ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން އިބްރާހިމް މުހައްމަދު ސޯލިހު ބާއްވާ ތާރީހީ ބައްދަލުވުން މާދަމާ ރޭ ބޭއްވުމަށް ނިންމައިފި އެވެ.
މާލޭގައި ބާއްވާ މި ބައްދަލުވުން ތާވަލުކޮށްފައިވަނީ މާދަމާ ރޭ އަށެއް ޖަހާއިރަށެވެ. މި ބައްދަލުވުމަށް ފަހު ތިން ރައީސުން ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އަދަދު ނޫހަށް އެނގިފައިވެ އެވެ.
"ސިޔާސީ ގޮތުން ތަފާތު ފިކުރުތަކެއް ގެންގުޅުއްވި ނަމަވެސް، ގައުމީ މިފަދަ ބޮޑެތި މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ތިން ބޭފުޅުން ވެސް ވަނީ އެއްބަސްވެވަޑައިގެންފަ،" މި ބައްދަލުވުން އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެކަކު ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ފިކުރު ތަފާތު މި ތިން ރައީސުން އެއް މޭޒަކަށް މަޝްވަރާއަށް އަރާވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ނޫސްވެރިންގެ ދިފާއުގަ އާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން އެކުގައި މަސައްކަތް ކުރުމެވެ.
ހާއްސަކޮށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫސްވެރިން ޖަލަށްލައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނާ މައްސަލައިގައި މި ތިން ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ.
މި ބައްދަލުވުން ބާއްވަން ނިންމާފައި މިވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަދި ލީވާން އަލީ ނަސީރު މި ސަރުކާރުން ހައްޔަރުކޮށް ޖަލަށްލާފައިވާ ދަނޑިވަޅެއްގަ އެވެ.
ޝަހުޒާން ހައްޔަރުކުރީ ރައީސް އޮފީހުގެ އަންހެން މުވައްޒަފަކާ ގުޅުވައި ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އަދި ލީވާން ޖަލަށްލީ ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކުގެ މައްޗަށް ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓަރީއާ ގުޅޭ ހަބަރު ފެތުރުމުންނެވެ.
ތިން ރައީސުންގެ ތާރީހީ ބައްދަލުވުން މާދަމާ ރޭ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ