މުއިއްޒުގެ ވައުދާ ހިލާފަށް، މުޒާހަރާ ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފި

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވީ ވައުދާ ހިލާފަށް، ނޫސްވެރިންގެ ހައްގުގައި މާލޭގައި މިހާރު ފަށާފައިވާ ސިލްސިލާ މުޒާހަރާތަކަށް ހުރަސްއެޅުމުގެ ގޮތުން، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ. 
ފުލުހުން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ބުނީ އެ މުއައްސަސާގެ ހުއްދަ ނެތި އެއްވުންތައް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަނި ކަމަށެވެ. 
"ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށް" ފުލުހުން ބުންޏެވެ. 
އޭގެ އިތުރުން މި އެންގުމާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލާނެ ކަމަށާއި އެ ކަންކަމުގައި ބައިވެރިވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބަޔާނުގައި އިންޒާރުދީފައިވެ އެވެ. 
"އަސާސީ ހައްގުތަކުގެ ބޭނުންހިފުމުގައި އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށް" އިލްތިމާސް ކުރާ ކަމަށް ބަޔާނުގައި ވެ އެވެ. 
ހޯމް މިނިސްޓްރީއިން އަންގާ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ގާނޫނު ފާސްކުރީ އޯގަސްޓް 17، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ހޯމް މިނިސްޓްރީން އޭރު ކަނޑައަޅާފައި އޮތީ ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނީ ހަމައެކަނި މާލޭގެ ކަނިވާ ސަރަހައްދަށް ކަމަށެވެ.
އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމުގެ ވާހަކަ ރައީސް މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަަނުއްވައިފަ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެމަނިކުފާނުގެ މެނިފެސްޓޯގެ 19.11 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެ އުޅުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ބަލައި ކުރިއަރާފައިވާ ގައުމުތަކުގެ މިންގަނޑުތަކަށް ބެލުމަށްފަހު އިސްލާމް ދީނާ ހިލާފުނުވާނެ ގޮތަށް އެއްވެ އުޅުމުގެ މިނިވަންކަން ފުޅާ ކުރައްވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެ ގާނޫނު އުވައިލަން ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ