އެމެރިކާ އާއި އިޒްރޭލުން ބޮން އަޅައި ފެށި ހަނގުރާމައިގައި އަމިއްލަ ދިފާއުގައި އިރާނުން ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގައި ރާއްޖޭން ވާހަކަ ދައްކައިފި އެވެ.
އދ. ހިއުމަން ރައިޓްސް ކައުންސިލުގެ 61 ވަނަ ސެޝަންގެ 44 ވަނަ ބައްދަލުވުމުގައި ވަނީ އިރާނުން ބަހުރެއިން، ޖޯޑަން، ކުވެއިތު، ގަތަރު، އޮމާން، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީއަށް ދޭ ހަމަލާތަކާ ގުޅިގެން ހުށަހަޅާފައިވާ ގަރާރެއްގެ ބަހުސް ކުރިއަށްގެންގޮސްފަ އެވެ. އެ ގަރާރު ރާއްޖޭން އޮތީ ކޯސްޕޮންސާ ކޮށްފަ އެވެ.
ރާއްޖޭގެ ފަރާތުން އެ ބަހުސްގައި ވާހަކަ ދެއްކެވީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސަލްމާ ރަޝީދު އެވެ.
އާންމު މީހުންނާއި އާންމުން ބޭނުންކުރާ ތަންތަނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކުރާކަން އޭނާ ހާމަކުރެއްވި އެވެ.
އިރާނުން ދެމުން އަންނަ ހަމަލާތައް ދިވެހި ސަރުކާރުން "ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށް އޭނާ ހާމަކުރެއްވި އެވެ. ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށް މި ހަމަލާތަކުގެ ސަބަބުން އަސަރުކުރަމުންދާ ކަމަށް ރާއްޖޭން ވަނީ ބުނެފަ އެވެ.
އެ ކުރު ބަޔާނުގައި އިޒްރޭލު އަދި އެމެރިކާގެ ނަމެއް ވެސް ދިވެހި ސަރުކާރުން ގެނެސްފައި ނުވެ އެވެ. އިޒްރޭލުން އަންނަނީ މިވަގުތު ވެސް ފަލަސްތީނު، ލުބުނާން، ސީރިއާއަށް ހަމަލާ ދެމުންނެވެ. އެ ހަމަލާތަކުގެ ވާހަކައެއް ރާއްޖޭގެ ބަޔާނުގައި ނެތެވެ.
ނަމަވެސް، މިއަދު ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރި ބަޔާނެއްގައި ވަނީ އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އެ ބަޔާނުގައި ވެސް ފުރަތަމަ ކުށްވެރިކޮށްފައި އޮތީ އިރާނެވެ.
މި ހަނގުރާމައިގައި ރާއްޖޭން އޮންނާނީ އަރަބި ގައުމުތަކާއެކުކަން ސަރުކާރުން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ.
ފެބްރުއަރީ 28، ގައި ފެށި ހަނގުރާމައިގައި އެމެރިކާ އާއި އިޒްރޭލުން މެދުނުކެނޑި އިރާނަށް ހަމަލާދެމުން އަންނައިރު އެ ހަމަލާތައް ދިނުމަށް ގަލްފުގެ އަރަބި ގައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތައް އަންނަނީ ބޭނުންކުރަމުންނެވެ.
އިރާނުން ރައްދުގައި އެންމެ ފުރަތަމަ ހަމަލާ ދޭން ފެށީ އެފަދަ ބޭސްތަކާއި އަސްކަރީ ތަންތަނަށެވެ. ނަމަވެސް، އެ ގައުމުގެ ހަކަތައިގެ މަރުކަޒުތަކާއި އާންމު ތަންތަނަށް ހަމަލާ ދޭން ފެށުމާއެކު އިރާނުން ވެސް އަންނަނީ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އެކި ހަމަލާތައް ދެމުންނެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގައި ރާއްޖޭން ކުށްވެރިކުރީ އިރާނުން ދިފާއުގައި ދެމުން އަންނަ ހަމަލާތައް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގައި ރާއްޖޭން ކުށްވެރިކުރީ އިރާނުން ދިފާއުގައި ދެމުން އަންނަ ހަމަލާތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ