ޔޫޓިއުބް "ޝޯޓްސް" ބެލުން ހުއްޓުވުމުގެ ފުރުސަތު ބެލެނިވެރިންނަށް ދީފި

އިންޓަނެޓްގެ ރައްކާތެރިކަމާއި ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި، ޔޫޓިއުބުން ބެލެނިވެރިންނަށް ޚާއްޞަ އާ ކޮންޓްރޯލްތަކެއް ތައާރަފުކޮށްފިއެވެ. ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން ބުދަ ދުވަހު އިއުލާނުކުރި ގޮތުގައި، އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ޔޫޓިއުބް "ޝޯޓްސް" ބަލަން ހޭދަކުރާ ވަގުތު ކޮންޓްރޯލް ކުރުމުގެ ފުރުސަތު ބެލެނިވެރިންނަށް ލިބިގެންދާނެއެވެ. ޝޯޓްސް އަކީ ޓިކްޓޮކް ނުވަތަ އިންސްޓަގްރާމް ރީލްސް ފަދައިން މެދުކެނޑުމެއް ނެތި ބަލައިލެވޭ ކުރު ވީޑިއޯތަކެކެވެ. މި އާ ފީޗާގެ ދަށުން، ކުދިން ޝޯޓްސް ބަލަން ހޭދަކުރާނެ ވަގުތެއް ބެލެނިވެރިންނަށް ކަނޑައެޅޭނެއެވެ. މީގެ އިތުރުން، ބޭނުންނަމަ ޝޯޓްސް ބެލުން މުޅިން ބްލޮކް ކޮށްލުމުގެ އިޚްތިޔާރު ވެސް ބެލެނިވެރިންނަށް ލިބެއެވެ. މިއީ ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ވެސް ކުރެވިދާނެ ކަމެކެވެ. މިސާލަކަށް، ކުއްޖަކު އިމްތިހާނަށް ތައްޔާރުވާ ދުވަސްތަކުގައި ޝޯޓްސް ބްލޮކްކޮށް، ހަމައެކަނި ތައުލީމީ ވީޑިއޯ ބެލޭ ގޮތަށް ހަމަޖެއްސިދާނެއެވެ. https://sun.mv/213686 ޔޫޓިއުބުން އިތުރަށް ބުނި ގޮތުގައި، ކުދިން ނިދަންޖެހޭ ގަޑި (ބެޑްޓައިމް) ކަނޑައެޅުމާއި، މެދުކެނޑުމެއް ނެތި ގިނައިރު ވީޑިއޯ ބަލާނަމަ ބްރޭކެއް ނަގަން ހަނދާންކޮށްދޭ (ޓޭކް އަ ބްރޭކް) މެސެޖުތައް ފޮނުވުމުގެ ފުރުސަތު ވެސް ބެލެނިވެރިންނަށް މިހާރު ލިބޭނެއެވެ. މި ފީޗާތަކަކީ ބޮޑެތި މީހުންނަށް ވެސް އެމީހުންގެ އަމިއްލަ އެކައުންޓްތަކުގައި ބޭނުންކުރެވޭ ފީޗާތަކެކެވެ. ބެލެނިވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަމިއްލަ އެކައުންޓާއި ކުދިންގެ އެކައުންޓާ ދެމެދު ޓޮގްލް ވުން ނުވަތަ ބަދަލުވުމެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ކުރިއަށް އޮތް ހަފުތާތަކުގައި އެކައުންޓް ބަދަލުކުރުން ފަސޭހަވާނެ ގޮތަށް ޔޫޓިއުބް އެޕް އަޕްޑޭޓް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ ސަބަބުން ބެލެނިވެރިންގެ އެކައުންޓްގެ ފީޑަށް ކުޑަކުދިންގެ ކާޓޫންތައް (މިސާލަކަށް ބްލޫއީ ފަދަ) އައުން ހުއްޓުވުމަށް އެހީތެރިވެދޭނެއެވެ. ސޯޝަލް މީޑިއާގެ އެހެން މަންސަތައް ކަމަށްވާ ޓިކްޓޮކް، ސްނެޕްޗެޓް އަދި މެޓާގެ ފޭސްބުކާއި އިންސްޓަގްރާމުން ވެސް މިހާރު ވަނީ މިފަދަ ވަރުގަދަ ޕޭރެންޓަލް ކޮންޓްރޯލްތަކެއް ތައާރަފުކޮށްފައެވެ. ޔޫޓިއުބުން މިދިޔަ އަހަރު ވަނީ އެކައުންޓެއް ބޭނުންކުރަނީ ކުޑަކުއްޖެއްތޯ ބެލުމަށްޓަކައި އުމުރު އަންދާޒާކުރާ ޓެކްނޮލޮޖީއެއް ވެސް ތައާރަފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ