ފަށްކުރުމެއް!: ސަބާގެ އަހުލުވެރިން: ސައިލުލް ޢަރިމު ފޮނުއްވާ އެބައިމީހުންގެ ބަގީޗާތައް ހަލާކު ކުރެއްވުން-

ޢަލީ އިޙްޞާން ފިރާޤް
 
ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ސަބާއަކީ މީހަކަށް ކިޔޭ ނަމެކެވެ. އަލްޙާފިޡް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. އިބްނު އިސްޙާޤާއި އެނޫންވެސް ނަސަބުގެ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ސަބާގެ ނަމަކީ عَبْدُ شَمْسِ بْنُ يَشْجُبَ بْنِ يَعْرُبَ بْنِ قَحْطَان އެވެ. އޭނާއަކީ ސަބާގެ ފުރަތަމަ ޢަރަތްބެވެ. އެހެންކަމުން އޭނާގެ ނަމަކަށް ސަބާއޭ ކިޔުނީއެވެ. އޭނާއަށް الرَّائِشُ އޭވެސް ކިޔައެވެ. އެއީ އޭނާގެ މުދަލުން މީސްތަކުންނަށް ދީއުޅޭކަމުގެ ސަބަބުންނެވެ. އިމާމު ސުހައިލީ ބަޔާން ކުރައްވާ ގޮތުގައި އޭނާއަކީ އެންމެ ފުރަތަމަ ތާޖެއް ތުރުކުރެއްވި ރަސްގެފާނެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި އޭނާއަކީ މުސްލިމެކެވެ. އޭނާވަނީ މާތް ރަސޫލާ ވަޑައިގަންނަވާނެކަމުގެ ޚަބަރުތައް އޭނާގެ ޅެންވެރިކަމުގެ ޒަރީޢާއިން ބަޔާންކުރައްވައިފައިވެއެވެ. އޭނާގެ ޅެން ބައިތުތަކުގެ ތެރޭގައި މިދަންނަވާ ޅެންބައިތުއްވެއެވެ. 
[އަދި ޤަޙްޠާނަށްފަހު ރަސޫލަކު ވެރިކަން ކުރައްވާނެއެވެ. އެކަލޭގެފާނަކީ މީސްތަކުންގެ ތެރޭގައިވި އެންމެ ހެޔޮ، އަދި ނިތްކުރިފުޅު ސާފު އިންސާނާއެވެ. އެކަލޭގެފާނަށް އަޙްމަދު އޭ ނަންކިޔިގެންވާނެއެވެ. އެކަލޭގެފާނު ދުނިޔެއަށް ފޮނުއްވަންދެން އަހަރެން ދުނިޔޭގައި ހުރުމަށް އަހަރެން ކިހާ ވަރަކަށް އެދެން ހެއްޔެވެ؟ އޭރުން އަހަރެން އޭނާއަށް ތާއީދުކޮށް އެހީތެރިކަން ދޭނަމެވެ. އަހަރެންގެ މުލައްދަނޑީންނާއި އަހަރެންގެ ދުނިދަނޑިވެރީން މެދުވެރިކޮށެވެ. އެކަލޭގެފާނު ވަޑައިގެންނެވުމުން އެކަލޭގެފާނުގެ ވާގިވެރިން ކަމުގައިވާށެވެ. އެކަލޭގެފާނާ ބައްދަލުވާ މީހާ، އަހަރެންގެ ސަލާމް އެކަލޭގެފާނަށް ރައްދުކޮށްދޭށެވެ.] 
މިދެންނެވި ވާހަކަ ابْنُ دِحْيَة އޭނާގެ ފޮތްކަމުގައިވާ التَّنْوِيرِ فِي مَوْلِدِ الْبَشِيرِ النَّذِيرِ ބަޔާން ކުރައްވައިފައިވާ ކަމަށް އިބްނު ކަޘީރު ލިޔުއްވައެވެ. 
އިބްނު ޢައްބާސްގެފާނުގެ އަރިހުން އިމާމު އަޙްމަދު ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އެއްފަހަރަކު މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ގެ އަރިހުގައި މީހަކު ސުވާލު ދެންނެވިއެވެ. ސަބާއަކީ ރަށެއްތޯއެވެ. ނުވަތަ ފިރިހެނަކަށް ކިޔޭ ނަމެއްތޯއެވެ. ނުވަތަ އަންހެނެއްތޯއެވެ. ޙަދީޘް ކުރެއްވިއެވެ. އެއީ ފިރިހެނެކެވެ. އޭނާއަށް ދިހަ ދަރީން ލިބިފައިވެއެވެ. އޭގެ ތެރެއިން ހަ ކުދީން ޔަމަނުގައި ވަޒަންވެރިވިއެވެ. އަނެއް ހަތަރު ކުދީން ޝާމުކަރައިގައި ވަޒަންވެރިވިއެވެ. ޔަމަނުގައި ވަޒަންވެރިވި ކުދީންނަކީ مَذْحِجٌ އާއި كِنْدَةُ އާއި الْأَزْدُ އާއި الْأَشْعَرِيُّونَ އާއި أَنْمَارٌ އާއި حِمْيَ އެވެ. ޝާމުކަރައިގައި ވަޒަންވެރިވި ކުދީންނަކީ لَخْمٌ އާއި جُذَامٌ އާއި عَامِلَةُ އާއިغَسَّانُ އެވެ.
{ شعيب الأرنؤوط (ت ١٤٣٨)، تخريج المسند ٢٨٩٨ • إسناده حسن • أخرجه أحمد (٢٨٩٨)} 
އަލްބިދާޔަތު ވައްނިހާޔަތުގައި އަލްޙާފިޡް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ސަބާގައި މިދެންނެވި ހުރިހާ ޤަބީލާތައް ޝާމިލުވެގެންވެއެވެ. އެބައިމީހުންގެ ތެރޭގައި التَّبَابِعَةُ ހިމެނެއެވެ. އެއީ تُبَّعٌ ގެ ޖަމްޢުއެވެ. ފާރިސީންގެ ކިސްރާ ފަދައިން، އެބައިމީހުންގެ ރަސްރަސްކަލުން ޙުކުމްކުރައްވާއިރު، އިސްތަށިފުޅުގައި ތާޖު ތުރުކުރައްވައެވެ. يمن އާއި شحر އާއި  حضر موت ގެ ރަސްރަސްކަލުންނަށް ޢަރަބިން، تُبَّعٌ  ގެ ނަންދީއުޅެއެވެ. ޝާމުކަރައާއި جَزِيرَة ގެ ރަސްރަސްކަލުންނަށް  قَيْصَر އޭ ކިޔައެވެ. ފާރިސީންގެ ރަސްރަސްކަލުންނަށް ކިސްރާއޭ ކިޔައެވެ. މިޞްރުގެ ރަސްރަސްކަލުންނަށް ފިރުޢައުނު އޭ ކިޔައެވެ. ޙަބަޝާގެ ރަސްރަސްކަލުންނަށް ނަޖާޝީއޭ ކިޔައެވެ. އަދި ހިންދުކަރައިގެ ރަސްރަސްކަލުންނަށް بَطْلَيْمُوس އޭ ކިޔައެވެ. ޔަމަނުކަރައިގެ ބިމުގައި ރަނިކަންކުރެއްވި ޙިމްޔަރުވަންހައިގެ ބޭކަނބަލަކީ بِلْقِيسُ އެވެ. އެކަމަނާގެ ވާހަކަ އަޅުގަނޑުވާނީ ސުލައިމާނުގެފާނުގެ ސީރަތުގައި ބަޔާންކޮށްފައެވެ. 
ސަބާގެ އަހުލުވެރިންނަކީ ވަރަށް ގިނަގުނަ ނިޢުމަތްތަކެއް ދެއްވައިފައިވާ ބައެކެވެ. އެބައިމީހުންނަށް ތަފާތު ވައްތަރުގެ މޭވާއަޅާ ގަސްތަކުން ފުރިފައިވާ ބަގީޗާތައް ދެއްވައިފައިވެއެވެ. ނަމަވެސް އެބައިމީހުން ﷲ އަށް އުރެދުމުގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ ބަގީޗާތައް ހަލާކުކުރެއްވިއެވެ. މި ވާހަކަ ސަބާ ސޫރަތުގެ 15 ވަނަ އާޔަތުން ފެށިގެން 19 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 
لَقَدْ كَانَ لِسَبَإٍ فِي مَسْكَنِهِمْ آيَةٌ ۖ جَنَّتَانِ عَن يَمِينٍ وَشِمَالٍ ۖ كُلُوا مِن رِّزْقِ رَبِّكُمْ وَاشْكُرُوا لَهُ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ ‎﴿١٥﴾‏ فَأَعْرَضُوا فَأَرْسَلْنَا عَلَيْهِمْ سَيْلَ الْعَرِمِ وَبَدَّلْنَاهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَيْ أُكُلٍ خَمْطٍ وَأَثْلٍ وَشَيْءٍ مِّن سِدْرٍ قَلِيلٍ ‎﴿١٦﴾‏ ذَٰلِكَ جَزَيْنَاهُم بِمَا كَفَرُوا ۖ وَهَلْ نُجَازِي إِلَّا الْكَفُورَ ‎﴿١٧﴾‏ وَجَعَلْنَا بَيْنَهُمْ وَبَيْنَ الْقُرَى الَّتِي بَارَكْنَا فِيهَا قُرًى ظَاهِرَةً وَقَدَّرْنَا فِيهَا السَّيْرَ ۖ سِيرُوا فِيهَا لَيَالِيَ وَأَيَّامًا آمِنِينَ ‎﴿١٨﴾‏ فَقَالُوا رَبَّنَا بَاعِدْ بَيْنَ أَسْفَارِنَا وَظَلَمُوا أَنفُسَهُمْ فَجَعَلْنَاهُمْ أَحَادِيثَ وَمَزَّقْنَاهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ ‎﴿١٩﴾‏
މާނައީ: [ހަމަކަށަވަރުން، سبإ ގެ أهل ވެރިން އުޅުނުތާނގައި، އެއުރެންނަށް ކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެއްވިއެވެ. (އެއީ) ދެ ބަގީޗާއެކެވެ. (އެރަށުގެ) ކަނާތްފަރާތުންނާއި، ވާތްފަރާތުންނެވެ. (އަންގަވާފަދައެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ދެއްވި رزق ން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ވެރިވާށެވެ! (ތިޔަބައިމީހުންގެ ރަށަކީ) ރަނގަޅު، މޮޅު ރަށެކެވެ. އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. ދެން އެއުރެން (އެކަލާނގެ نعمة އަށް) ފުރަގަސްދިނޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ފައިބައިގެން އަންނަ ބޮޑުވެގެންވާ ފެންގަނޑު (އެބަހީ: سيل العرِم) ފޮނުއްވީމެވެ. އަދި އެއުރެންގެ ދެ ބަގީޗާގެ ބަދަލުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ އެހެން ދެ ބަގީޗާ ދެއްވީމެވެ. ކާންނުކެރޭފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި، އެތަންމިތާނގައި ވަރަށްމަދު ކުންނާރު ގަސްތަކެއްހުރި ދެ ބަގީޗާއެވެ. އެ ޖަޒާ އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވީ، އެއުރެން كافر ވުމުގެ ސަބަބުންނެވެ. كافر ވާ މީހުންނަށް މެނުވީ، ތިމަންރަސްކަލާނގެ އެފަދަ ޖަޒާ ދެއްވަމުހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ އެ ރަށްތަކުގައި بركات ލެއްވި ރަށްތަކާއި، އެއުރެންނާ ދެމެދުގައި (ލޮލަށް ފެންނަހާ ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގައި ހިނގާބިނގާއުޅުން ތިމަންރަސްކަލާނގެ މިންވަރު ކުރެއްވީމެވެ. (ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ حال، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް އުޅޭށެވެ! ފަހެ، އެއުރެން (دعاء ކޮށް) ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ދަތުރުތަކުގެ ދެމެދުތައް މިއަށްވުރެން ދުރުކުރައްވައިފާނދޭވެ! އަދި އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވޫއެވެ. ދެންފަހެ، އެއުރެންނީ (މީސްތަކުންގެ މެދުގައި) ދެކެވޭ ވާހަކަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެތަންމިތަނަށް ތިމަންރަސްކަލާނގެ އެއުރެން ވަކިކުރައްވައި ވިއްސިވިހާލި ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަމުގައި ބޮޑަށް ކެތްތެރިވެ، ގިނަގިނައިން شكر ވެރިވާ ކޮންމެ މީހަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.] 
وَهْبِ بْن مُنَبِّه ވިދާޅުވެފައިވާ ކަމަށް مُحَمَّدُ بْنُ إِسْحَاق ބަޔާން ކުރައްވައިފައިވެއެވެ. ސަބާގެ މީހުންގެ ގާތަށް މާތްﷲ، ތޭރަ ނަބީބޭކަލުން ފޮނުއްވިއެވެ. السُّدِّيُّ ވިދާޅުވަނީ އެބައިމީހުންގެ ގާތަށް ބާރަ ހާސް ނަބީބޭކަލުން ފޮނުއްވިކަމުގައެވެ. ނަމަވެސް އެބައިމީހުންވީ ﷲ ގެ ޙިދާޔަތަށް ފުރަގަސްދިން މީސްތަކުންގެ ތެރެއިންނެވެ. بِلْقِيسُ ރަނިންގެ ޒަމާނުގައި އެބައިމީހުން އިރަށް އަޅުކަންކޮށް އުޅުނެވެ. މިގޮތަށް އެބައިމީހުން ﷲ އަށް އުރެދެމެންދިޔައެވެ. އެބައިމީހުންގެ މައްޗަށް سيل العرِم ފޮނުއްވައިފުމަށް ދާންދެންނެވެ.
އަލްޙާފިޘް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. އެބައިމީހުން ދަނޑުތަކަށް ފެންދިނުމަށްޓަކައި ދެފަރުބަދައިގެ ދެމެދުގައި ޑޭމްތަކެއް ހަދައިފައިވެއެވެ. ބުނެވޭ ގޮތުގައި އެންމެ ފުރަތަމަ ޑޭމްތައް ހެދިމީހަކީ سَبَأَ بْنَ يَعْرُبَ އެވެ. އެ ޑޭމްތަކުގެ ތެރެއިން ހަތްދިހަ ކޯރު ހިނގައިފައިވެއެވެ. ޑޭމްތަކުގައި ދަނޑުތަކަށް ފެންހިނގާނެ ތިރީސް މަގުވެއެވެ. މި ޑޭމްތައް ބިނާކޮށް ނުނިމެނީސް سَبَأَ بْنَ يَعْرُبَ މަރުވެއްޖެއެވެ. ދެން އެ މަސައްކަތް ފުރިހަމަކުރީ حِمْيَرُ  އެވެ. ކޮންމެއަކަސް ސާބާގެ އަހުލުވެރިން އުޅެމުން ގެންދިޔައީ ނުހަނު އުފާ ފާގަތިކަންމަތީގައެވެ. އެބައިމީހުންގެ ދަނޑުފަނގުތަކުގެ މޮޅުކަން ބަޔާން ކުރައްވަމުން  قَتَادَةُ  ވިދާޅުވެފައިވެއެވެ. [އަންހެނަކު އޭނާގެ ބޮލުގައި ޓުކުރިއެއް ބަހައްޓައިގެން އެ ދަނޑުތަކުގައި ހިނގައިފައިދާނަމަ، ދާދި އަވަހަށް އެޓުކުރި ދޮންވެފައްކާވެފައިވާ މޭވާތަކުން ފުރެއެވެ.] 
އަދި ބުނެވޭ ގޮތުގައި އެ ދަނޑުތަކުގައި ދަނޑަށް ގެއްލުންދޭ ޒާތުގެ އެއްވެސް ސޫތްޕެއްވެސް ނުވަތަ އެނޫން އެއްޗެއްވެސް ނޫޅެވެ. އެއީ އެތަނުގެ މޫސުމާއި، އާބުހަވާގެ ރަނގަޅުކަމުގެ ސަބަބުންނެވެ. ދެންފަހެ އެބައިމީހުން ﷲ ފިޔަވާ އެހެން ފަރާތްތަކަށް އަޅުކަންކޮށް، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ކުފުރުވާން ފެށުމުން އެބައިމީހުންގެ މައްޗަށް ސަހަރާ ތެރޭގައި އުޅޭ މީދާތަކެއް ފޮނުއްވިއެވެ. އެތަކެތިން ސަލާމަތް ވުމަށްޓަކައި އެބައިމީހުން ބޮޑެތި ބުޅާތައް ރަށަށް ގެނައެވެ. ނަމަވެސް ވީ އެއްވެސް ކަމެއްނެތެވެ. އެންމެފަހުން މީދާތައް ޑޭމްތަކުގެ ފާރުތައް ތޮރުފައި ކައިހެދުމުގެ ސަބަބުން ޑޭމްތައް ވެއްޓިއްޖެއެވެ. އެއާއެކު އަރައިގެން އައި ސައިލުތައް އެބައިމީހުންގެ ބަގީޗާތަކާއި ދަނޑުފަނގުތައް އެއްކޮށް ހަލާކުކޮށް ސުންނާފަތިކޮށްފިއެވެ. ދެން އެބަގީޗާ ބަދަލުކުރެއްވީ ކާންނުކެރޭފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި، އެތަންމިތާނގައި ވަރަށްމަދު ކުންނާރު ގަސްތަކެއްހުރި ބަގީޗާއަށެވެ. 
މިދެންނެވި އަލްބިދާޔަތު ވައްނިހާޔަތުގައި އަލްޙާފިޡް އިބްނު ކަޘީރު މި ވާހަކަ ބަޔާން ކުރައްވައިފައިވާ ގޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ