ޕީއެންސީ އަށް ގޮނޑިތައް ދީގެން ނޫނީ ތަރައްގީ ނުގެނެވޭނެ ކަމަށް ބުނުމަކީ ހުދުމުހުތާރުކަމުގެ ސިފައެއް!

ލޯކަލް ކައުންސިލްތަކުގެ ގޮނޑިތައް ވެރިކަން ކުރާ ޕާޓީއަށް ދީގެން ނޫނީ ތަރައްގީ ނުގެނެވޭނެ ކަމަށް ބުނުމަކީ ހުދުމުހުތާރުކަމުގެ ސިފައެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.ރައީސް މުއިއްޒު މިފަހުން ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވަން ކައުންސިލަރުން އިންތިހާބުކުރާ ނަމަ އެ ސަރަހައްދެއްގެ ތަރައްގީގެ މަސައްކަތް އެ ހިސާބުން ހުއްޓޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ ކައުންސިލްތަކުން ކުރާނީ ސިޔާސީ މަސައްކަތްތައް ކަމަށާއި ސަރުކާރުގެ ވައުދުތައް ހާސިލްވިޔަ ނުދޭން ކަންކަން ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ."އެއީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ މި ގައުމުގައި ތަރައްގީ ވަރަށް ބާރު ސްޕީޑުގައި ހިނގަން. ގައުމުގައި ހަމަޖެހުން ގާއިމުވެ، އަޅުގަނޑު ރައްޔިތުންނަށްޓަކައި ވައުދުވެ، ރައްޔިތުން އެ ވައުދުތައް ފުއްދުމަށް އަޅުގަނޑަށް އިތުބާރުކޮށް، ދީފައި މިވާ ޒިންމާ އަދާކުރުމުގައި ބާރު ސްޕީޑުގައި ދާން ބޭނުންވަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.މި ވާހަކައަށް ރައްދުދެއްވަމުން ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރައީސް ޔާމީން ރޭ ވިދާޅުވީ ދައުލަތުގެ އެންމެ މަތީ ވެރިޔަކު އެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމަކީ އިންތިހާބަކާ ދިމާކޮށް ރައްޔިތުންނަށް ދޭ އިންޒާރެއް ކަމަށެވެ. އަދި ވެރިކަމުގެ ބާރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބިފައި އޮތް އިރުވެސް، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ތަރައްގީގެ "ޒައްރެއްގެ މިންވަރު" ވެސް ގެނެސްދެވިފައި ނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކައުންސިލްތަކުގެ ގޮނޑިތައް ދިން ނަމަވެސް މި ސަރުކާރަށް ތަރައްގީ ގެނެސްދެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.މީގެ އިތުރުން، މިހާރު ވެރިކަމުގައި ތިއްބެވީ ރައްޔިތުން އެދޭ ފަދަ ތަރައްގީއެއް ގެނެސްދެވޭނެ ފަދަ ގާބިލުކަމެއް ހުރި ބައެއް ނޫން ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ. ރައީސް މުއިއްޒުގެ ކިބައިން ފެންނަނީ "ދެއުޅިއެއް ނުވާ" ޚުދުމުހުތާރު ވެރިއެއްގެ ސިފަތައް ކަމަށް ވިދާޅުވެ، ޔާމީން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ.އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އީސީން މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ފަހަރުގެ އިންތިހާބުގައި ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.އެޕްލިކޭޝަން ހުށަހެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދީފައިވާއިރު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ. އީސީގެ ޕޯޓަލްއިން ދައްކާ ގޮތުގައި މިހާތަނަށް 300 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސަައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ