ހުޅުމާލެ ފުރޭއިރު, މިވަރުން މިކަން ވާނެތަ؟

މިއީ އާ ކަމެއް ނޫނެވެ. އަޅުގަނޑަށް މިކަން ވަރަށް އާ ވެގެން މިއުޅެނީ އަދި ހުޅުމާލެއަށް ދިރިއުޅުން ބަދަލު ކުރިތާ ދެތިން ހަފުތާ ވެސް ނުވާތީއެވެ. ކޮންމެ ދުވަހަކު މަސައްކަތަށް މާލެ އަންނައިރު ހިތުގެ ތެރޭގައި ލައްކަ ސުވާލު އެބަ އުފެދެއެވެ. ހައިވޭ އާއި ބްރިޖުމަތިން މި ފެންނަ މަންޒަރަކީ އިންޒާރުގެ ރަނގަބީލެއް ނޫންބާއެވެ؟ ހުޅުމާލެއަށް އިންތިހާ އާބާދީ އިތުރު ވަމުންދާއިރު މި ވަރުން މިކަން ވާނެބާއެވެ؟ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު އިރުއަރައިގެން އަންނައިރު، ސިނަމާލެ ބުރިޖާއި ހައިވޭ މަތިން ހަމަގައިމު ވެސް އަޅުގަނޑަށް ފެންނަނީ ކެތްތެރިކަން ކުޑަވެފައިވާ އެތައް ސަތޭކަ ރައްޔިތުންނެކެވެ. ކުރިން 15 މިނެޓުން ކުރެވޭ ދަތުރު، މިހާރު 30 މިނެޓަށް ވުރެ ދިގުލައިގެން ދިއުމަކީ އާންމު ކަމަކަށް ވެއްޖެއެވެ. ސްކޫލަށް ކުދިން ގޮވައިގެންދާ ބެލެނިވެރިންނާއި، އޮފީސްތަކަށް ހާޒިރުވާން އަވަސްވެގަންނަ މުވައްޒަފުންގެ ސައިކަލުތަކާއި ކާރުތަކާއި ބަސް ތަކުން ބުރިޖުގެ ލޭނުތައް އޮންނަނީ ފުރި، ތޮއްޖެހިފައެވެ. ކުރިން ފެރީގައި ކުރަމުން ދިޔަ ކަނޑު ދަތުރަށް ހައްލެއް ގެނައުމަށް, ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެޅި މި ބުރިޖަކީ އޭރު ބޮޑު ތަސައްލީއެއް ނަމަވެސް، މިއަދު އެ މަންޒަރު ބަދަލުވާތަން އެބަފެނެއެވެ. ރަސްމީ ކޮންމެ ދުވަހަކު ޓްރެފިކް ބޮޑުވުމުގެ ސަބަބުން ހިތްހަމަނުޖެހުންތަކާއި އެކްސިޑެންޓުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެކްސިޑެންޓެއްގައި ގެއްލުން ލިބުނު ދެ ސައިކަލް: ބްރިޖާއި ހައިވޭގައި އެކްސިޑެންޓް ގިނަ-- ސަން ފޮޓޯ: ކިޔުންތެރިއެއް އާބާދީ އިންތިޚާއަށް އިތުރުވަނީ, މިވަރަކުން ދެން ނުފުދޭނެ މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ހިއްކި ހިތްގައިމު, ދިރިއުޅެން ފަސޭހަ, ހުޅުމާލެ، މިއަދު މިވަނީ އަމިއްލަ ޒާތުގައި ތޮއްޖެހޭ ބޮޑު ސިޓީއަކަށް ބަދަލުވެފައެވެ. ދެހާސް ބާވީސް ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ހުޅުމާލޭގައި 65،000 އާއި 70،000 އާ ދެމެދުގެ އަދަދަކަށް މީހުން ދިރިއުޅެއެވެ. ނަމަވެސް މިއަދަދު މިހާރު ވާނީ އެތައް ގުނައެއް އިތުރުވެފައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި 16 ބުރީގެ ހިޔާ ޓަވަރުތަކަށް އެކަނި ބެލިކަމުގައި ވިޔަސް، އެތަނުގައި 30,000 އަށްވުރެ ގިނަ މީހުން މިހާރު ދިރިއުޅެއެވެ. މީގެ އިތުރުން، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި އަޅާފައިވާ 4،000 ފްލެޓަށް މިހާރު މީހުން ބަދަލުވަމުން އަންނައިރު، އެހެން ފްލެޓުތަކާއި އަމިއްލަ ފަރާތްތަކުން ތަރައްގީކުރާ އެތައް ހައުސިން މަޝްރޫއެއް ދަނީ ހިންގަމުންނެވެ. މި މަޝްރޫއުތަކާއެކު ހުޅުމާލެއަށް އަންނަ އާބާދީގެ ބޮޑު ރާޅާއެކު، އެ ރަށް މިދަނީ ހަލުވިކަމާއެކު ފުރެމުންނެވެ. ހުޅުމާލޭގެ އާބާދީ ކިތަންމެ ބޮޑުވި ނަމަވެސް، ގިނަ ބަޔަކަށް އެ ރަށް ވެފައިވަނީ އަދިވެސް ހަމައެކަނި ނިދަން އަރާ ހާއްޔަކަށެވެ. މައިގަނޑު ސަބަބަކީ ރާއްޖޭގެ އެންމެ ބޮޑެތި ހޮސްޕިޓަލުތަކާއި، ނަންމަޝްހޫރު ސްކޫލުތަކާއި، ސަރުކާރުގެ ގިނަ ވުޒާރާތަކުގެ އިތުރުން ވިޔަފާރީގެ މައި ހަބުތައް އަދިވެސް މާލޭގައި ހުރުމެވެ. މީގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު މާލެއަށް އަންނަން މަޖުބޫރުވެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހި -- ފޮޓޯ: އެޗްޑީސީ މީގެ ނަތީޖާއަކީ، ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު އޮފީސް ވަގުތާއި ސްކޫލު ވަގުތުގައި ހައިވޭއާއި ބުރިޖު އިންތިހާއަށް ތޮއްޖެހުމެވެ. މި ބާރުބޮޑު ވަގުތުތަކުގައި ކުޑަ އެކްސިޑެންޓެއް ހިނގި ނަމަވެސް، މުޅި ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސް، އެތައް ބައެއްގެ އުފެއްދުންތެރި ވަގުތު މަގުމަތީގައި ގެއްލިގެން ދެއެވެ. އާބާދީ އިތުރުވަމުންދާ ވަރަކަށް، މާލެއަށް ބަރޯސާވާ މިންވަރު ކުޑަނުކުރެވިއްޖެނަމަ، މި ތޮއްޖެހުމަށް އެއްވެސް ލުޔެއް ނުލިބޭނެކަން ކަށަވަރެވެ. މިއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިފަދަ މައްސަލަތައް ތަޖުރިބާކުރެއެވެ. މިގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީ އާއި ޝާރުޖާއާ ދެމެދު އޮންނަ ގުޅުމަކީ މީގެ ފުރިހަމަ މިސާލެކެވެ. ޔޫއޭއީއަށް މި ފަހުން ކުރި ދަތުރެއްގައި އެކަން ވަރަށް ބޮޑަށް ތަޖުރިބާ ކުރެވުނެވެ. ޝާރުޖާގައި ދިރިއުޅުމުގެ އަގު ހެޔޮވެފައި ޖާގަ ތަނަވަސްވުމުގެ ސަބަބުން ގިނަ ބަޔަކު އެތަނުގައި ދިރިއުޅެމުން، ވަޒީފާއަށް ކޮންމެ ދުވަހަކު ދުބާއީއަށް ދަތުރުކުރެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ކޮންމެ ދުވަހަކު 1.3 މިލިއަނަށްވުރެ ގިނަ އުޅަނދު މި ދެ ސިޓީ ދެމެދު ދަތުރުކުރެއެވެ. މީގެ ސަބަބުން 20 މިނެޓުގެ ދަތުރެއް 2 ގަޑިއިރަށް ދިގުލައިގެން ދެއެވެ. މިކަން ހައްލުކުރުމަށް ޔޫއޭއީ ސަރުކާރުން ބޮޑެތި މަގުތައް ހަދައި، ޕީކް ގަޑިތަކުގައި އަގުބޮޑުކޮށް ފީ ނެގޭ "ސާލިކް" ޓޯލް ނިޒާމުތައް ތައާރަފުކުރިއެވެ. ނަމަވެސް ހަމައެކަނި މަގުތައް ފުޅާކުރުމަކުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން އެ ގައުމުން މިހާރު އަމާޒުހިފާފައިވަނީ މަސައްކަތުގެ މާހައުލު ބަދަލުކުރުމަށެވެ. ބްރިޖާއި ހައިވޭއަށް އަވަސް ބަދަލުތަކެއް މުހިންމު ރާއްޖޭގެ އިގުތިސާދީ ހާލަތު ހުރިގޮތުން، ކައިރި މުސްތަގުބަލެއްގައި އިތުރު ބުރިޖެއް ނުވަތަ ހައިވޭއެއް ހެދުމަކީ ވާނެކަމެއް ނޫނެވެ. އެހެންކަމުން، ދުނިޔޭގެ އެހެން ގައުމުތަކުން ބޭނުންކުރާ ފަދަ ޒަމާނީ ހައްލުތަކަކަށް އަޅުގަނޑުމެން މިސްރާބު ޖަހަންޖެހެއެވެ. ފުރަތަމަ ކަމަކަށް، އާބަން ޕްލޭނިންގެ ތެރެއިން ހުޅުމާލެއަކީ ހުރިހާ ހިދުމަތެއް ފުރިހަމަވެފައިވާ ތަނަކަށް ހަދަންޖެހެއެވެ. ސަރުކާރުގެ މައި ވުޒާރާތަކާއި ބޮޑެތި އޮފީސްތައް ހުޅުމާލެއަށް ބަދަލުކޮށް، މާލެއަށް އަންނަންޖެހޭ ސަބަބުތައް ނައްތާލަންޖެހެއެވެ. ދެވަނަ ކަމަކަށް، އޮފީސްތަކާއި ސްކޫލުތަކުގެ ގަޑިތަކަށް ބަދަލުގެނެސް، ވަޒީފާއަށް ނުކުންނަ ގަޑިތައް ތަފާތުކުރުމަކީ ޓްރެފިކް އެއްފަހަރާ ބާރުބޮޑުވުން ކުޑަކޮށްދޭނެ ކަމެކެވެ. ފުލުހުން މަގުމަތީގައި: -- ފޮޓޯ/ ފުލުހުން މީގެ އިތުރުން، އާންމު ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރަން ޖެހެއެވެ. އާރްޓީއެލް ބަހުގެ ހިދުމަތް އިތުރަށް ފުޅާކޮށް، އަމިއްލަ ސައިކަލުގައި ދިއުމަށްވުރެ ބަހުގައި ދިއުން ފަސޭހަ އަދި އަވަސް ގޮތަކަށް ހަދަންޖެހެއެވެ. ހަމައެއާއެކު، ޓްރެފިކް މެނޭޖުކުރުމަށްޓަކައި ޕީކް ގަޑިތަކުގައި ބުރިޖުން ދަތުރުކުރާ އުޅަނދުތަކުން ޓޯލް ނެގުން ފަދަ ސިޔާސަތުތަކަކީ ވެސް، އުޅަނދުތައް މަގުމައްޗަށް ނުކުންނަ މިންވަރު ކޮންޓްރޯލްކުރުމަށް ވިސްނާލަންޖެހޭ ކަންކަމެވެ. އެއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތެވެ. އެކަމަކު އެކަން ކުރަން ވާނީ އާންމު ދަތުރުފަތުރު, ނުވަތަ ޕަބްލިކް ޓްރާންސްޕޯޓް ރަނގަޅު ކޮށްފައެވެ. މީގެ އިތުރުން ފުލުހުންގެ ދައުރު ވަރަށް ބޮޑެވެ. މިހާރުވެސް ފުލުހުން ބާރު ބޮޑު ގަޑިތަކުގައި ބްރިޖާއި ހައިވޭގައި ހަރަކާތްތެރިވެއެވެ. މި ހަރަކާތްތެރިވުން އިތުރަށް ގިނަ ކުރަން ޖެހެއެވެ. ޚާއްސަކޮށް ގަވާއިދާ ހިލާފަށް ދުއްވާ މީހުން ހުއްޓުވުމަށެވެ. އެ މީހުންގެ ސަބަބުން ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ ގެއްލުމާއި އަނިޔާ ލިބުމުގެ އިތުރުން ވަގުތައް އެބަ ގެއްލެއެވެ. ދުވަހަކަށްފަހު ދުވަހެއް ހުޅުމާލެ ފުރެމުންދާއިރު، މާލެއާއި ހުޅުމާލެއާ ދެމެދު އޮންނަ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ނުގެނެވިއްޖެނަމަ، މުސްތަގުބަލުގައި މިކަން ވާނީ ގައުމީ ބޮޑު މައްސަލައަކަށެވެ. ހަމައެކަނި މަގުތައް ބެލެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތުން މިކަމަށް ދާއިމީ ހައްލެއް ނުލިބޭނެއެވެ. ބޭނުންވަނީ ދުރު ރާސްތާގެ ވިސްނުމަކާއެކު، މީހުން ދިރިއުޅޭ މާހައުލާއި ވަޒީފާ އަދާކުރާ ތަންތަން އެއްފަސްކުރުމުގެ ސިޔާސަތެކެވެ. ހަތަރު ހާސް ފްލެޓަށް މީހުން ވަދެ ނިމޭއިރު، ޓްރެފިކް ކޮންޓްރޯލް ކުރުމުގެ އާ ސިޔާސަތުތަކެއް ތަންފީޒުކުރަން ނުފަށައިފިނަމަ، ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި ސިނަމާލެ ބުރިޖު ވެގެންދާނީ ދުއްވާ އެއްޗެހީގެ ބޮޑު ޕާކިން ޒޯނަކަށެވެ. މިއީ އޮފީހަށް އައިސް ގޮސް އުޅޭއިރު, މުސްތަގުބަލަށް ވިސްނި, އަޅުގަނޑު ހިތަށް ވަންނަ ބިރުވެރި ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ