ދެކުނުގެ 4 އަތޮޅު ވައިގެ މަގުން ގުޅާލައިފި

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުން މޯލްޑިވިއަނުން ގުޅާލައިފި އެވެ.
ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ އަތޮޅު، ގދ އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ވަނީ މޯލްޑިވިއަން އެއާލައިންގެ ދަތުރުތަކުން ގުޅާލާފަ އެވެ. އެ ދަތުރުތައް ރަސްމީކޮށް ފަށާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.
ދެކުނުގެ އަތޮޅުތައް ރަސްމީކޮށް ގުޅާލުމަށްޓަކައި މިއަދު ހަވީރު އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މި ދަތުރުތައް ފެށުމުގެ ހުއްދަ މޯލްޑިވިއަންއާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީނެވެ. މޯލްޑިވިއަންގެ ފަރާތުން އެ ހުއްދައާ ހަވާލުވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
މި ޚިދުމަތަށް ބޭނުންކުރާނީ ޑީއެޗްސީ-6-300 ޓްވިން އޮޓާ ބޯޓެވެ. މި ބޯޓުތަކުގައި ގާތްގަނޑަކަށް 15 ވަރަކަށް މީހުންނަށް ދަތުރުކުރެވޭނެއެވެ.
ދެކުނުގެ ދަތުރުތަކާއި އަގުތައް:
* ގަން-ފުވައްމުލައް: 500ރ
* ފުވައްމުލައް-ކޫއްޑޫ: 650ރ
* ފުވައްމުލައް-ކާޑެއްދޫ: 650ރ
* ގަން-ކާޑެއްދޫ: 900ރ
* ގަން-ކޫއްޑޫ: 900ރ.
މޯލްޑިވިއަނުން ބުނީ ދެކުނުގެ އަތޮޅުތައް ގުޅުވާލުމަށް ކުރަމުން އަންން މަސައްކަތަކީ ޓްރާންސްޕޯޓް މިނިސްޓްރީން ސަރަހައްދީ ދަތުރުފަތުރު ހަރުދަނާ ކުރުމަށް ގެންގުޅޭ ސިޔާސަތާއި އެއްގޮތްވާ ގޮތުގު މަތިން ފަށާ ކަމެއް ކަމަށެވެ. އަދި މި ދަތުރުތައް ފެށުމުން އެ ސަރަހައްދުގެ ވައިގެ އުދުހުންތަކުގެ ހަބަކަށް އައްޑޫ ގަން ވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ