ްމޯލްޑިވް ގޭސް މައްސަލަ: ބާކީ 5 ދައުވާ މައުމޫނުގެ މައްޗަށް ސާބިތެއް ނުވި

މޯލްޑިވް ގޭސްގެ ރިޝްވަތު މައްސަލާގައި ބާކީ އޮތް ފަސް ދައުވާ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާން)ގެ މައްޗަށް ސާބިތުނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފި އެވެ. 
ވީކިހިނެއް؟ - މައުމޫނަށް ދައުވާކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ އެމްޑީއަކަށް އޭނާ ހުރިއިރު، 2016 އާއި 2017 ދެމެދު ކޮށްފައިވާ ހަތް މުއާމަލާތަކުން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް ޖުމްލަ 298،403.5 ޑޮލަރު (4.6 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ މައްސަލާގަ އެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ޖުމްލަ ހަތް ދައުވާއެއް ކުރި އެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، 12 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް މިދިޔަ ސެޕްޓެމްބަރު މަހު އިއްވާފައިވެ އެވެ.
ތަފްސީލް - ބާކީ އޮތް ފަސް ދައުވާއާ މެދު ގޮތް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމްކުރީ އެ ފަސް ދައުވާ ސާބިތުނުވާ ކަމަށެވެ.
އޭނާގެ މައްޗަށް މިއަދު ހުކުމް އިއްވި ފަސް ދައުވާއަކީ:
1 އޮގަސްޓް 2016ގައި: މައުމޫނާ ގުޅުން އޮންނަ މޮން އާކް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 49،949.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ
9 އޭޕްރީލް 2017ގައި: މައުމޫނާ ގުޅުން ހުރި އެހެން ކުންފުންޏެއް ކަމަށްވާ، އައި ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑްގެ އިސްލާމިކް ބޭންކް އެކައުންޓަކަށް 24،930 ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ
15 މެއި 2017ގައި: މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 46،555 ޑޮލަރު ޖަމާކުރަން މަސައްކަތްކޮށްފައިވާ މައްސަލަ
23 އޮގަސްޓް 2017ގައި: މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 49،955 ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ
8 އޮކްޓޯބަރު 2017ގައި: މައުމޫނުގެ އެއްބަފާ ބޭބެ ހަމީދުގެ ބީއެމްއެލް އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކޮށްފައިވާ މައްސަަލަ 
ތަފްސީލް އަންނަނީ--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ