ޓޫރިޒަމް ދާއިރާގެ އިންޓާންޝިޕްގެ ފުރުސަތު ދޭން ލާޒިމުކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިންނަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން އިންޓަރންޝިޕްއަށް އެޕްރޫވަލްދިނުމުގެ އުޞޫލަށް ޓޫރިޒަމް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާގައި ބުނެފައިވަނީ އިމިގްރޭޝަން ގާނޫނުން ބާރުލިބިގެން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި ބޭރުގެ ފަރާތްތަކަށް އިންޓަރންޝިޕް ފުރިހަމަކުރުމަށް ސްޕެޝަލް ވިސާދޫކުރުމަށް މިނިސްޓްރީން ހަދާފައިވާ އުޞޫލަށް ބަދަލުތަކެއް ގެނެވި، އެކަން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް އަންގާފައިވާނެ ކަމަށެވެ.
މިގޮތުން، ގެނެވުނު ބަދަލުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިން ބިނާކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އިންޓަރނުންގެ ގޮތުގައި ބިދޭސީ ދަރިވަރުން ގެނައުމަށް ނޯ އޮބްޖެކްޝަން ދިނުމުގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ފުރުޞަތުދޭ ކޮންމެ ބިދޭސީ އިންޓަރންއަކަށް ދެ ދިވެހި ދަރިވަރުން ތަމްރީނުކުރުން ލާޒިމުކޮށްފައިވެއެވެ.
އަދި ބިދޭސީ އިންޓަރންއަށް ފުރުޞަތު ދިން މުއްދަތަށްވުރެ ކުރުނޫން ނުވަތަ އެ ކުއްޖަކު ކިޔަވާތަނަކުން ބުނެފައިވާ މުއްދަތަށް އިންޓަންޝިޕްގެ ފުރުޞަތުދޭން ޖެހޭގޮތަށް އުސޫލު ބަދަލުކޮށްފައިވާއިރު މިކަން ކަށަވަރުކުރުމުގެ ގޮތުން ބިދޭސީ ދަރިވަރުގެ ވިސާ ދޫކުރުމަށް މިނިސްޓްރީން ދޫކުރާ ނޯ އޮބްޖެކްޝަން ލެޓަރ ހޯދުމަށް އެދި މިނިސްޓްރީ އަށް ހުށަހަޅާއިރު ދެ ދިވެހި ދަރިވަރުންގެ އިންޓަރންޝިޕާއިގުޅޭ އެއްބަސްވުން ހުށަހަޅަން ލާޒިމުކޮށްފައިވާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި އުޞޫލަކީ ދުނިޔޭގެ އެކިއެކި ކިޔަވާދޭ މަރުކަޒުތަކުން އެފަރާތްތަކުގެ ދަރިވަރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ (ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، މެރީނާ، ޑައިވް ސްކޫލް، ޓޫރިސްޓް ވެސެލްސް، ޓްރެވަލް އޭޖެންސީ އަދި ޓޫރިސްޓް ގެސްޓް ހައުސް) ތަންތަނުގައި އެކި ދާއިރާތަކުން މަސައްކަތްތަކުގެ ތަޖުރިބާ ހޯދުމަށްޓަކައި އިންޓަރނުންގެ ގޮތުގައި މަސައްކަތްކުރުމަށާއި އަދި ރިސާރޗް ސްޓަޑީ ހެދުމަށް ބިދޭސީ ދަރުވަރުން އިންޓަރނުންގެ ގޮތުގައި ފޮނުވުމަށް އެދޭތީ، ސަރުކާރުން ޢަމަލުކުރުމަށް އެކުލަވާލާފައިވާ ސްޕެޝަލް ވިސާ ދޫކުރުމުގެ އުޞޫލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ