ތިންވަނަ ފަހަރަށް ރާއްޖެ އަންނަން ނިންމި އެންމެ ބޮޑު ސަބަބަކީ ޓޮމް: އުރުބާނީ
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑު ކޯޗުކަމުގެ މަގާމާ ތިންވަނަ ފަހަރަށް ހަވާލުވާން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އެފްއޭއެމުގެ މިހާރުގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) އެ މަގާމާ ހަވާލުވުން ކަމަށް ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީ ބުނެފިއެވެ. ހެޑް ކޯޗުކަމުގެ މަގާމާ ހަވާލުވެ ހަންގޭރީގެ މީޑިއާގައި ވާހަކަދައްކަމުން އުރުބާނީ ބުނީ ރާއްޖޭގެ ކޯޗުކަމުގެ ޒިންމާއާ ހަވާލުވާން ނިންމީ ވަރަށް އުފަލުން ހުރެ ކަމަށެވެ. އަދި ނިންމުން ނިންމަން އެއްވެސް އުނދަގުލެއް ކުރިމަތިނުވާ ކަމަށްވެސް ބުންޏެވެ. ޓޮމް އަކީ 2009 ވަނަ އަހަރު އުރުބާނީގެ ކޯޗުކަމުގެ ދަށުން ސާފް ޗެމްޕިއަންޝިޕުގެ ފައިނަލާ ހަމަޔަށް ދަތުރުކުރި ގައުމީ ފުޓުބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އަދި އެފަހަރުގެ މުބާރާތުގައި އޭނާ ވަނީ ރަންބޫޓުވެސް ހޯދާފައެވެ. އޭގެފަހުން 2011 ގެ ސާފްގައި ވެސް އުރުބާނީއާއެކު ޓޮމް އަކީ މުހިންމު ކުޅުންތެރިއެކެވެ. ރާއްޖޭގެ ހެޑު ކޯޗުކަމާ ހަވާލުވި އުރުބާނީ-- އުރުބާނީ ބުނީ އެ ހުރިހާ ފަހަރަކަށްވުރެ އޭނާއަށް އެންމެ ބޮޑު އުފަލެއް ލިބުނީ ޒުވާން ގައުމީ ޓީމާއެކު 2013 ވަނަ އަހަރު ބޭއްވި ރާޖަޕަކްސާ އިންޓަނޭޝަނަލް މުބާރާތް ކާމިޔާބުކުރުން ކަމަށެވެ. "އެފަހަރު ތަށި ހޯދައިގެން އެނބުރި ރާއްޖެ އައުމުން ހީވީ ދުނިޔޭގެ ބޮޑު މުބާރާތެއްގެ ތަށި ހޯދައިގެން އައިހެން، އެހާވެސް ފޯރި އޮންނަ ބައެއް ދިވެހިންނަކީ ފުޓުބޯޅައަށް، ފުޓުބޯޅައަކީ ދިވެހިންގެ އެއްވަނަ ކުޅިވަރު" އުރުބާނީ ބުންޏެވެ. ރާޖަޕަކްސަ މުބާރާތުގެ ޓްރޮފީއާއެކު އުރުބާނީ-- ފޮޓޯ: މޯލްޑިވްސޮކާ އުރުބާނީ، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށާއި، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް އައްޔަންކުރުމަށް ނިންމީ އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމުގައެވެ. އުރުބާނީގެ ކޯޗިންގ ކެރިއަރުގައި ވަނީ، ހަންގޭރީގެ ފުރަތަމަ ޑިވިޝަނުގެ އިތުރުން އެމެރިކާގެ މޭޖާ ލީގު ސޮކާގެ ސްޕޯޓިންގ ކެންސަސް ސިޓީއަށް އިރުޝާދު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ