އެމެރިކާ އާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ހަނގުރާމަ ފެށި ދުވަހުގެ ކުރީ ރޭ އިސްރާއީލުގެ ކެބިނެޓަށް މޮސާޑްގެ ޑައިރެކްޓަރު ޑޭވިޑް ބަރްނިއާ ދިން ލަފާގައި، އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެންމެ އެއް އަހަރު ދުވަސް ނަގާނެ ކަމަށް ކަމުގައި ބުނެފައިވާ ކަމަށް އިސްރާއީލްގެ ނޫހެއް ކަމަށްވާ "ދަ ޖެރޫސަލަމް ޕޯސްޓް" އިން ބުނެފިއެވެ. އެނޫހުން ބުނާ ގޮތުގައި އީރާންގެ ވެރިކަން ބަދަލު ކުރެވިދާނެ، ނުވަތަ ވެރިކަން ބަދަލުވެގެން ހިނގައިދާނެ ގޮތްތަކުގެ ސިނާރިއޯތަކާއި މުއްދަތުތަކެއް މޮސާޑުން ވަނީ އިސްރާއީލްގެ ކެބިނެޓަށް ހުށަހަޅާފައެވެ. އީރާންގެ ވެރިކަން ބަދަލުވެދާނެ މުއްދަތުތަކެއް އެލަފާގައި ބަޔާންކޮށްފައިވާއިރު އެންމެ އެކަށީގެންވާ މުއްދަތެއް ކަމަށް ބުނެފައި ވަނީ އެއްއަހަރު ދުވަހެވެ.
ފާއިތުވި ދުވަސްތަކުގައި، ނަން ހާމަނުކުރާ މަސްދަރުތަކުން ވަނީ ބަރްނިއާއަށް އިސްރާއީލްގެ މީޑިއާގައި ފާޑުކިޔާފައެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އޭނާ ވަނީ އީރާނުގެ ވެރިކަން ބަދަލުވުމުގެ ފުރުސަތާ ބެހޭގޮތުން އިސްރާއީލާއި އެމެރިކާގެ ސަރުކާރަށް އޮޅުވާލާފައެވެ. މިގޮތަށް މައުލޫމާތު ފެތުރުމުގެ ބޭނުމަކީ، އީރާނުގެ ވެރިކަން ވައްޓާލުމަށް ކުރާ މަސައްކަތްތައް ނާކާމިޔާބުވުން ނުވަތަ އެކަމަށް ގިނަ ދުވަސްތަކެއް ނެގުމުގެ ޒިންމާ ބަރްނިއާ އާއި މޮސާޑްގެ ބޮލުގައި އެޅުވުން ކަމަށް "ދަ ޖެރޫސަލަމް ޕޯސްޓް" އިން ބުނެއެވެ.
އީރާނާއި ދެކޮޅަށް ހަނގުރާމަ ފެށިއިރު ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާންގެ ވެރިކަން ބަދަލުކުރުން އެއީ އެމެރިކާއިން މިހަނގުރާމައިގައި ހާސިލްކުރަން ބޭނުންވާ އެއްއަމާޒު ކަމަށް ބުނެފައެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަހު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލެވުނު ނަމަވެސް އީރާނުން މުޖުތަބާ ހާމަނާއީ ވެރިކަމަށް އިސްކުރުމާއި، އީރާންގެ ސިޔާސަތުތަކަށް ބަދަލެއް ނާންނާތީ އީރާންގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާ އާއި އިސްރާއީލުން ކުރާ އުއްމީދު ހާސިލެއް ނުވެއެވެ.
އީރާންގެ ވެރިކަން ބަދަލުކުރުމުގައި ކުޑަވެސް ކާމިޔާބީއެއް މިހާތަނަށް ނުލިބެނީ ކީއްވެގެންތޯ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލުގެ އަސްކަރިއްޔާ އާއި އެމެރިކާގެ އަސްކަރިއްޔާއަށް އަންނަނީ ސުވާލު އަމާޒު ވަމުންނެވެ.
ބަރްނިއާގެ ލަފާކުރުންތައް
"ދަ ޖެރޫސަލަމް ޕޯސްޓް" އިން ބުނާ ގޮތުގައި ހަގީގަތުގައި، ފާއިތުވި ހަނގުރާމައިގެ އަހަރުތަކުގައި ބަރްނިއާ ދީފައިވާ ލަފާކުރުންތަކަށް ބަލާއިރު، އޭނާއަކީ އަބަދުވެސް ގިނަ ޝަރުތުތަކަކާއި އުނދަގޫތަކެއް ހުރިކަން ފާހަގަކުރާ މީހެކެވެ. އަދި ބޮޑު ބަދަލެއް އައުމަކީ ކޮންމެހެން ވާނެ ކަމެއްގެ ގޮތުގައި އޭނާ ދުވަހަކުވެސް ވާހަކަދައްކަވާފައި ނުވާކަމަށް އެނޫހުން ބުނެއެވެ. މީގެ އިތުރުން، ބަރްނިއާއަކީ އުފެއްދުންތެރި ވިސްނުމެއް ހުރި މީހެއް ނަމަވެސް، އޭނާއަކީ ނަތަންޔާހޫގެ އަމުރަށް ސިޔާސަތުތަކާއި ހުށަހެޅުންތައް ތައްޔާރުކުރާ މީހެއް ކަމަށާޢި ނަތަންޔާހޫ ބޭނުން މިންވަރަށްވުރެ ބޮޑަށް ހަނގުރާމައިގެ އުސޫލުތައް ހަރުކަށިކުރަން އޭނާ ބާރުނާޅާކަމަށް އެނޫހުގައި ބުނެފައި ވެއެވެ.
ޖެނުއަރީ މަހުގެ މެދުތެރޭގައި ބަރްނިއާ އެމެރިކާއަށް ކުރި ދަތުރުގައި ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުންނަށް ދިން ޖާސޫސީ މައުލޫމާތުތަކަކީ ވެސް ނަތަންޔާހޫގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ދިން މައުލޫމާތުކަމަށާއި އެއީ އޭނާ އަމިއްލައަށް ކުރިކަމަށް ނޫން ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.
'އުވްޑާ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ކުރީ ރޭ ބަރްނިއާ ނަތަންޔާހޫ ގާތު އީރާނުގެ ވެރިކަން ވައްޓާލެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ. ނަމަވެސް، އެ ރިޕޯޓުގެ ފަހު ބައިގައި ވަނީ އެކަމަށްޓަކައި ބަރްނިއާ ހުށަހެޅި ގިނަ ޝަރުތުތަކުގެ ތަފްސީލު ދީފައެވެ.
ދަ ނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައި ބުނެފައިވަނީ، "ހަނގުރާމަ ފެށުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި. މޮސާޑަށް އީރާނުގެ އިދިކޮޅު ފަރާތްތައް ހަރަކާތްތެރިކުރުވައި ހަމަނުޖެހުންތަކާއި އެހެނިހެން ބަގާވާތުގެ އަމަލުތައް އުފައްދައި، އީރާނުގެ ސަރުކާރު ވެއްޓުމާ ހަމައަށް ކަންކަން ގެންދެވިދާނެ ކަމަށް" ބާނިއާ ނަތަންޔާހޫ ގާތު ބުނެފައިވާ ކަމަށެވެ. އަދި ޖެނުއަރީ މަހުގެ މެދުތެރޭގައި ޓްރަމްޕްގެ ސަރުކާރަށް ވެސް ޖާސޫސީ އިދާރާގެ ވެރިޔާ މިފަދައިން މައުލޫމާތު ދިންކަމަށް އެ ރިޕޯޓުގައި އިތުރަށް ބުނެފައިވެއެވެ.
އެއަށްފަހު، އެ ރިޕޯޓުގައި ނަތަންޔާހޫ އާއި ޓްރަމްޕަށް ތުހުމަތުކޮށްފައިވަނީ އީރާނު ހަނގުރާމައާ މެދު މާ ބޮޑަށް އުންމީދީ ގޮތަކަށް ދެކި، އެމެރިކާގެ އޮފިޝަލުންނާއި "އިސްރާއީލުގެ ޖާސޫސީ އިދާރާތަކުގެ ބައެއް އެހެން އޮފިޝަލުންގެ" ލަފައާ ހިލާފަށް ވެރިކަން ބަދަލުކުރުމުގެ މަގަށް ކަންކަން ގެންދިޔަ ކަމަށެވެ. މީގެ އިތުރުން، ޓްރަމްޕްގެ ތާއީދު ގެއްލިދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި، ހަނގުރާމައިގެ ކުރީކޮޅު ވެރިކަން ބަދަލުކުރުމުގައި މޮސާޑުން ނާކާމިޔާބުވި ކަމަށް ބުނެ، ނަތަންޔާހޫ ކެތްތެރިކަން ކުޑަވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
އެންމެ ފަހުން، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މޮސާޑްގެ ރޭވުންތަކުގެ ތެރޭގައި "އިރާގުގެ އުތުރުގައި ތިބި އީރާނުގެ ކުރުދީ ހަނގުރާމަވެރި ގްރޫޕްތަކުން ދޭ ހަމަލާއަކަށް އެހީތެރިވުން ހިމެނެއެވެ."
އީރާންގެ ވެރިކަން ބަދަލުކުރަން އަހަރުދުވަސް ނަގާނެ - މޮސާޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ