ރިކޯޑު އަދަދެއްގެ އެތުލީޓުންނާއެކު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފި

ރިކޯޑު އަދަދެއްގެ އެތުލީޓުންނާއެކު މި އަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފިއެވެ.
މި އަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ވާދަކުރާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތެވެ. މާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 47 ސްކޫލަކުން 1،839 އެތުލީޓުން ވާދަކުރެއެވެ. އަދި އޭގެ ތެރޭގައި އަތޮޅު ތެރޭގެ 25 ސްކޫލެއްގެ އެތުލީޓުން ހިމެނެއެވެ.
މި މުބާރާތުގައި ހަތަރު އުމުރުފުރާއެއްގައި 102 އިވެންޓެއް ކުރިއަށްދާނެއެވެ. މުބާރާތުގައި އެތުލީޓުން ވާދަކުރާ އުމުރުފުރާތަކަކީ 13 އަހަރުން ދަށް ،15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
މި އަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ހޯމަ ދުވަހު ފެށިއިރު، މުބާރާތް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ހޯމަ ދުވަހު ވަނީ 100 މީޓަރު ދުވުމުގެ ހީޓުތަކާއި، އެކި އުމުރުފުރާގެ ޖެވްލިން ތުރޯ އާއި، ލޯންގް ޖަމްޕް އަދި ހައި ޖަމްޕްގެ އިވެންޓުތައް ކުރިއަށް ގެންގޮސްފައެވެ.
މި މުބާރާތުގެ ކުރިން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ޓެކްނިކަލް އޮފިޝަލުން ތަމްރީނުކުރުމުގެ ގައުމީ ފެންވަރުގެ ކޯހެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި މަހުގެ 20 ވަނަ ދުވަހު ފެށި މި ކޯހުގެ ބައިވެރިން އަންނަނީ އިންޓަ ސްކޫލް މުބާރާތުގެ ތެރޭގައި ކޯހުގެ ޕްރެކްޓިކަލް ބައި ފުރިހަމަ ކުރަމުންނެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް މި އަހަރު މި ބާއްވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ. އަދި މިއީ މާލޭ އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅި ފަހުން، އެ ތަނުގައި ބާއްވާ ފުރަތަމަ އިންޓަ ސްކޫލް މުބާރާތެވެ. މީގެ ކުރިން މި މުބާރާތް އެކުވެނި ދުވާ ޓްރެކުގައި ބޭއްވިއިރު، ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން، އިންޓަ ސްކޫލް މުބާރާތް ބޭއްވުމަށް އޭރު ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ