ސީއެސްސީގެ ކުރީގެ ރައީސް ފަހުމީ އަށް ބަދަލުގެ ގޮތުގައި ދިނުމަށް ދަށު ކޯޓުން ކަނޑައެޅި އަދަދު ހައިކޯޓުން ކުޑަކޮށްފި

ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން، އެ ކޮމިޝަނުގެ ރައީސްގެ މަގާމުންނާއި ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން ވަކިކުރި މައްސަލާގައި ބަދަލުގެ ގޮތުގައި ދިނުމަށް ދަށު ކޯޓުން އެންގި އަދަދު ހައިކޯޓުން ކުޑަކޮށްފި އެވެ.
ސިވިލް ސާރވިސް ކޮމިޝަނުން ފަހުމީ ވަކިކޮށްފައިވަނީ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖުލީހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓުން 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ރައްޔިތުންގެ މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން ފަހުމީ ވަކިކުރި އިރު، 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ފަހުމީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ހުރިހާ އިޖުރާއަތްތަކެއް ބާތިލް ކަމަށް ކަނޑައަޅާފަ އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅުމާއެކު، ފަހުމީ ވަނީ މަގާމުން ވަކިކުރުުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. ގެއްލުމުގެ ބަދަލާއި އިނާޔަތްތަކާއެކު ހަ މިލިއަން ރުފިޔާ ނަގައިދިނުމަށް ފަހުމީ ދައުވާ ކުރެއްވި ނަމަވެސް، އެ މައްސަލާގައި 2015 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 421،000ރ. ނަގައިދިނުމަށެވެ.
ދައުލަތުގެ ފަރާތުން ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ހޯމަ ދުވަހު ހުކުމް ކުރީ ފަހުމީ އަށް ނަގައިދިން ބަދަލު ކުޑަ ކުރުމަށެވެ. ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ފަހުމީ އަށް ދޭންޖެހޭ ބަދަލަކީ 171،333ރ. ކަމަށެވެ. އެ ބަދަލަކީ މެލޭޝިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރު ކަމަށް ފަހުމީ އައްޔަނުކޮށް އެ މަގާމުގެ މުސާރަ ހިނގަން ފެށި ތާރީޚުގެ ކުރިއަށް ހިނގައިދިޔަ ތިން މަހާއި 10 ދުވަހަށް މަހަކު 51،400ރ.ގެ މަގުންވާ ފައިސާ އެވެ. ހައިކޯޓުން ވަނީ 30 ދުވަހުގެ ތެރޭގައި އެ ފައިސާ ފަހުމީ އަށް ދިނުމަށް ދައުލަތަށް އަންގާފަ އެވެ.
ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ބާކީ 250،400ރ. އަކީ ފަހުމީ އަށް ލިބެންޖެހޭ ބަދަލެއް ނޫން ކަމަށެވެ. އެ ފައިސާއަކީ ކޮމިޝަނުގެ މެމްބަރުކަމުގެ ދައުރުގައި ބާކީ އޮތް 20 މަހާއި 26 ދުވަހަށް ދަށު ކޯޓުން ނަގައިދިން އަދަދެކެވެ.
ހުކުމުގައި ބުނެފައިވަނީ، މެލޭޝިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރު ކަމަށް ފަހުމީ އައްޔަނުކޮށް އެ މަގާމުގެ މުސާރަ ހިނގަން ފެށި ތާރީޚުން ފަހަށް ދައުރުން ބާކީ އޮތް 20 މަހާއި 26 ދުވަހަށް، ސިވިލް ސާވިސް ކޮމިޝަނުން ފަހުމީ އަށް ލިބެމުންދިޔަ އަސާސީ މުސާރައާއި ޑެޕިއުޓީ ހައިކޮމިޝަނަރުގެ އަސާސީ މުސާރައިގެ ތަފާތު ކަމުގައިވާ 12،000ރ. ގެ މަގުން 250،400ރ. ދޭން ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ