ސިޔާސީ ބޭނުމަށް ނެތްވަރު ދެއްކުން، އެތައް ގައުމެއް ހަލާކު: ދިވެހީންނަށް އިބުރަތަކަށް ނުވޭތަ؟
ކޮންމެ ސަރުކާރެއްގައި ވެސް ވެރިން އެ ކުރައްވާ ވައްކަންތަކުގެ ވާހަކަ އަދި ބާއްވާށެވެ. އޭގެ އިތުރުން ކުރައްވާ އިގްތިސާދީ އަދި އިޖުތިމާއީ ދެކޮޅު ނުޖެހޭ ކަންތައްތަކަށް އެކަނި ބެލި ނަމަވެސް ދިވެހި ރާއްޖެއަކީ ދުނިޔެއަށް "ބޭޑް އެގްޒާމްޕަލް" އަކަށް ފުދޭނެއެވެ. ސަރުކާރަކަށް ފަހު ސަރުކާރަކުން, ސިޔާސީ ބޭނުމަށް ހުތް ފެލާފެލާ ގައުމު ހިނދި ވަޅޯވަނީއެވެ. ކުރުކޮށް މިސާލުތަކަށް ބަލާލާނަމެވެ. ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބަކުން ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު އެތައް ހަރަދެއް ކުއްލިއަކަށް ކުރައްވަން ފެއްޓެވިއެވެ. އެ ސަރުކާރުގައި ޓެކްސް ނެގުމާއި ޕްރައިވަޓައިޒޭޝަންގެ އުސޫލުން ސަރުކާރުގެ ކުންފުނިތައް ހިންގުންފަދަ މާލީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވައި އާމްދަނީ ހޯއްދަވަން އުޅުއްވިއެވެ. އެކަމަކު ލިބޭ އާމްދަނީއަށް ވުރެން ކުރެއްވި ހަރަދު މާ ބޮޑަށް ވެސް އިތުރެވެ. އޭގެ ތެރޭގައި ޓާގެޓެޑް ނޫން ގޮތްގޮތަށް ތައާރަފް ކުރެއްވި ސަބްސިޑީތަކާއި އާސަންދަ ފަދަ ނިޒާމުތައް ހިމެނެއެވެ. ނަތީޖާއަކަށްވީ ގައުމުގެ ދަރަނި ފަތުއަޑުކިޔާފައި މައްޗަށް ދިއުމެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް އަބްދުالله ޔާމީންގެ ވެރިކަމަށް ބަލާއިރު ވެސް މާސިންގާ ލޯންތައް ނަންގަވައިގެން ހިންގެވި މަޝްރޫއުތަކުން ގައުމަށް އުމްރާނީ ގޮތުން ފައިދާވި ނަމަވެސް މާލީ ގޮތުންވި ގެއްލުން ކުޑައެއް ނޫނެވެ. އެއީ ބޮޑެތި ލޯނު ނަގައިގެން ފައިސާ ނުލިބޭ އެތައް ބިޔަ ޕްރޮޖެކްޓެއް ހިންގެވީތީއެވެ. ހަގީގަތަކީ ސިނަމާލެ ބުރިޖުން ވެސް, އަދި ހިއްކި ބިންބިމުން ވެސް އާމްދަނީއެއް ހޯދަން ޖެހޭނެއެވެ. ދެކޮޅު ޖެހޭނެ ގޮތަކީއެއީއެވެ. އެ ސަރުކާރުގައި ވެސް 15 މިނެޓުން ދެވެން އެއާޕޯޓެއް އޮއްވައި, ވޯޓްގެ ބޭނުމަށް ކުޅުދުއްފުށީގައި އެއާޕޯޓް އެޅުންފަދަ އެތައް ކަމެއް ކުރިއެވެ. މީގެ އިތުރުން ކޮރަޕްޝަނަކީ އެ ސަރުކާރުގައި އެންމެ އާއްމު ކަންތަކެވެ. ނަތީޖާއަކަށްވީ އަނެއްކާ ވެސް ގައުމަށް ބުރަ ބޮޑުވުމެވެ. ދެން ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ސިޔާސީ ބޭނުމަށް ކަންކަން ކުރެއްވުން އޮތީ ހައްދުން ނައްޓާފައެވެ. ފެނަކައަށް އެކަނި ހައްދަވާލި ގޮތް މިސާލަކަށް ފުދޭނެއެވެ. މީގެ އިތުރުން ވޯޓްތަކާ ކައިރިކޮށް ޖައްސަވާ ކަޑައާއި ބައްސަވާ ފައިސާއަކީ މިސާލެކެވެ. ވަރަށް ރަނގަޅު ޕްލޭނަކުން ތަރައްގީ ކުރަމުން އައި ހުޅުމާލޭގެ ޕްލޭން ބޮލާލާ ޖައްސަވާފައި ވަކި ބަޔަކަށް އެ އޮއް އަގުބޮޑު ބިންތައް ހިލޭ ބައްސަވާލެއްވުމާއި މާލެ ސަރަހައްދުން ނުހިކި ހުރި ފަޅުފަޅާއި, ހާލަލާއި ގިރިގިރިންނަށް ދާންދެން ބިން ބަހާލުމަކީ ވެސް މިސާލެކެވެ. ހަމަ އެހެންމެ އެ ސަރުކާރުން އެޅި 4000 ފްލެޓް ވެސް އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި އެ ސަރުކާރުގެ ވެރިން ހިތުހުރި ގޮތަކަށް ބަހާ ހުސްކޮށްލީއެވެ. ދެވަނަ ބުރުގައި ވޯޓް ހޯއްދެވުމަށް ދުނިޔޭގެ ބާޒާރުގެ އަގަށް ބެލުމެއް ނެތި މަސް ގަންނަ އަގަށް އެ ގެނައި ކުއްލި ބޮޑު ބަދަލުގެ ސަބަބުން ވެސް ހުރިހާ ބުރައެއް ދައުލަތަށެވެ. ދެން ހުރިހާ ކަމެއް އިސްލާހު ކުރަން ވެރިކަމަށް ވަޑައިގެންނެވީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. މި ސަރުކާރަކީ އަދި ވަޒީފާ ބެހުމާއި ވޯޓްތަކާ ދިމާކޮށް ދެކޮޅު ނުޖެހޭ ކަންކަން ކުރުމުގައި ގޯސް އަނެއް މިސާލެވެ. އެހެން ސަރުކާރުތަކުން ވަޒީފާ ދޭ އަދަދު ހާމަ ކުރާއިރު މި ސަރުކާރުން އެވަރުވެސް ނުކޮށްލައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެންޑޭޓުން ބޭރުން ކަންކަން ކުރުން އޮތީ ހައްދުފަހަނަ އަޅާފައެވެ. މަގު ހަދާ ކުންފުނި ލައްވައި ހޮސްޕިޓަލް އަޅުވާފައި އެއާޕޯޓް ކުންފުނި ލައްވައި ޖިމް އަޅުވަނީއެވެ. މީގެ އިތުރުން ކުލި މާފު ކުރުމާއި ކުއްލި ކުއްލިއަށް ބޮޑެތި ވައުދުވުމާ މިހެންގޮސް އެތައް ކަމެކެވެ. "ކަޑަ" ނުޖައްސަވަމޭ ވިދާޅުވިޔަސް މި ސަރުކާރުން ޖަހާ "ކަޑަ" ވަރަށް ގިނައެވެ. އިންތިޚާބެއް ބޯމަތިވެއްޖެ ނަމަ އަދި މިކަންކަން އޮތީ ހައްދުފަހަނަ އަޅާފައެވެ. ކުރީގެ ސަރުކާރުތަކަށް ވެސް އަދި މިއަދު މި ހިނގާ ސަރުކާރަށް ބެލި ނަމަވެސް ރާއްޖޭން މި ފެންނަނީ ސިޔާސީ ބޭނުމަށް އިސްކަން ދީގެން ނެތް ފެންވަރު ދައްކަން އުޅޭ މަންޒަރެވެ. ސިޔާސީ ވަގުތީ ފައިދާއަށް އިގްތިސާދު ގުރުބާން ކޮށްގެން މި ކުރާ ކަންކަމުގެ ސަބަބުން ހުރިހާ ދެރައެއް މި ވަނީ ގައުމަށެވެ. އެ ބުރަ އުފުލަން ޖެހޭނީ ނިކަމެތި ރައްޔިތުންނެވެ. ދުނިޔެއިން އެތައް މިސާލެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދު ފެންނަމުންދާ ވަރަށް ސާފު އެއް މަންޒަރެއް އެބައޮތެވެ. ދުރު ރާސްތާގެ އިގުތިސާދީ ދެމެހެއްޓެނިވިކަމަށް ވުރެ، ކުރު ރާސްތާގެ ސިޔާސީ މަންފާއަށް ސަރުކާރުތަކުން އިސްކަންދޭއިރު, އެ ގައުމުތައް ބޮޑެތި ދަރަނީގެ އަނދަވަޅަކަށް ވެއްޓިގެންދާ ތަނެވެ. ތަރައްގީގެ ދުވެލި މަޑުޖެހި، ބައެއް ހާލަތްތަކުގައި މުޅި އިގުތިސާދު ފުނޑުފުނޑުވެގެންދާ މަންޒަރު ތާރީހުންނާއި މިހާރުގެ ހާލަތުންވެސް ދަނީ ފެންނަމުންނެވެ. ބޭރުގެ ލޮޅުންތަކަށް ނާޒުކު، ކުޑަ ޖަޒީރާ އިގުތިސާދެއް އޮންނަ ދިވެހިރާއްޖެއަށް، ދުނިޔޭގެ މި ތަޖުރިބާތަކަކީ މިހާރު އެންމެ މުހިންމު އެއް ފިލާވަޅެވެ. ސިޔާސީ ގޮތުން މަގުބޫލުވުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދީ ފުންމިން ނޭނގޭ ވަޅުގަނޑަކަށް ގައުމު ވެއްޓުމުގެ ބިރު ރާއްޖެއަށް ވެސް އެބައޮތެވެ. ލަންކާގައި ހަމަނުޖެހުން -- ފޮޓޯ/ އޭޕީ އިގުތިސާދީ އުސޫލުތަކަށްވުރެ ސިޔާސީ މަންފާއަށް އިސްކަންދިނުމުން ނުކުންނަ ހިތި ނަތީޖާގެ އެންމެ ފުރިހަމަ އެއް މިސާލަކީ އަވަށްޓެރި ސްރީލަންކާއެވެ. އެ ގައުމު 2022 ވަނަ އަހަރު އިގުތިސާދީ ގޮތުން އިނދަޖެހިގެން ދިޔުމުގެ ކުރިން، ރައްޔިތުންގެ ރުހުން ހޯދުމުގެ ބޭނުމުގައި ޓެކްސްތައް ވަރަށް ބޮޑަށް ކުޑަކުރިއެވެ. އަދި އިގުތިސާދީ ގޮތުން އެކަށީގެންވާ ފައިދާއެއް ނުލިބޭ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ބޮޑެތި އަދަދުތަކުން ލޯނު ނެގިއެވެ. މީގެ އިތުރުން، ކުއްލިއަކަށް ކެމިކަލް ގަސްކާނާ މަނާކުރުން ފަދަ ސިޔާސަތުތަކުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއަތް ފުނޑުފުނޑުވިއެވެ. ކޮވިޑްގެ އާލަމީ ވަބާއާއެކު ފަތުރުވެރިކަމަށް އެރި ލޮޅުމާއެކު، ލަންކާގެ އިގުތިސާދު ބަނގުރޫޓުވީ މިފަދަ ސިޔާސީ ނިންމުންތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށްވެފައި ވަނިކޮށެވެ. އޭގެ ނަތީޖާއަކަށްވީ ތެލާއި ކާބޯތަކެތި ހުސްވެ، ރައްޔިތުން މަގުމައްޗަށް ނުކުމެ މުޅި ސަރުކާރު ބަދަލުކުރަން ޖެހުމެވެ. ޕާކިސްތާނުން ވެސް ފެންނަނީ ހަމަ މިފަދަ މަންޒަރެކެވެ. ރައްޔިތުންގެ ތާއީދު ދެމެހެއްޓުމަށްޓަކައި ތެލާއި ކަރަންޓަށް ދޭ ސަބްސިޑީތައް ހިފެހެއްޓުމުގެ ސަބަބުން، ގެންނަންޖެހޭ އިގުތިސާދީ އިސްލާހުތައް ގެނައުން ލަސްވިއެވެ. ނަތީޖާއަކަށްވީ ތަކުރާރުކޮށް އައިއެމްއެފްގެ އެހީއަށް އެދެންޖެހުމާއި، އިންފްލޭޝަން މައްޗަށް ގޮސް ފައިސާގެ އަގު ވެއްޓުމެވެ. މިއަދުވެސް ޕާކިސްތާނު އޮތީ ދަރަނި އަދާކުރުމަށްޓަކައި އިތުރު ލޯނު ނަގަންޖެހޭ ފަދަ ނުރައްކާތެރި ހާލަތެއްގެ ތެރޭގައެވެ. ރާއްޖެއާ ވަރަށް ދުރުގައި އޮތް އާޖެންޓީނާއަށް ބަލާއިރު، އެތައް އަހަރެއް ވަންދެން ޕޮޕިއުލިސްޓް ސިޔާސަތުތަކުގެ ދަށުން ކުރި ހަރަދުތަކާއި، އަގުތައް ކޮންޓްރޯލްކުރުމުގެ ސަބަބުން 2024 ވަނަ އަހަރު އެ ގައުމުގެ އިންފްލޭޝަން ރޭޓް ވަނީ 178 އިންސައްތައަށް އަރާފައެވެ. ނަމަވެސް ފަހުން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު މި އަހަރުގެ ކުރީކޮޅު އެ އަދަދު ވަނީ 33 އިންސައްތައަށް ތިރިކުރެވިފައެވެ. މިއީ ހަރުކަށި ފިޔަވަޅުތަކުން ނަތީޖާ ނެރެވިދާނެކަމުގެ ހެއްކެކެވެ. ގްރީސްގެ 2010 ގެ ދަރަނީގެ ކާރިސާއަކީވެސް ދައުލަތުގެ ހަރަދުތައް ކޮންޓްރޯލުން ނެއްޓިގެން ދިޔުމުގެ ސަބަބުން ކުރިމަތިވި ކަމެކެވެ. އެކަމުން ސަލާމަތްވުމަށް ގްރީސްގެ ރައްޔިތުންނަށް އެތައް އަހަރެއް ވަންދެން ދަތި އުނދަގޫތަކެއް ތަޙައްމަލުކުރަން ޖެހުނެވެ. އަޅާނުލައި ތިއްބަސް ރާއްޖެއަށް ނުރައްކާ ކުޑައެއް ނޫން ދިވެހިރާއްޖެ އަދި އެފަދަ ކާރިސާއެއްގެ ތެރެއަށް ނުވެއްޓުނު ކަމުގައިވިޔަސް، އިގުތިސާދީ މާހިރުން ދަނީ ރާއްޖޭގެ އިގުތިސާދީ އޮނިގަނޑުގައި ހުރި ނާޒުކު ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ދައުލަތުގެ ދަރަނި ބޮޑުވުމާއި، ބޭރުގެ ފައިނޭންސިންއަށް ބަރޯސާވާ މިންވަރު އިތުރުވުމަކީ ބޮޑު ރިސްކެކެވެ. ވޯލްޑް ބޭންކާއި އައިއެމްއެފްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 110 އިންސައްތައިގައެވެ. މިއީ ކުޑަ އިގުތިސާދަކަށް އުފުލަން ވަރަށް ބޮޑު ބުރައެކެވެ. ގައުމެއްގެ އިގުތިސާދީ ހާލަތު ވަޒަންކުރާނެ އެންމެ މުހިންމު އެއް މިންގަނޑަކީ ދައުލަތުގެ ދަރަންޏެވެ. ދަރަންޏަކީ ހަމައެކަނި ސަރުކާރުން ދައްކަންޖެހޭ ފައިސާއެއް ނޫނެވެ. އެއީ ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ މާލީ ޒިންމާއެކެވެ. ދައުލަތުގެ ދަރަނި މައިގަނޑު ގޮތެއްގައި ބެހިގެންވަނީ އެތެރޭގެ ދަރަންޏާއި ބޭރުގެ ދަރަނީގެ މައްޗަށެވެ. ދެހާސް އަށް ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ސަރުކާރުތަކުން މި ދަރަނި މެނޭޖުކޮށްފައިވާ ގޮތަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. ތިރީސް އަހަރުގެ ދިގު ވެރިކަމަކަށްފަހު، 2008 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނުއިރު ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި ހުރީ ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާގައެވެ. އޭގެ ފަހުން އައި ރައީސް ނަޝީދާއި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަން ނިމި، 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދަރަނި ވަނީ 27 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ރާއްޖޭގައި އުމްރާނީ ބޮޑެތި މަޝްރޫއުތަކެއް ހިންގިއެވެ. ސިނަމާލެ ބްރިޖާއި އެއާޕޯޓު ތަރައްގީކުރުން ފަދަ މަޝްރޫއުތަކަށް ބޭރުގެ މާލީ އިދާރާތަކުންނާއި ގައުމުތަކުން ބޮޑެތި ލޯނުތައް ނެގުމާއެކު، 2018 ވަނަ އަހަރު އެމަނިކުފާނުގެ ދައުރު ނިމުނުއިރު ދަރަނި ވަނީ 48 ބިލިއަނާއި 60 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް މައްޗަށް ގޮސްފައެވެ. އެއަށްފަހު އައި ރައީސް ޞާލިހުގެ ވެރިކަމުގައި ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން އިގުތިސާދު ހުއްޓުމަކަށް އައެވެ. ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި އެތެރެއާއި ބޭރުން ގިނަ ލޯނުތަކެއް ނެގިއެވެ. ނަތީޖާއެއްގެ ގޮތުން، 2023 ވަނަ އަހަރު އެ ސަރުކާރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 120 ބިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފައެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، ކޮންމެ ސަރުކާރަކުންވެސް ދަރަނި ނަގާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ތަރައްގީއަށްޓަކައި ދަރަނި ނެގުމަކީ އިގުތިސާދީ ގޮތުން ގޯހެއް ނޫނެވެ. ނަމަވެސް އެ ފައިސާ އިންވެސްޓްކުރެވެނީ އާމްދަނީ ލިބޭނެ މަޝްރޫއުތަކަށްތޯ ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. އެކަމަކު އެކަން ހިނގަނީ އެ ގޮތަކަށް ނޫނެވެ. އެންމެ ބޮޑު ދެރައަކީ އަދިވެސް ގޯހުގެ މައްޗަށް ގޯސް ހަދާތީއެވެ. މިހެން ގައުމެއް ހިންގަން ހެޔޮ ނުވާނެ: އިސްލާހު ކުރޭ ދުނިޔޭގެ ތަޖުރިބާއިން ފެންނަ ގޮތުގައި އާމްދަނީ އިތުރުކުރެވޭނެ މަގުތައް ނުހޯދައި ހަރަދުތައް ބޮޑުކުރުމާއި، ސަބްސިޑީތައް ފުޅާކުރުމާއި، އިގުތިސާދީ ފައިދާއެއް ނެތް މަޝްރޫއުތައް ހިންގުމަކީ ކުރު ރާސްތާގައި ރައްޔިތުންގެ ތާއީދު ލިބިދާނެ ކަންކަމެވެ. ނަމަވެސް ދުރު ރާސްތާގައި މީގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ބަލިކަށިވެގެންދެއެވެ. ބައިނަލްއަގުވާމީ ތަޖުރިބާތަކުން ސާބިތުވާ ގޮތުގައި، ގައުމެއް ބޮޑު ދަރަނީގެ ސައިކަލެއްގެ ތެރެއަށް ވަދެވިއްޖެނަމަ، އެއިން ސަލާމަތްވުމަކީ ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުންވެސް ވަރަށް އުނދަގޫ ކަމެކެވެ. އެއްކޮޅުން ސަރުކާރުތަކަށް އޮންނަނީ ހަރަދުތައް ކުޑަނުކޮށް ހިފެހެއްޓުމުގެ ޕްރެޝަރެވެ. އަނެއްކޮޅުން ސަބްސިޑީ ކަނޑާލުން ނުވަތަ ޓެކްސް ބޮޑުކުރުން ފަދަ އިސްލާހީ ފިޔަވަޅުތައް އަޅަން އުޅުމުން ރައްޔިތުންގެ ނުރުހުމާ ކުރިމަތިލާންޖެހެއެވެ. މިކަމުގެ ސަބަބުން އުފެދޭ އޮއިވަރުގައި، ދަރަނި ނެގުން މެދުނުކެނޑި ކުރިއަށްގޮސް، ދަރަނި ބޮޑުވެ، ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހެއެވެ. https://www.sun.mv/219900 މާލީ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ރާއްޖެ ފަދަ ކުދި އިގުތިސާދުތަކަށް މިކަމުގައި އޮންނަ ފުރުސަތު ވަރަށް ހަނިވާނެއެވެ. ދުނިޔޭގެ އިގުތިސާދަށް އަންނަ ހީނަރުކަމެއް، ފަތުރުވެރިކަން ދަށަށް ދިޔުން، ނުވަތަ ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު ބޮޑުވުން ފަދަ ބޭރުގެ ލޮޅުމަކާއެކު، ގައުމުގެ އެތެރޭގައި ހުރި އިގުތިސާދީ ބަލިކަށިކަން ވަރަށް އަވަހަށް ހާމަވެގެންދާނެތީއެވެ. ކޮވިޑް-19 ގެ ދުވަސްވަރު ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން ދައުލަތުގެ އާމްދަނީއަށް ކުރި އަސަރަކީ މީގެ ދިރިހުރި މިސާލެކެވެ. "ސިޔާސީ ޕްރެޝަރުތަކަށް ބޯނުލަނބައި، ހަރުދަނާ އިގުތިސާދީ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. އެކަމަކު އެކަން ކުރައްވާތަނެއް, އަދި ކުރައްވަން ގަސްތުކުރައްވާ ތަނެއް ވެސް ނުފެނޭ" މާލީ ތަޖުރިބާކާރަކު ވިދާޅުވިއެވެ. ރާއްޖޭގެ މިނިވަން އިގުތިސާދީ މާހިރުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ތަކުރާރުކޮށް ލަފާދެމުން އަންނަނީ މާލީ އުސޫލުތައް ހިފެހެއްޓުމަށާއި، ދެފުށްފެންނަ ނިޒާމެއް ގާއިމުކުރުމަށާއި، ދުރު ރާސްތާގެ ރޭވުންތެރިކަމަށް އިސްކަންދިނުމަށެވެ. މީގެ ތެރޭގައި، އިގުތިސާދީ ގޮތުން ސީދާ ފައިދާކުރާނެ މަޝްރޫއުތަކަށް އިސްކަންދިނުމާއި، ދައުލަތުގެ ހަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން ހިމެނެއެވެ. އަދި ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތެއްގެ މަތިން ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމާއި، ކުއްލިކުއްލިއަށް ސިޔާސީ މަގުސަދުތަކުގައި ސިޔާސަތުތަކަށް ބަދަލު ނުގެނައުން ހިމެނެއެވެ. ދުނިޔޭގެ މިސާލުތައް ވަރަށް ސާފެވެ. ސްރީލަންކާއިން ފެށިގެން އާޖެންޓީނާއާ ހަމައަށް، ސިޔާސީ މަންފާއަށް ބިނާކޮށް ނިންމާ އިގުތިސާދީ ނިންމުންތަކުގެ ނަތީޖާ ވަނީ ފެނިފައެވެ. ރާއްޖެ މިދަނީ އެ މަގަށެވެ. ދަރަނި މި އޮތީ ބޯނުހިކޭ ވަރަށެވެ. އެކަމަކު އަދިވެސް ގޯހުގެ މައްޗަށް ހަދަނީ ގޯހެވެ. އައިއެމްއެފް ފަދަ އިދާރާތަކުން ލަފާދީފައިވާ ގޮތަށް، ސަބްސިޑީތައް އަމާޒުކުރެވިފައިވާ ގޮތް ބަދަލުކޮށް، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ލަސްކުރާ ކޮންމެ ދުވަހަކީ، ކުރިމަގުގައި ރައްޔިތުން އުފުލަންޖެހޭނެ މާލީ ބުރަ އެތައް ގުނައަކަށް ބޮޑުވެގެންދާނެ ކަމެކެވެ. ސިޔާސީ މަގުސަދަށް މި ގައުމަށް މި ހަދަނީ ހަދާނެ ގޮތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ