މަރުގެ އަދަބާއި ދެކޮޅަށް ޑރ ޝަހީދު ދެއްކެވި ވާހަކަތައް ތަހްޤީޤު ކުރަންޖެހޭ - ޑރ ޒިޔާދު

ރާއްޖޭގައި މަރުގެ އަދަބު ދިނުން އަލުން ތަންފީޒު ކުރަން ފެށުމަކީ ސަރުކާރަށް ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ވިދާޅުވެ، ކުރީގެ ޚާރިޖީ ވަޒީރު ޑރ އަހްމަދު ޝަހީދު ދައްކަވާފައިވާ ވާހަކަތައް ތަހްޤީޤު ކުރެވެން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހްމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.
ދިޓީވީއިން މިރޭ ފޮނުވި "ޚަބަރު ތެރެއިން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ، އދ އިން އީރާނުގެ އިންސާނީ ހައްޤުތަކާ ބެހޭ މައްސަލަތައް ބެލުމަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ ރެޕެޓުއާ ޑރ އަހްމަދު ޝަހީދު ދައްކަވާފައިވާ ވާހަކަތަކަކީ އިސްލާމް ދީން މަތީގައި ސާބިތުވެ ހުރެ ދީން ރަނގަޅަށް އެނގި، ދީނުގެ ހުކުމްތައް ރަނގަޅަަށް އެނގި ހުރެ ދީނަށް ލޯބި ކުރާ މީހަކު ދައްކާނެ ވާހަކަތަކެއް ނޫން ކަމަށެވެ.
ޑރ ޒިޔާދު ވިދާޅުވީ، ޑރ ޝަހީދު މީގެ ކުރިންވެސް އިސްލާމް ދީނާއި ބެހޭގޮތުން މިފަދަ ވާހަކަތައް ދައްކަވާފައިވާ ކަމަށެވެ.
"އިސްލާމަކަށް ވެ ހުރެ އެކަހަލަ ވާހަކަ ދެްކުމަކީ އެމީހެއްގެ އަޤީދާއާ ދޭތެރޭ ޝައްކު އުފައްދަން ޖެހޭ ވަރުގެ ކަމެއް،" އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން، މި މައްސަލަ ތަހްޤީޤު ކޮށްދިނުމަށް އެދި ދިވެހީންގެ ބަޔަކު ޝަރުޢީ ކޯޓަކަށް ހުށަހަޅަން ޖެހޭ ކަމަށާއި، މި ވާހަކަތައް ތަހްޤީޤު ކުރެވެން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމީ ޝަރީޢަތުގައިވާ މަރުގެ ހުކުމް ތަންފީޒުކުރުމަކީ ދިވެހި ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް ޑރ އަހްމަދު ޝަހީދު ވިދާޅުވީ، އިންސާނީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖެއަކީ އިސްލާމީ ޤައުމެއް ކަމުން، ހުޅަނގުގެ ޤައުމުތަކުގައި އިންސާނީ ހައްޤުތަކާއި މިނިވަންކަން ދޭ މިންވަރަކަށް ރާއްޖޭގައި ހައްޤުތަކާއި މިނިވަންކަމެއް ނުދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ