ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ފިނޭންސުން ރައީސަށް ހުށަހަޅަނީ

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާނެ ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެރއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އިގްތިސާދީ ގޮތުން ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށްމިނިސްޓަރ ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ، މީގެ ކުރިންވެސް ބަޖެޓުގެ ތެރެއިން ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ފާއިތުވި ފަސް އަހަރާ އަޅާބަލާއިރު މިއަހަރުގެ ބަޖެޓު ޑެފިސިޓް ކުޑަކުރެވިފައިވީ ނަމަވެސް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ކުރިން އަންދާޒާކުރި 6 ބިލިޔަން ރުފިޔާގެ ބަދަލުގައި ޑެފިސިޓް 8 ބިލިޔަނަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ޚަރަދު ކުޑަކުރުމުގެ އައު ޕްލޭނުގެ ދަށުން، ރިކަރަންޓް އެކްސްޕެންޑިޗަރ ކޮންޓްރޯލް ކުރުމާއި، އައު މުވައްޒަފުން ވަޒީފާއަށް ނެގުން މަޑުޖައްސާލުމުގެ އިތުރުން އިގްތިސާދު ކުރެވޭނެ އެހެނިހެން ގޮތްތައްވެސް ދަނީ ދިރާސާ ކުރެވެމުންނެވެ. މިކަމަށްޓަކައި ތައްޔާރުކުރާ ލިސްޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެމަނިކުފާނުގެ އިރުޝާދާއެކު ބަދަލުތައް ގެނައުމުން ދައުލަތަށް ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޓީމު އެބަ މަސައްކަތް ކުރޭ ސޭވް ކުރެވޭނެ ގޮތަށް ރިކަރެންޓް ބައެއް އެކްސެޕެންސެސްތައް ކޮންޓެއިން ކުރުމާއި، ބަޖެޓުތެރެއިން މިހުންނަށް ކަންތައް މިސާލަކަށް ހަޔަރިންއާއި، ދެން ހުރި ބައެއް ކަންތައްތަކުގައި، އަޅުގަނޑު އެބައޮތް ލިސްޓެއް ހަދާފައި ރައީސް އަރިހަށް ގެންދަން އަޅުގަނޑުމެން ބޭނުންވެއޭ މިވެނި ކަންކަމަށް ބަދަލު ގެންނަން. އެހެންވީމަ ރައީސްގެ ލަފަޔާއެކު ބަދަލު ގެންނައިރު ވަކި އަދަދަކަށް ސޭވް ވާނެ" ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އާމްދަނީއަށް އަންނަ ބަދަލުތަކަށް ބަލައި ޚަރަދުތައް ތަރުތީބުކުރުމާއި، ބޭނުންވާ ފައިނޭންސިން ހޯދުމުގެ ކަންކަމަށްވެސް މި ޕްލޭނުގައި އިސްކަންދޭނެއެވެ. މި މަސައްކަތްތައް ނިންމައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައީސަށް ހުށަހެޅުމަށްފަހު، ސަރުކާރުން އަޅާނެ ފިޔަވަޅުތައް އާންމުކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ