ކައުންސިލަރުން ހުވާކުރާނީ އަންނަ މަހުގެ 17 ގައި
މިމަހުގެ 4 ވަނަ ދުވަހުގެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެކި ދާއިރާތަކަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ބުނެފި އެވެ.އެ އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ އާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ، މިހާރު ތިބި ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު ހަމަވާ ދުވަހު ކަމަށެވެ. އެއީ، ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން، ކައުންސިލްގެ ދައުރަކީ ފަސް އަހަރު ކަމަށް އޮންނާތީ އެވެ.އެ ކައުންސިލަރުން ހުވާކުރީ މެއި 17، 2021 ގަ އެވެ. އެހެންވެ، އާ ކައުންސިލަރުން ހުވާކުރަން ޖެހޭނީ އަންނަ މަހުގެ 17 ވާ އާދިއްތަ ދުވަހެވެ.އޭނާ ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަގުތު ކަނޑައަޅާނީ ފަނޑިޔާރުން ލިބެން ހުރި ގޮތަށް ބަލައިފަ އެވެ. އޭގައި ކައުންސިލްތަކާ ވެސް މަޝްވަރާކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓްލާފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ވޯޓުލާފަ އެވެ.އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް، މަސައްކަތް ކުރަމުންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން އުޅެނީ ވަރަށް ކުރީގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ