ސިވިލް ކޯޓުގެ ގާޒީ ޒުބައިރު އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ, ގާޒީ ޒުބައިރު މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ގާޒީ ޒުބައިރަކީ 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ފ. ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގައި އަދި ދާއިރާ އިސްމެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ހދ. އަދި ދ. ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާފައިވެ އެވެ.
އޭގެ އިތުރުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގައިވެސް ގާޒީ ޒުބައިރު މަސައްކަތް ކުރެއްވި އެވެ.
އެނގިފައިވާ ގޮތުގައި, އޭނާ އިސްތިއުފާ ދެއްވީ އެހެން ދާއިރާއަކުން ގައުމަށް ހިދުމަތް ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އިސްތިއުފާ ދެއްވުމުގެ ކުރިން, ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި ދެ މަގާމަށް އޭނާ ކުރިމަތިލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ