އިންވެސްޓަރަކު ނުވެގެން އުތުރުން ރިސޯޓު ހަދަން ދޫކުރާ ތަންތަން އަލުން ބީލަމަށް އިންވެސްޓަރަކު ނުވެގެން އުތުރުން ރިސޯޓު ހަދަން ދޫކުރާ ތަންތަން އަލުން ބީލަމަށް

ރިސޯޓުތައް އެންމެ މަދުން އޮންނަ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ހއ. އާއި ހދ. އާއި ށ. އަތޮޅުގައި ރިސޯޓު ތަރައްގީކުރަން މިދިޔަ އަހަރުގެ ތެރޭގައި ބީލަން ހުޅުވާލި 13 ސަރަހައްދަށް އިންވެސްޓަރަކު ނުވެގެން، ޓޫރިޒަމުން މިނިސްޓްްރީން އިއްޔެ އަލުން ބީލަން ހުޅުވާލައިފި އެވެ.
ޓޫރިޒަމުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ވެސް މި ފަހަރު ބީލަން ހުޅުވާލި ތަންތަނުގެ ލިސްޓުގައި ހުރި ހުރިހާ ތަނެއް ކުއްޔަށް ދޫކުރަން އިއުލާންކުރި އެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅު ވެސް މި ލިސްޓުގައި ހުރި ގިނަ ތަންތަން ކުއްޔަށް ދޭން އިއުލާންކުރި އެވެ.
ހިކިފަސް އެއްވެސް ތަނެއް ނުހިމެނޭ މި ސަރަހައްދުތައް ދޫކުރަނީ ބިން ހިއްކައިގެން، ރިސޯޓު ތަރައްގީކުރާ ގޮތަށެވެ. ކުއްޔަށް ދޫކުރާ ތަންތަނުގެ ތެރެއިން ކެލާ ފަޅުން ދޫކުރާ ދެ ޕުލޮޓު ފިޔަވައި ދެން ހުރީ ހުސް 200 ހެކްޓަރުގެ ޕުލޮޓުތަކެވެ.
އެންމެ ބޮޑު އަގުގައި ކުއްޔަށް ދޫކުރަން ޖަހާފައި ވަނީ، ހދ. މާދުނި ފަރުން ދޫކުރާ ތިން ޕްލޮޓާއި ށ. ގޮނާ ފަރުން ދޫކުރާ ތިން ޕްލޮޓެވެ. މިއިން ކޮންމެ ތަނެއްގެ އެކުއިޒިޝަން ކޮސްޓު ފަށަނީ 2.1 މިލިއަން ޑޮލަރުންނެވެ. އެންމެ އަގު ހެޔޮކޮށް ދޫކޮށްލާ ގޮތަށް އޮތީ ހދ. މާފަރުން ދޫކުރާ ތިން ޕްލޮޓެވެ. މި ތަންތަނުގެ އެކުއިޒިޝަން ކޮސްޓު ފަށަނީ 1.5 މިލިއަން ޑޮލަރުންނެވެ.
އެހެން ސަރަހައްދުތަކަށް ވުރެ ކުޑަ ނަމަވެސް، ހއ. ކެލާ ފަޅުން ދޫކުރާ ދެ ޕްލޮޓުގެ އަގު ބޮޑެވެ. އެއް ޕްލޮޓުގެ އަގަކީ 1.9 މިލިއަން ޑޮލަރެވެ. އަނެއް ޕްލޮޓުގެ އަގަކީ ދެ މިލިއަން ޑޮލަރެވެ.
މި ހުރިހާ ތަނެއްގައި ވެސް މަދުވެގެން 75 ކޮޓަރި (150 އެނދު) ތަރައްގީކުރަން ޖެހެ އެވެ. އެއީ، ހުރިހާ ތަނެއް ތަރައްގީކުރެވިއްޖެ ނަމަ، އެ ސަރަހައްދަށް އިތުކުރެވޭ 1950 އެނދެވެ.
ޓޫރިޒަމުން މި ތަންތަނުގެ ބީލަން ހުޅުވާލައިގެން އަހަރެއް ވެގެންދާއިރު އިންވެސްޓަރަކު ނުލިބިގެން އުޅޭއިރު، ހާއްސަ އިނާޔަތްތަކެއް ދީގެން ވިޔަސް ރިސޯޓު މަދު އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
ރިސޯޓުތައް މަދުވެގެން ހާއްސަ އިނާޔަތްތަކެއް ދޭން ނިންމާފައިވާ އަތޮޅުތަކަކީ، އެންމެ އުތުރުން އޮންނަ ހއ. އާއި ހދ. އާއި ށ. ގެ އިތުރުން ލ. އާއި ތ. އަތޮޅެވެ. ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު ނޫސްވެރިންނާ ބައްދަލުކުރެއްވި ހަމައެކަނި ދުވަހު، މި އަތޮޅުތަކުގައި ޓޫރިޒަމަށް ފަހިކުރަން ގަވާއިދުތައް ބަދަލުކުރާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވި ލުއިތަކާއެކީ، ޓޫރިޒަމުން މިދިޔަ އަހަރުގެ ޖޫންގައި އެ އަތޮޅުތަކުގައި ރިސޯޓުތައް ތަރައްގީކުރަން ހުޅުވާލި އެވެ. މި އަތޮޅުތަކަށް އިންވެސްޓުކުރާ ނަމަ ދޭން ނިންމި ލުއިތަކުގެ ތެރޭގައި އޯޕަން ބިޑިންގެ އުސޫލުންނާއި ކްރޮސް ސަބްސިޑީގެ ދަށުން ދޫކުރާ ތަންތަނުގެ ހެކްޓަރަކަށް ނަގާ ރޭޓުތައް ކުޑަކުރުމާއި ކްލޯސް ބިޑިންގެ ދަށުން ދޫކުރާ ބައެއް ފަޅުތަކުން ލޮކޭޝަން ޕްރިމިއަމް އުނިކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ