ލޯނުގެ ފައިސާ ސަރުކާރަށް ދެއްކުމަކީ ފަރުދީ ޒިންމާ އަދާކުރުން

ސްޓޫޑަންޓް ލޯނުގެ ފައިސާ ސަރުކާރަށް އަނބުރާ ދެއްކުމަކީ ފަރުދީ ޒިންމާ އަދާކުރުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހަސަން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިމާ ނަގާފައިވާ ލޯނުގެ ފައިސާ އެއްބަސްވެފައިވާ ގޮތަށް ސަރުކާރަށް އަނބުރާ ދެއްކުމަކީ ފަރުދީ ޒިންމާ އަދާކުރުން ކަމަށެވެ. އަދި ސްޓޫޑަންޓް ލޯނުގެ ސަބަބުން ތިމާއަށް ލިބުނު މަންފާ އެހެން ޒުވާނުންނަށް ފޯރުކޮށްދެވޭތޯ މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
ރޭ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި މި ވާހަކަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްޓޫޑެންޓް ލޯން ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވެނީ މަތީ ތަޢުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން، ނުދައްކާ ހުރި ފައިސާ ލިބިގެން ކަމަށެވެ.
އަދި އެއްވެސް ގޮތަކަށް ފައިސާ އަނބުރާ ނުދައްކާ ފަރާތްތަކާއި، ވަކި ހިސާބަކުން ކޮންމެވެސް ސަބަބުތަކާއި ގުޅިގެން ފައިސާ ދެއްކުން ހުއްޓާލާފައިވާ ފަރާތްތައް އެބަތިބި ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ހަސަން ވިދާޅުވިއެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 550 ލޯނުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ހުޅުވާލާފައެވެ.
މިއަހަރު ލޯނަށް 550 ފުރުސަތު ހުޅުވާލިއިރު ޑިޕްލޮމާ ލެވެލްއަށް ދީފައިވަނީ 45 ފުރުސަތެވެ. ލައިސަންސް ޕްރޮގްރާމްތަކަށް 30 ފުރުސަތު ދީފައިވާއިރު ފުރަތަމަ ޑިގްރީއަށް 252 ފުރުސަތު ވަނީ ދީފައެވެ. މާސްޓާސްއަށް 126 ފުރުސަތު ދީފައިވާއިރު ޕީއެޗްޑީއަށް 10 ފުރުސަތު އަދި އިންތިހާބީ ދާއިރާގެ ރައްޔިތުންނަށް 87 ފުރުސަތު ވަނީ ކަނޑައަޅާފައެވެ.
ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހު ނުވަ ވަނަ ދުވަހުގެ 1:30 އާ ހަަމައަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ