އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދިސިވިލް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޞައްޙަ ނޫންކަމަށް ކަނޑައަޅައިދިނުން އެދި ސިވިލް ކޯޓަށް މައްސަލަ ހުށައެޅީ ޢަލީ އަމްޖަދު ކިޔާ މީހެކެވެ. ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ އިރު، އެ މައްސަލައާއެކު އެ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން މަޑުޖައްސައިލުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައިވެއެވެ.
މި މައްސަލަ މިއަދު ސިވިލް ކޯޓުން ބޭރުކޮށްލީ މައްސަލަ ހުށަހެޅި ޢަލީ ޢަމްޖަދަކީ އެމްޑީޕީ މެމްބަރަކަށް ނުވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމުމަށް ފަހުގައެވެ.
މި މައްސަލައިގެ ޙުކުމުގައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓާރސް ލިސްޓުގައިވެސް ނަން އޮތްކަމަށް އޭނާގެ ވަކީލް ދިޔާނާ ސަޢިދު ވިދާޅުވެފައި ވީނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އަމްޖަދުގެ ނަން އޮތީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި މިކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދެއްވައިފައިވާކަމަށް ޙުކުމުގައިވެއެވެ.
ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ އެމްޑީޕީގެ އިސް ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދެވެ. ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި މައްސަލަ ކޯޓުން ބޭރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ