މައްސަލަޖެހިފައިވާ ޖަޒީރާ ރަށްތައް ސައުދީއާ ހަވާލުކުރުމުގެ އެއްބަސްވުން މިސްރުގެ މަތީ ކޯޓުން ބާތިލްކޮށްފި

ރަތްކަނޑުގެ މައްސަލަ ޖެހިފައިވާ ޖަޒީރާ ދެރަށް ސައުދީ އަރަބިއްޔާއާއި ހަވާލު ކުރުމަށް މިސްރު ސަރުކާރުން ނިންމި ނިންމުން ބާތިލްކަމަށް މިސްރުގެ އެންމެމަތީ ކޯޓުން ކަނޑައަޅައިފިއެވެ.
ރަތްކަނޑުގެ ޖަޒީރާ ދެރަށް ކަމަށްވާ ތިރާންއާއި ސަނާފިރް ސައުދީ އަރަބިއްޔާއާއި ހަވާލު ކުރުމަށް މިސްރު ސަރުކާރުން ސައުދީއާއެކު ވެފައިވާ އެއްބަސްވުމަކީ ޣައިރުގާނޫނީ އެއްބަސްވުމެއް ކަމަށް އެންމެ ފުރަތަމަ ކަނޑައެޅީ މިސްރުގެ ދަށު ކޯޓަކުންނެވެ.
ނަމަވެސް ދަށު ކޯޓުގެ ނިންމުން މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީގެ ސަރުކާރުން މިދިޔަ އަހަރުގެ ޖޫންމަހު ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބެލުމަށްފަހު ސްޕްރީމް ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.
ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ރަތްކަނޑުގެ ޖަޒީރާ ދެރަށް ކަމަށްވާ ތިރާންއާއި، ސަނާފިރަކީ މިސްރުގެ އިސްތިގްލާލްގެ ތެރޭގައި ހިމެނޭ ދެ ސަރަހައްދު ކަމަށް ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސަރުކާރުން ސައުދީއާއެކު ވެފައިވާ އެއްބަސްވުން ބާތިލް ކަމަށެވެ.
ސްޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ހުކުމް އިއްވުމާއެކު ޝަރީއަތުގެ މާލަމުގައި ތިބި އާންމުންނާއި ގާނޫނީ ވަކީލުންގެ ތަރްހީބާއި އަތްތިލަބަޑިން މުޅިތަން ގުގުމައިގެންދިޔައެވެ. އެރަށްތަކަކީ މިސްރުގެ ރަށްތައް ކަމަށްވެސް ގޮވަމުންދިޔައެވެ.
ތިރާންއާއި ސަނާފިރްގެ މައްސަލާގައި ސްޕްރީމް ކޯޓުގެ ހުކުމް މިގޮތަށް މިއައީ، އެދެރަށް ސައުދީ އަރަބިއްޔާއާއި ހަވާލުކުރުމަށް މިސްރު ސަރުކާރާއި، ސައުދީ އަރަބިއްޔާއާ ދެމެދު ވެފައިވާ އެއްބަސްވުމާމެދު ވޯޓަކަށް އެހުމަށް މިސްރު ސަރުކާރުން އެ އެއްބަސްވުން ޕާލަމެންޓަށްވެސް ހުށަހަޅާފައި ވަނިކޮށެވެ.
ރަށްތައް ސައުދީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިސްރުން ސޮއިކޮށްފައިވަނީ، ސައުދީ ރަސްގެފާނު ސަލްމާން މިދިޔަ އަހަރުގެ އޭޕްރީލްމަހު މިސްރަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ.
މިސްރު ސަރުކާރުން އޭރު ބުނެފައިވަނީ، ރަތްކަނޑުގެ އެދެރަށަކީ އެންމެ ފުރަތަމަވެސް ސައުދީ އަރަބިއްޔާގެ ދެރަށް ކަމަށެވެ. އެދެރަށް ސައުދީން މިސްރަށް ކުއްޔަށް ދީފައިވަނީ 1950 ގެ އަހަރުތަކުގައި ކަމަށެވެ. އެކަމަށް މިސްރުގެ ބައެއްފަރާތްތަކުން އެއްބަސްވިނަމަވެސް، ދެކޮޅުވެރިކަން ފެނިގެންދިޔައީ އެރަށްތައް ސައުދީއާ ހަވާލުކުރުމަށް ސަރުކާރުން ހެދި އެއްބަސްވުން ގޯސްކަމަށް ބުނެއެވެ.
ޖަޒީރާ ދެރަށް ސައުދީއާ ހަވާލުކުރުމަށް މިސްރުން އެއްބަސްވުމުގައި ސޮއިކުރުމާއެކު ސައުދީގެ އެހީތައް މިސްރު ސަރުކާރަށް އޮހިގެންދިޔައެވެ.
މިމައްސަލާގައި މިދިޔަ އަހަރުގެ އޭޕްރީލްމަހު މިސްރުގައި މުޒާހަރާތައްކޮށްގެން އެތައްސަތޭކަ ބަޔަކު ޖަލަށްވެސް ލިޔެވެ. ނަމަވެސް ފަހުން އެންމެންވަނީ ދޫކޮށްލާފައެވެ.
ޖަޒީރާ ރަށްތައް ސައުދީއާ ހަވާލު ނުކުރެވޭގޮތަށް ސްޕްރީމް ކޯޓުގެ ހުކުމް އައުމުގެ ސަބަބުން މިސްރާއި ސައުދީ އަރަބިއްޔާގެ ގުޅުމަށް ނޭދެވޭ އިތުރު އަސަރުތަކެއް ފޯރާނޭ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
މިސްރުގެ ރައީސްކަމުގައި ހުންނެވި މުހަންމަދު މުރްސީގެ ވެރިކަން އަބްދުލް ފައްތާހް އައްސީސީ އިސްވެ ހުންނަވައި 2013 ވަނަ އަހަރު ވައްޓާލައި ވެރިކަމަށް ވަޑައިގެންނެވި ފަހުން ސީސީއަށް މާލީގޮތުން އެންމެބޮޑު މަދަދެއް ދެމުންގެންދަނީ ސައުދީ އަރަބިއްޔާއިންނެވެ.
ރަތްކަނޑުގެ ޖަޒީރާ ދެރަށުގެ މިލްކުވެރިކަމާއެކު ސައުދީ އަރަބިއްޔާއާއި މިސްރާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެންނާއި އަދި ސްޕްރީމް ކޯޓުގެ ނިންމުން ހާމަވުމާއެކު ސައުދީ އަރަބިއްޔާއިން މިސްރަށް ތެޔޮ ފޯރުވައިދިނުން ހުއްޓާލަން އުޅޭކަމުގެ އިޝާރާތެއް ވަނީ ކޮށްފައެވެ. އެހެން ވެއްޖެނަމަ މިސްރަށް ބޭނުންވާ ތެޔޮ ހޯދުމަށް ދެންޖެހޭނީ އެހެން ފަރާތެއް ހޯދާށެވެ.
ސައުދީ އަރަބިއްޔާއިން ސޫރިޔާ މައްސަލާގައި ގެންގުޅޭ ސިޔާސަތުތަކަށް ތާއީދުކުރުންމަތީ މިސްރު ދެމިއޮތުމާއެކު ދެގައުމުގެ ގުޅުން އެހާބޮޑަށް ގޯސްވެގެން ނުދާނޭ ކަމަށްވެސް މީޑިއާއިން ލަފާކުރެއެވެ.
މިސްރުގެ ގާނޫނީ ބައެއް ފަރާތްތަކުން ބުނަނީ، ޖަޒީރާތަކުގެ މައްސަލައަކީ މިސްރުން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ގުޅުންހުރި މައްސަލައަކަށް ވާތީ ސްޕްރީމް ކޯޓުގެ ނިންމުން އަދި އެއްފަހަރު އިސްތިއުނާފް ކުރުމުގެ ފުރުސަތު ސަރުކާރަށް ލިބޭ ކަމަށެވެ.
އެކަމަކު މިމައްސަލާގައި ދެކޮޅަށް މަސައްކަތް ކުރި ގާނޫނީ ވަކީލުން ބުނަނީ ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ