ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކު މި އަހަރު ރައީސް ކަމުގެ ހުވާ ކުރައްވާނެ: މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކު މި އަހަރުގެ ނޮވެމްބަރު މަހު 11 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެެއްޖެ އެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ އާޓިފިޝަލް ބީޗްގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރައީސް ކަމަށް ވަޑައިގަތުމަށް ފަހު އެ ބޭފުޅަކު އުފައްދަވާ ސަރުކާރެއްގައި ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ ކުރިއެރުންތަކާއި ތަރައްގީ ހޯއްދަވާ ދެއްވާނެ ކަމަށެވެ. އަދި ދިވެހި އަންހެނުން ކުރި އަރުވައި ބާރުވެރި ކުރުވުމަށް ވަރަށް ޚާއްސަ މަސައްކަތްޕުޅުތަކެއް މިހާރަށް ވުރެ ބޮޑަށް ކުރައްވާނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކު ނޮވެމްބަރު މަހު އެގާރަ ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނެ. އަޅުގަނޑުމެން ތިބޭނީ އެ ބޭފުޅެއްގެ ފަހަތްޕުޅުގައި. އަދި އިރާދަކުރެއްވިއްޔާ ދެން އުފެދޭ ޕީޕީއެމްގެ ސަރުކާރުގައި، އަންހެނުންގެ ތަރައްގީ އަށާއި އަންހެނުންގެ ކުރި އެރުމަށާއި އަންހެނުން ބާރުވެރި ކުރުވުމަށް، މިހާރަށް ވުރެ މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިގެން ދާނެ،" މައުމޫން ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަތާ މިއަދަށް 30 އަހަރު ފުރޭތީ ރޭ މައުމޫން ދެއްކެވި ވާހަކަފުޅުގެ ބޮޑު ބައި އަމާޒު ކުރެއްވީ އަންހެން ބޭފުޅުން ނަށެވެ.
މައުމޫން ވިދާޅުވީ ހުރިހާ ދާއިރާ އެއްގައި އަންހެނުން ނަށާއި ފިރިހެނުން ނަށް ހަމަހަމަ ފުރުސަތުތަކެއް އޮންނަން ޖެހޭނެ ކަމަށެވެ. އެގޮތުން ފާހަގަ ކުރެއްވީ ތައުލީމު އުނގެނުމާއި ތައުލީމު ދިނުމާއި އެއަށް ފަހު ވަޒީފާ އަދާ ކުރުން ނުވަތަ އުފެއްދުންތެރި މަސައްކަތްތައް ކުރުމުގެ އިތުރުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުން ފަދަ މަސައްކަތްތަކުގައި ފިރިހެނުންނެކޭ އެއްވަރަށް އަންހެނުންނަށް ވެސް ފުރުސަތު އޮންނަން ވާނެ ކަމަށެވެ. އަދި ވިދާޅުވީ އިސްލާމް ދީނުގައި ވެސް އެ ފަދަ ކަންކަމުގައި ދެ ޖިންސުގެ ތަފާތު ކުރުމެއް ނޯންނަ ކަމަށެވެ.
ރޭގެ ޖަލްސާގައި އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާ އަބްދުﷲ ޔާމިން އާއި އުމަރު ނަސީރު ބައިވެރިވެ ވަޑައިގެންފައި ވާތީ އެ ދެ ބޭފުޅުންނަށް މުޚާތަބު ކުރައްވައި މައުމޫން ވިދާޅުވީ ކުރިއަށް އޮތް އެ ޕާޓީގެ ޕްރައިމަރީއަކީ ވަރަށް ރީތިކޮށް ވަރަށް އިންސާފުވެރިކޮށް ހިނގާ ޕްރައިމަރީ އަކަށް ވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުންމެއް ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީ ތަކަށާއި މުޅި ދުނިޔެ އަށް އެ ޕާޓީން ދައްކަމުން މި އަންނަނީ ޑިމޮކްރެސީގެ ވަރަށް ރީތި މިސާލެއް ކަމަށެވެ.
"އަޅުގަނޑު ބޭނުން ވަނީ މި އަންނަ ޕްރައިމަރީ އަކީ ވަރަށް ރީތި ކޮށް ވަރަށް އިންސާފުވެރިކޮށް ހިނގާ ޕްރައިމަރީ އަކަށް ވުން. ހަގީގަތުގައި އެހެން ޕާޓީތަކަށް އަޅުގަނޑުމެން މި ދައްކައި ދެނީ ޑިމޮކްރެސީގެ ވަރަށް ރީތި މިސާލެއް. ކޮން ޕާޓީ އަކުންތޯ މި ފަދަ އިންސާފުވެރި، ދެފުށް ފެންނަ ޕްރައިމަރީއެއް ބޭއްވީ މިހާތަނަށް. އަދި ނުބާއްވާ އިނގޭތޯ. އަދި ބޭއްވުމުގެ ޚިޔާލެއް ނެތް ކަންނޭނގެ،" މައުމޫން ވިދާޅުވި އެވެ.
ބޯކޮށް ވާރޭ ވެހެން ފެށުމުގެ ސަބަބުން ރޭގެ ޖަލްސާ ދެ ފަހަރެއްގެ މަތިން ހުއްޓާލުމަށް ފަހު ފަށައިގެން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް ވާރޭ ހުއްޓާ ނުލައިގެން ޖަލްސާގެ އެޖެންޑާ މުޅިން ފުރިހަމަނުކޮށް ވަކި ހިސާބަކުން ވަނީ ހުއްޓާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ