ސުޕްރީމް ކޯޓުން ލިބުނީ ބޮޑު ކާމިޔާބެއް، ޔާމީން ސަލާމަތްވާނެ

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިއްވި ހުކުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި ޔާމީން ސަލާމަތްވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފަ އެވެ.
މި މައްސަލައިގައި ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި ޔާމީން އިސްތިއުނާފު ކުރުމުން، ރޭ އެ ކޯޓުން އެ މައްސަލަ ނިންމީ ޔާމީދާ ދެކޮޅަށެވެ. ސުޕްރީމް ކޯޓުގައި ޔާމީން ވަނީ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައި ނުގަތުމަށް އެދިފަ އެވެ.
ޔާމީނާއި ދެކޮޅަށް ސުޕްރީމް ކޯޓުގައި މައްސަލަ ނިމުނު ނަމަވެސް ޖަމީލު ވިދާޅުވީ ސުޕްރީމް ކޯޓުގައި މައްސަލަ ނިމިގެންދިޔައީ އެބޭފުޅުންނަށް ކާމިޔާބު ވެގެން ކަމަށާއި ސުޕްރީމް ކޯޓްގެ ހުކުމާއެކު ދައުލަތުގެ އަތުގައި ހުރި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ލިޔުންތަކެއް އެއްވެސް އިސްތިސްނާއެއް ނެތި ބެލުމުގެ ފުރުސަތު މިހާރު ލިބިގެން ގޮސްފައިވާ ކަމަށެވެ.
ފުއްގިރި މައްސަލަ ކުރިއަށްދާއިރު އަދީބާއި ޒިޔަތުގެ ހެއްކާ ގުޅޭގޮތުން ފަނޑިޔާރު ގޮތް ނިންމަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ކަމަށާއި މިއީ ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ޖަމީލު ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ ވަރަށް ބޮޑު ކާމިޔާބީއެއް. ސަބަބަކީ ފަނޑިޔާރުން ވަރަށް ސާފު ސަރީހަ ގޮތެއްގައި މި މައްސަލަ ކުރިއަށްދާއިރު މި ދެ ހެއްކާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅަން ޖެހޭނޭ. އަޅުގަނޑުމެން ބޭނުންވީ މިހާރުވެސް އެ ގޮތް ކަނޑައަޅަން." ޖަމީލު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަކީ ސާފު ސަރީހަކޮށް މި މައްސަލައިން ޔާމީން ބަރީއަވެ ސަލާމަތްވެވަޑައިގަތުމަށް ކޮށުނު މަގެއް ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ