުކޮށް ބަހުގެ ހަމަލާއެއް ދެއްވިއިރު ރައީސް ނަޝީދުގެ ޖަލު ޙުކުމް ގޭބަންދަށް ބަދަލު ކުރި ކަމަށް ބުނާ ލިޔުން ތަންފީޒު ކުރަން އެމަނިކުފާނު ގެއަށް ބަދަލުކުރަން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން ގޮވާލެއްވި ގޮވާލެއްވުމަށް އުމަރު ރޭ ވަނީ ރައްދުދެއްވާފައެވެ. އެކަމަށް ރައްދުދެއްވާ އުމަރު ކުރެއްވި ޓްވީޓެއްގައި ވަނީ ފުރަތަމަ ޖަލުތަކާއި ޕެރޯލް އާއި ބެހޭ ޤާނޫނު ވިދާޅުވުމަށް ވަކީލުންނަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ