އެސް26 އަލްޓްރާ: މުޅިން އާ، ތަފާތު ޕްރައިވެސީ ޑިސްޕްލޭއެއް!

ސެމްސަންގްގެ ކުރިއަށް އޮތް ފްލެގްޝިޕް ފޯނު، ގެލެކްސީ އެސް26 އަލްޓްރާގައި ކުރީގެ މޮޑެލްތަކުން ނުފެންނަ ފަދަ އާ "ޕްރައިވެސީ ޑިސްޕްލޭ"އެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. މި އާ ޓެކްނޮލޮޖީއަކީ ޚާއްސަކޮށް ބޭރު ތެރޭގައި ފޯނު ބޭނުންކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މާހިރުން ގަބޫލުކުރެއެވެ. މި ޑިސްޕްލޭއާ ބެހޭގޮތުން ލިބޭ މައުލޫމާތުތަކަށް ބަލާއިރު، މިއީ ފޯނުގެ އަރިމަތިން ބަލާ މީހުންނަށް ސްކްރީނުން ފެންނަ މައުލޫމާތުތައް ނުފެންނާނެ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. މިއީ ސެމްސަންގްއިން 2018 ވަނަ އަހަރު ދައްކާލި ނަމަވެސް، މިހާތަނަށް އާންމު ފޯނުތަކުގައި ބޭނުންކޮށްފައިނުވާ ޓެކްނޮލޮޖީއެކެވެ. މި ފީޗާ ބޭނުންކުރުމުގައި ޔޫޒަރުންނަށް ގިނަ ފުރުސަތުތަކެއް ލިބޭނެއެވެ. އެގޮތުން، ބޭންކިން އެޕް ފަދަ ސިއްރު މައުލޫމާތު ހިމެނޭ އެޕްތައް ހުޅުވުމުން އަމިއްލައަށް މި ފީޗާ އެކްޓިވޭޓްވާ ގޮތަށް ހެދިދާނެއެވެ. އަދި، ގެލެކްސީ އޭއައި ބޭނުންކޮށްގެން، ކައިރީގައި ހުންނަ މީހަކު ފޯނަށް ބަލާލާ ވަގުތު އަމިއްލައަށް ސްކްރީން ފޮރުވާލުމުގެ ގާބިލުކަން ވެސް މި ފޯނުގައި ހުންނާނެ ކަމަށް ބެލެވެއެވެ. މި ޑިސްޕްލޭގެ ސަބަބުން ފޯނު ބޭނުންކުރާ މީހާއަށް އެއްވެސް އުނދަގުލެއް ނުވާނެއެވެ. ފޯނުގެ ކުރިމަތިން ބަލާއިރު ސްކްރީން ސާފުކޮށް ފެންނާނެ ނަމަވެސް، އަރިމަތިން ބަލާ މީހުންނަށް ސްކްރީން ފެންނާނީ ކަޅުކޮށެވެ. މިއީ މިހާރު ބައެއް މީހުން ބޭނުންކުރާ "ޕްރައިވެސީ ސްކްރީން ޕްރޮޓެކްޓާ"އާ އެއްގޮތް ކަމެއް ނަމަވެސް، މި ޑިސްޕްލޭގެ ޚާއްސަ ކަމަކީ ބޭނުން ނުވާ ވަގުތުތަކުގައި މި ފީޗާ ނިއްވާލެވުމެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މި ޕްރައިވެސީ ޑިސްޕްލޭ އަވިގަދަ ތަންތަނުގައި ވެސް ފުރިހަމައަށް މަސައްކަތް ކުރާނެއެވެ. ފޯނުގެ ބްރައިޓްނަސް އެންމެ މައްޗަށް ޖައްސާފައި ހުންނަ ވަގުތުތަކުގައި ވެސް، އަރިމަތިން ބަލާ މީހުންނަށް ސްކްރީން އެއްގޮތަކަށް ވެސް ނުފެންނާނެ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، މި ފީޗާ ބޭނުންކުރާއިރު ވެސް ސްކްރީންގެ ކޮލިޓީއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ކުލަތައް ރީތިކޮށް އަދި ތަސްވީރުތައް ސާފުކޮށް ފެންނާނެތީ، ބޭރުތެރޭގައި ފޯނު ބޭނުންކުރާއިރު ލިބޭ ހިތްހަމަޖެހުން ކުޑައެއް ނުވާނެއެވެ. ގެލެކްސީ އެސް26 އަލްޓްރާގައި ހަމައެކަނި ބަދަލުވަނީ ޑިސްޕްލޭއެއް ނޫނެވެ. މި ފޯނުގެ ކެމެރާގެ އެޕަޗާ ބޮޑުކުރުމުގެ ސަބަބުން، އަލިކަން ކުޑަ ތަންތަނުގައި ނަގާ ފޮޓޯތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވާނެއެވެ. މި ބަދަލާއެކު ފޯނުގެ ފަހަތުގައިވާ ކެމެރާ އައިލެންޑަށް ވެސް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ފޯނު ޗާޖުކުރާ ދުވެލި އަވަސްކުރުމަކީ ވެސް ގެލެކްސީ އެސް26 އަލްޓްރާއިން ފެންނާނެ މުހިންމު ބަދަލެކެވެ. އެގޮތުން، 60 ވޮޓްގެ ވަޔާޑް ޗާޖިންގް އަދި 25 ވޮޓްގެ ވަޔާލެސް ޗާޖިންގްއަށް މި ފޯނު ސަޕޯޓް ކުރާނެއެވެ. މިއީ ކުރީގެ މޮޑެލްއާ އަޅާބަލާއިރު ލިބުނު ބޮޑު ކުރިއެރުމެކެވެ. މާހިރުން ދެކޭ ގޮތުގައި މި ފޯނުގެ އެންމެ ބޮޑު "ސެލިންގް ޕޮއިންޓް" އަކީ ޕްރައިވެސީ ޑިސްޕްލޭއެވެ. މީގެ ކުރިން ތައާރަފުކުރި "އެންޓި-ރިފްލެކްޓިވް ކޯޓިންގް" ފަދައިން، މި އާ ޑިސްޕްލޭއަކީ ވެސް އެހެން ކުންފުނިތަކުން ކޮޕީ ކުރާނެ ފަދަ އިންގިލާބީ ފީޗާއަކަށް ވާނެއެވެ. މިޚާއްޞަ ފީޗާއާއިއެކު، ބައެއް ފަރާތްތަކުން އުއްމީދު ކުރަނީ ސެމްސަންގް އިން ކުރިއަށް އޮތް ތަނުގައި "ސިލިކަން-ކާބަން" ބެޓެރީ ޓެކްނޮލޮޖީ ވެސް ބޭނުން ކުރަން ފަށާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ