ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރު ރާއްޖޭގައި ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރު ރާއްޖޭގައި

ސަރުކާރުން ފަށާފައިވާ ބިން ހިއްކުމުގެ ޕްރޮޖެކްޓުތަކަށް، މި ވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރު ނެރެފި އެވެ.
މި ތަނުން އެއް ޑްރެޖަރަކީ ބެލްޖިއަމްގެ ހަން ޑެ ނަލްގެ "ކްރިސްޓޮބަލް ކޯލޮން" އެވެ. އަނެއް ޑްރެޖަރަކީ ހަމަ އެ ކުންފުނިން އޮޕަރޭޓުކުރާ "ލީވް އެރިކްސަން" އެވެ. މި ދެ ޑްރެޖަރަކީ ވެސް ވަތުގައި އެއް ފަހަރާ 78,000 ޓަނުގެ ވެލި އުފުލޭ ވަރުގެ މާސިންގާ ދެ ޑްރެޖަރެވެ.
"ކްރިސްޓޮބަލް ކޯލޮން" ހަރަކާތްތެރިވަމުން އަންނަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތުގަ އެވެ. "ލީވް އެރިކްސަން" އިން ވަނީ މީގެ ދެ ދުވަސް ކުރިން ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފަ އެވެ.
ހަން ޑެ ނަލްގެ ޑްރެޖަރުތައް ރާއްޖެ ގެނެސްގެން އުޅެނީ އެއާޕޯޓުތައް ހިންގާ، އެމްއޭސީއެލްގެ ހަރަދުގަ އެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތައް ހިންގަން ހާއްސަކޮށްގެން ދެ ސަބްސިޑަރީ ކުންފުނި އުފައްދާފަ އެވެ. އެއީ ޕެނިންސޫލާ އިންފްރާސްޓްރަކްޗާ އާއި މެރިން އެންޑް އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓެވެ.
ޑްރެޖަރުތަކަށް އެމްއޭސީއެލްއިން ހަރަދު ކުރި ނަމަވެސް، މިއިން އެއްވެސް ކަމަކަށް ހިނގާ ހަރަދަކާ ގުޅޭ މައުލޫމާތު އާންމު ނުކުރެ އެވެ. މި ޑްރެޖަރުތައް ޗާޓަރުކުރަން ހިނގާ ސީދާ ހަރަދެއް ނޭނގުނަސް، އެކި މަސްދަރުތަކުން ފެންނަން ހުރި މައުލޫމާތުން އަންދާޒާކުރެވެނީ ކޮންމެ ޑްރެޖަރަކަށް ދުވާލެއްގެ މައްޗަށް 80،000 ޑޮލަރާއި 100،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ.
މި އަދަދުތަކަށް ބަލައިގެން ހިސާބުކުރާއިރު، އެންމެ ދަށް އަގުގައި ވެސް ދެ ޑްރެޖަރު ޗާޓަރުކުރަން އެމްއޭސީއެލްއިން 160،000 ޑޮލަރު (2.4 މިލިއަން ރުފިޔާ) ހަރަދުކުރަން ޖެހޭނެ އެވެ. އެއީ މަހެއްގެ މައްޗަށް 4.8 މިލިއަން ޑޮލަރު (74 މިލިއަން ރުފިޔާ) އެވެ.
ޑްރެޖަރުތަކަށް ހިނގާ ހަރަދު ނޭނގޭތީ ހުރި ކަންބޮޑުވުންތަކުގެ އިތުރުން، މި ޑްރެޖަރުތައް ގެނެސްގެން ވެލި ނަގައި ބިން ހިއްކާތީ ތިމާވެއްޓަށް ލިބެމުންދާ ގެއްލުމާ ގުޅިގެން ވެސް ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މިހާރު ވެސް، ރަސްމާލެ އާއި ހުޅުމާލެ ތިނެއް ހިއްކަން ވެލި ނަގާތީ، މާލެ އަތޮޅުގެ އުތުރާއި ދެކުނުގެ އެތެރެވަރި އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ކިލަނބުވެފަ އެވެ.
ހަން ޑެ ނަލްގެ ބޮޑު ދެ ޑްރެޖަރުގެ އިތުރުން، ބޮސްކާލިސްގެ "ޕްރިންސް ޑާ ނެޑާލެންޑް" އާއި "އޮރެންޖު" ވެސް މި ވަގުތު އޮތީ ރާއްޖޭގަ އެވެ. ހުޅުމާލެ ތިނެއް ހިއްކުމުގައި ހަރަކާތްތެރިވަމުން އަންނަ މި ދެ ޑްރެޖަރަކީ ވެސް އެއް ފަހަރާ 40،000 ޓަނުގެ ވެލި އުފުލޭ ވަރުގެ ދެ ޑްރެޖަރެވެ. މައުލޫމާތު ލިބޭ ގޮތުގައި ހުޅުމާލެ ނިންމާފައި މި ޑްރެޖަރުތައް ދާނީ ގިރާވަރުފަޅު ހިއްކާށެވެ.
ބޮސްކާލިސްގެ ޑްރެޖަރުތަކާ ދާދީ އެއްވަރަށް ވެލި އުފުލޭ ޗައިނާގެ ސީސީސީސީ ގުއަންޒޫ ޑްރެޖިން ކުންފުނީގެ "ޖަން ޔާން 1" ވެސް އޮތީ ރާއްޖޭގަ އެވެ. އެ ޑްރެޖަރުން ހިއްކަމުން އަންނަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެޗްއީސީ) އާ ހަވާލުކުރި ރަސްމާލޭގެ ސައިޓުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ