ހިތުގައި ތިނަން ވާތީ... 24
"އަޅުގަނޑުމެންނަކަށް ނޭނގެ... މީ ވެރިން އެންގެވި ގޮތް..." މުވައްޒަފު ޖަވާބު ދިނެވެ. "ސައިންކޮށްލަ ދެއްވާ!.." އާކިލް ހަލުވި ފިޔަވަޅުތަކެއްގައި މުވައްޒަފުގެ ކައިރިއަށް ދިޔައެވެ. ******** "ކުރީ ދުވަހުއެއް ނޫންތަ ތަން ޗެކުކުރީ... އެދުވަހު ބުނީ ތަން ހުރީ ރަނގަޅަށޭ... މީ މިހާރު ކޮން ކަމެއް؟..." އާކިލް ހުރީ ހިތްހަމަނުޖެހިފައެވެ. "އުސޫލު ބަދަލުވެއްޖެ..." މުވައްޒަފު ބުނެލިއެވެ. "ހާދަ ހެއްވައޭ.... މިރަށަށް އެކަނި ބަދަލުވާ އުސޫލެއްތަ ތީ؟.." އާކިލް ތަންކޮޅެއް ބާރަށް ބުނެލިއެވެ. ރެސްޓޯރެންޓްގައި ތިބި މީހުން މަޑުމަޑުން ނުކުންނަން ފެށިއެވެ. އެކަންތައް އިތުރަށް ގޯސްކުރަން ބޭނުންނުވާތީ، އިވްލީން އަވަހަށް މުވައްޒަފު ދެއްކި ތަނުގައި ސޮއިކުރިއެވެ. ފޮތް ހިފައިގެން މުވައްޒަފު ގޮސް ނުކުތް ދިމާއަށް ބަލަން ހުރި އިވްލީނަށް ރެސްޓޯރެންޓްގެ ވަށައިގެން ނަޒަރު ހިންގައިލެވުނެވެ. އޭރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އެ ކެފޭއަކީ ހަމައެކަނި ވިޔަފާރިއެއް ނޫނެވެ. އެއީ އިވްލީންގެ މުޅި ދިރިއުޅުމެވެ. އޭނާގެ މައިންބަފައިންގެ އުއްމީދެވެ. "އެމީހުން ބޭނުންހާ ގޮތަކަށް ކަންތަކެއް ނުކުރެވޭނެ އަހަރެން އެކަން ބަލާނަން..." އާކިލް ފޯނު ނެގިއެވެ. ކޮންމެވެސް މީހެއްގެ ނަންބަރު ހޯދިއެވެ. އިވްލީންގެ މޭގައި އުފެދެމުން އައި ދިލަ ރިހުން ގަދަވެ، ކޮޅަށް ހުރުމަށް ދަތިވިއެވެ. އާކިލް ކީ އެއްވެސް އެއްޗެއް އޭނާއަށް އަޑެއް ނީވުނެވެ. އިވްލީން އަރިއަޅައިލިއެވެ. "އީވް..." އާކިލް ހުށިޔާރުކަމާއިއެކު، އިވްލީންގެ ގައިގައި ހިފަހައްޓައިލިއެވެ. ކެފޭގެ ބޭރުގައި ހުރި މިރާހްގެ ނަޒަރު ހުއްޓިފައިވީ އިވްލީނަށެވެ. އޭނާއަށް ވާނުވާ އެނގުނީ ބޭރަށް ނުކުތް މުވައްޒަފުގެ ފަރާތުންނެވެ. ޝައުކަތު އެ ދަރަޖައަށް ކަންތައް ގެންދާނެކަން އޭނާއަށް މާކުރިންވެސް އެނގެއެވެ. މިރާހަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. އިވްލީނަށް ހުރިހާ ހިތާމައެއް ލިބެނީ އޭނާގެ އާއިލާގެ ސަބަބުންނެވެ. އޭނާ ދެން އިވްލީނާއި ކުރިމަތިލާނީވެސް ކިހިނެއް ހެއްޔެވެ؟ އިވްލީން އަރި އަޅައިލި މަންޒަރާއި، އާކިލް ހިފެހެއްޓި މަންޒަރު މިރާހަށް ރީތިކޮށް ފެނުނެވެ. މިރާހްގެ ދެއަތް މުށްކެވުނެވެ. ހުރިހާ ކަމެއް ދިމާވަނީ ޝައުކަތުގެ ސަބަބުންނެވެ. އެ ނިކަމެތި އަންހެންކުއްޖާއަށް ހަމަޖެހިލާނެ ވަގުތެއް ޝައުކަތު ނުދެއެވެ. މިރާހް ކުރިއަށް ހިނގައިގަތް ވަގުތު ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ފޯނު ނެގި އިރުވެސް މެސެޖު ކުރީ ކާކުކަން އޭނާއަށް އެނގޭ ކަހަލައެވެ. "ސްޓޭ ސައިލެންޓް..." ޝައުކަތުގެ މެސެޖެކެވެ. މިރާހް ވަށައިގެން ނަޒަރު ހިންގައިލިއެވެ. ތަންކޮޅެއް ދުރުގައި ޝައުކަތު ހުއްޓެވެ. މިރާހް ބަލައިލުމުން، އަތުން ހަނާ އަޅައިލިއެވެ. މެސެޖު ނުވެސް ހުޅުވާ، މިރާހް އެ މެސެޖު ފޮހެލިއެވެ. ޝައުކަތު ހެމުން ގޮސް، ސައިކަލަށް އެރިއެވެ. ފަހަތުން މިރާހް އަތުވެދާނެކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. މިރާހް ހަލުވި ފިޔަވަޅުތަކެއްގައި އޮފީހަށް ވަނުމުން، ރިމްޝާއަށް ކޮޅަށް ތެދުވެވުނެވެ. ރިމްޝާއަށް ބަލައިލުމެއްނެތި މިރާހް ގޮސް ވަނީ ޝައުކަތުގެ ކެބިންއަށެވެ. އެ މޫނުގައި ޖެހިލުންވުމުގެ އަސަރެއް ނެތެވެ. ޓަކިވެސް ޖަހައިނުލައި، ދޮރު ހުޅުވާފައި އެތެރެއަށް ވަންގޮތުން، ރިމްޝާއަށް ވަށައިގެން ތިބި މުވައްޒަފުންނަށް އަވަސް ނަޒަރެއް ދެވުނެވެ. އެންމެންވެސް ތިބީ އެމީހެއްގެ މަސައްކަތުގެ ތެރެއަށް ގެއްލިފައެވެ. "ސްޓޮޕް ދިސް..." އެތެރެއަށް ވަންގޮތަށް، ހަރުކަށި ރާގަކަށް މިރާހް ބުނެލިއެވެ. ފޯނެއްގައި އިން ޝައުކަތު، ވަގުތުން ފޯނުގެ އަތްގަނޑު ބޭއްވިއެވެ. އޭނާ ދެލޯ ހަނިކޮށްލަމުން މިރާހަށް ބަލައިލިއެވެ. ރުޅި އައިސްފައި ހުރިވަރުން މިރާހަށް މާނޭވާ ލެވެއެވެ. ދެންމެދެންމެ ޝައުކަތަށް ހަމަލާއެއް ދީފާނެފަދައެވެ. މިރާހް އެހާ ރުޅި އައިސްފައި ހުއްޓައި، ޝައުކަތަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. މިރާހްގެ އަޑު ބޭރުވެދާނެތީ، އޭނާ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. "ފިޔަ ފެޅީ ދޯ؟..." ޝައުކަތު ގޮނޑިން ތެދުވިއެވެ. "ތި ހަލާކު ކުރަނީ ކުށެއް ނެތް ބައެއްގެ ދިރިއުޅުން..." މިރާހް މޭޒުގައި އަތުން ޖެހިއެވެ. "އަހަރެން މި މަސައްކަތް ކުރަނީ އާކިލްއަށް އެއްޗެއް ވިސްނައިދޭން..." ހަމަޖެހިލަން މަސައްކަތް ކުރަމުން ޝައުކަތު ބުނެލިއެވެ. "އީވްގެ ދިރިއުޅުން ހަލާކުކޮށްގެން؟..." މިރާހް އިތުރަށް ހިތްހަމަނުޖެހުނެވެ. "ކޮން އީވްއެއްތަ؟... ހީކޮށްބަލަ އެއީ މުދާގަނޑެކޭ... އެއީ ކިހާ ބޮޑު އެސެޓެއް... ހުރިހާ ގޮތަކުންވެސް... އެ ބިން ލިބިއްޖެއްޔާ އޭގެ ފައިދާ ކުރާނީ ހަމަ އަހަރެމެންގެ ފެމެލީއަށޭ... އެގޮތަށް ވިސްނީމަ ތިހާ ހަމްދަރުދީއެއް ނުވެވޭނެ..." ޝައުކަތުގެ އަޑުގައި އެއްވެސް ހަމްދަރުދީއެއް ނެތެވެ. މިރާހްގެ ހިތް ކުދިކުދިވިއެވެ. އިވްލީނަށް ނިސްބަތްކޮށް، ހާއްސަކޮށް އޭނާގެ އާއިލާގެ މީހެއްގެ ދުލުން އެފަދަ ޖުމުލަތަކެއް އަޑު އިވުމުން، ކުޑަ ހިނދުކޮޅަކަށް ނަމަވެސް ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. ޝައުކަތު ކުރިއަށް ޖެހިލިއެވެ. މިރާހްގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. އޭރު އެތެރެއިން މިރާހްގެ ރުޅިގަނޑު ފަޅައިގެން ދަނީއެވެ. "މިކަމުގެ ތެރެއަށް ވަދެއްޖެއްޔާ، ހުރިހާ އެއްޗެއް ގެއްލޭނެކަން ހަނދާން ކުރައްޗޭ!..." ޝައުކަތު އިންޒާރު ދިނެވެ. މިރާހް ހިތްހަމަނުޖެހިފައި ޝައުކަތުގެ މޫނަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. މިރާހްގެ ދެލޮލުން ޖެހިލުންވުމުގެ އަސަރެއް ނުފެނެއެވެ. އެސްފިޔަ ޖަހައިވެސް ނުލައި ޝައުކަތުގެ ދެލޮލަށް ބަލަން ހުރީ އިންޒާރެއް ދޭ ފަދައިންނެވެ. އޭގެ ކުރިން ޝައުކަތާއި ހަތަރުކަޅި ހަމަކުރަން ނުކެރޭ މިރާހަށް މިއަދު ހިތްވަރު ލިބިފައި ހުރީ ކިހިނެއް ކަމެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. "މިހާރުވެސް އަހަންނަށް ނުގެއްލޭ އެއްޗެއް ނެތް..." މިރާހް ބުނެލިއެވެ. މިރާހް ނުކުމެގެން ދިޔައިރުވެސް ޖެހި ބުދެއްހެން ޝައުކަތަށް ހުރެވުނެވެ. ކުއްލިއަކަށް މިރާހަށް އައި ބަދަލުން ޝައުކަތުގެ ބޮލުގައި ރިއްސައިލިއެވެ. އަބަދު މީހަކު މުށުތެރެއަށް ލައިގެން ނުގެންގުޅެވޭނެކަން ޝައުކަތަށް އެނގެއެވެ. އެކަމަކު، އެހާ އަވަހަށް މިރާހަށް ހިތްވަރު ލިބިދާނެކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. މަގުސަދު ހާސިލުވުމުގެ ކުރިން ހުރިހާ ކަމެއް އަނދާ އަޅިއަށް ވާން ޝައުކަތު ފުރުސަތެއް ނުދޭނެއެވެ. މިރާހް ނުކުތްއިރު، ރިމްޝާ ހުރީ، ޝައުކަތުގެ ކެބިންގެ ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ކަމެއް ގޯސްވެދާނެތީ، ރިމްޝާއަށް އެނޫން ކަމަކާއި ނުވެސް ވިސްނުނެވެ. ރިމްޝާ އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. އެކަމަކު، އެ ފުރުސަތު ނުދީ، މިރާހް މަޑުކޮށްލުމެއްވެސްނެތި ނުކުމެގެން ދިޔައީއެވެ. ******** ކެފޭގެ ބޮކިތައް ނިވާލާފައި ހުރި ނަމަވެސް، ބޭރުގައި ހަރުކޮށްފައިވާ ލައިޓްތަކުގެ އަލި، ކޮންމެވެސް ވަރަކަށް ކެފޭގެ ތެރެއަށް އެޅިފައި ހުއްޓެވެ. އިވްލީން ގޮނޑީގައި އިށީނދެލައިގެން އިންއިރު، ކައިރީގައި އާކިލް އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ އިވްލީންގެ ކަރުގައި އަޅާފައިވާ ފަށުގެ ފުލަށެވެ. އިވްލީން ބުނިހެން ފަށުފޫ، ވަނީ މަޑު އައްޔަކުން ދިއްލިފައެވެ. އަނދިރީގައި ވަކީން ރީތިކޮށް އެ އަލި ފާޅުވެއެވެ. "އަހަންނަށް ފީލް ވަނީ މި އެތި އަހަރެން ކައިރީ ކޮންމެވެސް ވާހަކައެއް ބުނަން އުޅެނީއޭ..." އިވްލީން ދޫކޮށްލީ ފުން ނޭވާއެކެވެ. "ވަޓް؟... އެ...އެއްޗޭ؟..." އާކިލް ސިހުނެވެ. އިވްލީން ކިޔައިދިން ވާހަކަތަކުން އާކިލް އިނީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. އެ ފަށުފުލަށް ބަލައިލުމުންވެސް އެއީ އާދައިގެ އެއްޗެއް ނޫންކަން އޭނާއަށް އެނގުނެވެ. "ތި ނަގާ..." އާކިލް ބޭނުންވީ ވަގުތުން ފަށް ނަގާށެވެ. "ވެދާނެ ތީ އޭލިއަންއެއް ފާޑު އެއްޗަކަށްވެސް..." "ބިރުގަތީތަ؟..." އިވްލީނަށް ހެވުނެވެ. "ތީ އާދައިގެ ސްޓޯނެއް ނޫން... އާދައިގެ އެއްޗެއް ތިގޮތަށް ގްލޯއެއް ނުވާނެއެއްނު... އަނެއްކާ، ކުއްލި ކުއްލިއަށް ހޫނުވާންވީ ކީއްވެ؟... އީވްއަށް ގެއްލުމެއް ލިބޭ ކަހަލަ ކަމެއް ވާން އަހަރެން ބޭނުމެއް ނޫން... ދައްކާ އަހަރެން ތި ފަށް ނަގާދޭނަން..." އާކިލް އުޅުނީ ފަށް ނަގާށެވެ. "އެކަމަކު މަންމަ..." އިވްލީން އެއްޗެއް ބުނަން އުޅުނެވެ. ކުއްލިއަކަށް އިވްލީންގެ ކަރަށް ހޫނުވިއެވެ. ނޭވާލާން އުނދަގޫވާ ވަރަށް އެ ހޫނުކަން އިހުސާސްވުމުން، އިވްލީން ތެޅިގަތެވެ. ތަޅުންގަނޑުގެ މަތީގައި އޮށޯތެވެ. ފަށް ނަގަން އުޅުނެވެ. ހޫނުކަމުން ފަށުގައި އަތްލެވޭ ވަރެއްވެސް ނުވިއެވެ. ކުރިއަށްވުރެ ގަދަ އައްޔަކުން ފަށުފޫ ދިއްލުނެވެ. އިވްލީން ތެޅި ފޮޅިގަތެވެ. އާކިލް ފަށް ދަމައިގަންނަން އުޅުނަސް، އިވްލީން ތެޅޭވަރުން އެކަމެއް ނުވިއެވެ. "އީވް... ލުކް އެޓް މީ..." އާކިލް މަސައްކަތް ކުރީ އިވްލީން ހަމައަކަށް އަޅުވާށެވެ. "ފަށް ނަގަންދެން މަޑުކޮށްލެވޭނެތަ؟... ޕްލީޒް.." ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. އެހާ ލަސްގަޑިއެއްގައި ކެފޭއަށް އަންނާނީ ކާކު ހެއްޔެވެ؟ އާކިލް ދޮރާއި ދިމާއަށް ބަލައިލީ، ދެވަނަ ފަހަރަށް ޓަކި ޖަހައިލި އަޑު އިވުމުންނެވެ. އާކިލް އިނީ ދެފިކުރެއްގައެވެ. އިވްލީން ތެޅިތެޅި އޮއްވައި ގޮސް ދޮރު ހުޅުވާނީ ހެއްޔެވެ؟ އެމީހަކު ހުއްޓާނުލައި ދޮރުގައި ޓަކި ޖަހަން ފެށުމުން، އާކިލްއަށް ގޮތް ހުސްވިއެވެ. ދޮރު ކައިރީގައި ހުރީ އުމުރުން ދުވަސްވީ އަންހެނެކެވެ. ފަނޑު އަލިކަމުގައި އެއީ ކާކުކަން ވަކި ކުރާކަށް އާކިލްއަކަށް ނޭނގުނެވެ. އާކިލް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވިއެވެ. އޭނާ އެއްޗެއް ބުނުމުގެ ކުރިން ދޮރުމަތީގައި ހުރި މީހާ އެތެރެއަށް ވަނެވެ. "ސާލިޔައްތާ!..." އާކިލް ގޮވައިލިއެވެ. ސާލިޔާއަކީ އިވްލީންގެ މަންމަ އާއި އާއިލީ ގުޅުމެއް އޮންނަ މީހެކެވެ. މަމްދޫހާ ނިޔާވިފަހުން، އޭނާ އެކަކާއިވެސް މާބޮޑު ގުޅުމެއް ނުބާއްވައެވެ. އާކިލް ގޮވައިލި ނަމަވެސް ސާލިޔާ ނުހުއްޓުނެވެ. މަޑުމަޑުން ހިނގާފައި އޭނާ ދިޔައީ ތަޅުންމަތީގައި އޮތް އިވްލީންގެ ކައިރިއަށެވެ. ހީވީ އިވްލީނަށް ކަމެއް ދިމާވިކަން އެނގިގެން އައި ހެންނެވެ. ކުޑަކަކޫ މައްޗަށް ވާހެން އިވްލީންގެ ކައިރިއަށް ތިރިވެފައި އޭނާ ތުން ތަޅުވައިލިއެވެ. އިވްލީންގެ ކަރުގައި އަޅާފައިވާ ފަށުގެ ފުލުގައި އަތް ޖައްސައިލުމާއިއެކު، ފަށުފުލުގައިވި އަލިކަން ދިޔައެވެ. އިވްލީނަށް ލުއިވިއެވެ. އޭނާއަށް އިހުސާސްވަމުންދިޔަ ހޫނުކަން ވަގުތުން ފިލައިގެން ދިޔައެވެ. އާކިލްގެ އެހީތެރިކަމާއިއެކު އިވްލީން ތެދުވެ، ގޮނޑިއެއްގައި އިށީނެވެ. އޭރު އިވްލީންގެ މޫނުން ފެންނަމުންދިޔައީ ވަރުބަލިކަމެވެ. "ފެށުނީ..." ސާލިޔާ މަޑުމަޑުން ބުނެލިއެވެ. "އޭނ؟... ކޮ..ބާ ތީގެ މާނައަކީ؟..." އާކިލް ކަންބޮޑުވެފައި އަހައިލިއެވެ. ސާލިޔާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. މަމްދޫހާ ނިޔާވިފަހުން، އާއްމުކޮށް މީހުންނާއި އެކަހެރިކޮށް އުޅޭ ސާލިޔާ، އެތައް ދުވަހެއް ފަހުން އިވްލީންމެންނާއި އަނގައިން ބުނި އެއީ ފުރަތަމަ ފަހަރެވެ. "އިވްލީން އުފަންވުމުގެ މާކުރިން، އަހަރެމެންގެ އާއިލާގެ އަންހެނަކު ގެންގުޅުނު އެއްޗެއް ތީ..." ސާލިޔާ އިޝާރާތް ކުރީ އިވްލީންގެ ކަރުގައި އަޅާފައިވާ ފަށުފުލަށެވެ. އިވްލީނަށް ފަށުފުލުގައި އަތް ޖައްސައިލެވުނެވެ. ދިމާވި ހުރިހާ ކަމަކަށްފަހުގައިވެސް އޭނާ އެ ފަށުފޫދެކެ ޖެހިލުމެއް ނުވެއެވެ. ސަބަބަކީ އެއީ މަމްދޫހާ ނުހަނު ލޯބިކުރި އެއްޗަކަށް ވުމެވެ. "ތީ ހަށިރައްކަލެއް..." ސާލިޔާ ދެން ހާމަކޮށްލި ހަގީގަތަކުން އިވްލީނަށް ސިހުމެއް ލިބުނެވެ. "އަހަރެންގެ މާމަމެންގެ މަންމައިންގެ ޒަމާނުން ފެށިގެން މިއާއިލާތެރޭ އަންހެންކުދިން ބޮޑެއްޗެއް ނުވޭ... ވަކި އުމުރަކަށް ދާއިރަށް ނިޔާވަނީ... އެކަމުން އާއިލާ ސަލާމަތްކުރަން މީހަކު ހެދި އެއްޗެއް ތީ... އަހަރެންގެ ކަރުގަވެސް އަޅާފަ މިއޮތީ ހަމަ ތީގެ ފަށެއް..." ސާލިޔާ ދެއްކީ އޭނާގެ ކަރުގައި އަޅާފައިވާ ފަށުފުލެވެ. އިވްލީންގެ ކަރުގައި އަޅާފައިވާ ފަށުފުލާއި އެ ފަށުފޫ އެއްގޮތެވެ. "އެއީ ހަށިރައްކަލަކަށް ހަދާފަ އޮތް އެއްޗެއްވިއްޔާ ދެން ކީއްވެ އެ އަޅައިގެން އީވްއަށް ގެއްލުންވަނީ؟..." އާކިލްގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. "އޭތި އެ އިންޒާރު ދެނީ ނުރައްކަލެއް އަންނަން އުޅޭކަން..." ސާލިޔާ ބުނެލިއެވެ. އާކިލްގެ ކައިރިއަށް ހިނިއައެވެ. ސާލިޔާގެ ވާހަކަ އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. "ގަބޫލުނުކުރިޔަސް މީ ހަގީގަތަކީ..." އާކިލްއަށް ބަލައިލަމުން ސާލިޔާ ބުނެލިއެވެ. ސާލިޔާގެ ޖުމުލަ އާއިއެކު އާކިލްގެ ހިނިތުންވުން ފިލައިދިޔަގޮތުން އިވްލީންގެ ކައިރިއަށް ހިނިއައެވެ. ސާލިޔާއަށް ނޭނގޭނޭހެން އިވްލީން އާކިލްގެ އަތުގައި ހިފައިލިއެވެ. "އަހަރެން މިތަނަށް މިއައީ އަހަންނަށް މިފަށުން އެކަން އިހުސާސްވެގެން..." ސާލިޔާ އޭނާގެ ކަރުގައި އަޅާފައިވާ ފަށުފުލުގައި އަތް ޖައްސައިލިއެވެ. "އިވްލީންގެ މަންމައަށް ވީހެން ތިކުއްޖާފުޅަށް ވާކަށް ބޭނުމެއް ނޫން... އިވްލީން ބުނެބަލަ، ތިފަށުން ހޫނުކަން އިހުސާސްވާ ކޮންމެ ފަހަރަކު ނުރައްކަލެއް ކުރިމައްޗެއް ނުވޭތަ؟..." އިވްލީން ވިސްނައިލިއެވެ. ސާލިޔާ ބުނީ ތެދެކެވެ. އެފަދަ ކޮންމެ ފަހަރަކު އިވްލީނަށް ކޮންމެވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެއެވެ. "ހިތްވަރުކުރޭ!... ތި ދިމާވެގެން އުޅޭ ކަންތަކުން އަރައިގަނެވޭތޯ ބަލާ..." ސާލިޔާ އެދުނެވެ. ސާލިޔާ ދިޔަ ދިމާއަށް ބަލަން އިން އާކިލް ތެދުވިއެވެ. ކެފޭ ބަންދުކުރުމަށްފަހު އިވްލީނާއިއެކު ގެއަށް ދިޔުމަށް ހިނގައިގަތެވެ. އޭރުވެސް އާކިލްއަށް ވިސްނެމުން ދިޔައީ ސާލިޔާ ދެއްކި ވާހަކަތަކާއި މެދުގައެވެ. "އަހަރެން ގަބޫލުކުރާ ކަހަލަ ކަންކަމެއް ނޫން ތީކީ..." ގެއާއި ހަމައަށް ގޮސްފައި، އާކިލް ބުނެލިއެވެ. "ދޯ..." އާކިލްއަށް ބަލައިލަމުން އިވްލީންވެސް ބުނެލިއެވެ. "އަހަރެމެން ރައްކާތެރިކޮށްދެއްވަނީ އެންމެ ފަރާތަކުން... އެއީ މާތްﷲ..." (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ