ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު އެންމެ ފަސް މިނެޓު ތެރޭގައި ކޮމިޓީން ފާސްކޮށްފި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެ ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް، އެއްވެސް އިސްލާހެއް ނުގެނެސް އެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.
މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.
20 ވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އެ ދުވަހުގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.
ގާނޫނުއަސާސީ އަށް މި ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ފާސްވެގެން ކަމަށް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. މި ބިލާއި ގުޅޭގޮތުން އަދަދު އާއި ވާހަކަދައްކަވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނީ މަޖިލީހުން ފާސްކޮށް ބިލު ތަސްދީގުކޮށް ފޮނުވުމުން ކަމަށެވެ.
އެ ހިސާބުން މުއިއްޒު އެ ބިލާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށާއި ރައްޔިތުންގެ ތާއީދު މިކަމަށް ނުލިބިއްޖެނަމަ ބިލު ބާތިލުވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ދެ އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހުން ފާސްކޮށް، އަންނަ އެޕްރީލް މަހު އޮންނަ ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނެގޭނީ މި މަހު 18، ގެ ކުރިން ގާނޫނު ބަދަލުކޮށްގެން ކަމަށެވެ.
މިހާރު އޮތް ގޮތަށް ބިލު ފާސްވެއްޖެނަމަ 2028 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އޮންނާނީ އެއްކޮށެވެ. އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ކަށަވަރުވެފައިވާ ހަމައެކަނި ކެންޑިޑޭޓަކީ މުއިއްޒު އެވެ.
ދެ އިންތިހާބު އެއްކޮށްލަން ހުށަހަޅާ ބިލު ފަސް މިނެޓު ތެރޭ ކޮމިޓީން ފާސްކޮށްފި ދެ އިންތިހާބު އެއްކޮށްލަން ހުށަހަޅާ ބިލު ފަސް މިނެޓު ތެރޭ ކޮމިޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ