އެމެރިކާގެ ރިޔާސީ އިންތިހާބު މޮޅުވެއްޖެކަމަށް ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ. ޓްރަމްޕް މިކަން އިއުލާންކުރެއްވީ މީގެ ގަޑިއިރެއް ކުރިން ސަޕޯޓަރުންނާއި މީޑިއާއާއި ބައްދަލުކުރައްވަމުންނެވެ.
ވައިޓްހައުސްގައި ހުންނަވައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ގިނަ ސްޓޭޓެއް އެ މަނިކުފާނު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވާ ކަމަށާއި، ނަތީޖާ ބަދަލުނުވާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ. އެހެންނަމަވެސް، ވޯޓުލުމުގެ ހައްގަކީ އެ ގައުމުގެ ގާނޫނު އަސާސީއިން ދީފައިވާ އެންމެ މުހިންމެ އެއް ހައްގަށް ވާއިރު، ވޯޓުލުމުގެ ހައްގަށް އުނިކަމެއް އަންނާނެފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވޯޓު އޮޅުވާލުމަކީވެސް ބައެއްގެ ވޯޓު ލުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ. އަދިވެސް ޓްރަމްޕް ވިދާޅުވީ، "ފަތިހު 4 ޖަހާއިރު އިތުރު ވޯޓު ކަރުދާސްތައް ކުއްލިއަކަށް ފެނުން ގަބޫލުނުކުރެއްވޭނެކަމަށެވެ." މިކަން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ދާންވެސް ތައްޔާރުކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓު މިހާރު އެކުލެވިފައިވާ ގޮތުން، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިނަމަ މޮޅުވާނެ ކަމަށް ބެލެވެނީ ޑޮނާލްޑް ޓްރަމްޕެވެ. އެމަނިކުފާނުވަނީ ދާދިފަހުންވެސް ސުޕްރީމް ކޯޓަށް ބޭފުޅަކު އައްޔަން ކުރައްވާފައެވެ.
އެމެރިކާގެ އިންތިހާބުގެ ވޯޓު ގުނުން މިހާރު ކުރިއަށްދާއިރު، މޮޅުވާނެ ކެނޑިޑޭޓަކު ނިންމާނީ "ބެޓަލްގްރައުންޑް" 12 ސްޓޭޓަކުންނެވެ. މި 12 ސްޓޭޓްގެ ތެރެއިން 6 ސްޓޭޓެއްގެ ނަތީޖާ ޔަގީންވެފައިވާއިރު، އޭގެ ތެރެއިން 4 ސްޓޭޓް ކާމިޔާބު ކޮށްފައިވަނީ ޓްރަމްޕެވެ. ބާކީ އޮތް 6 ސްޓޭޓްގެ ވޯޓު ގުނުން ކުރިއަށްދާއިރު، އޭގެތެރެއިން 5 ސްޓޭޓް ކާމިޔާބުކުރާނެ ކަމަށް ބެލެވެނީ ޓްރަމްޕެވެ. އެހެންނަމަވެސް، އަދި ވޯޓު ގުނުން ނުނިމޭތީ، މޮޅުވި ކެނޑިޑޭޓަކު އިއުލާންކުރަން ދަތިކަމަށް އެ ގައުމުގެ މީޑިއާ ތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
އިންތިހާބުން މޮޅުވެއްޖެ, ސުޕްރީމް ކޯޓަށް ދާން ތައްޔާރު: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ