އަހަރުމެން މަރުވި ނަމައޭ ހިތަށް އަރާ: ބިންހެލުމުގައި ސަލާމަތްވި ސީރިއާ ރައްޔިތުން

މިމަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިފައިވާއިރު ސީރިއާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލާން ޖެހިފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން ތިބި ސަރަހައްދުތައް ހިމެނޭހެން އައި މި ބިންހެލުންތަކުގައި ހާލުގައި ޖެހި ޒަރޫރީ ބޭނުންތައް ނުފުއްދިފައި ތިބި ރައްޔިތުން އަމިއްލައަށް އެހީ ހޯދުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލައިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ބިންހެލުމާ ގުޅިގެން އިދްލީބުގެ ހޮސްޕިޓަލަށް އެކަނިވެސް 700 ޕޭޝަންޓުން ވަނީ އައިސްފައެވެ. ސީރިއާގެ ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން މިވަރުގެ ބޮޑު ކާރިސާއެއްގައި ޒަހަމްވާ މީހުންނަށް ފަރުވާ ދެވޭނެ އެކަށޭނެ ވަސީލަތްތަކެއް އެސަރަހައްދުގެ ހޮސްޕިޓަލުތަކުގައި ނުހުރެއެވެ.
ސީރިޔާގެ ޙާލަތު ތުރުކީއާ މުޅިން ތަފާތެވެ. ގިނަ ޤައުމުތަކަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވަނީ ސަލާމަތްކުރާ ފަރާތްތަކާއި، ހަދިޔާއާއި އެހީތެރިކަން ފޯރުކޮށްދޭ ޓީމްތައް ހުށަހަޅައިފައެވެ. އެހެންނަމަވެސް ސޫރިޔާގެ އުތުރުގެ ބިންހެލުމުގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވަނީ އިދިކޮޅު ސިފައިންނާއި ސޫރިޔާގެ ސަރުކާރާ ދެމެދު ޒަމާނުއްސުރެ ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުންނެވެ.
ބައިނަލްއަޤްވާމީ ގޮތުން މާބޮޑު އެހީއެއް ނުލިބި، އެގައުމުގެ ޑޮކްޓަރުންނަށް ވަނީ ނިކަމެތިކަން އިޙްސާސްކުރެވި ހަދާނެ ގޮތް ހުސްވެފައެވެ.
"މިއީ އަހަރުމެންނާ ކުރިމަތި އެންމެ ބޮޑު އެއް ކާރިސާ" ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީ (ސާމްސް) އިން ހިންގާ ބަބްސް އަލް ހައްވާ ހޮސްޕިޓަލަށް މި ހަފުތާ ބަންދުގައި ކުރެއްވި ޒިޔާރަތަށް ފަހު ޑރ އަހްމަދު އަލަބްދު ސީއެންއެންއަށް ވިދާޅުވިއެވެ.
"ހަނގުރާމައިގައި ޒަހަމްވި ގިނަ ބަޔަކަށް ފަރުވާ ދިން ނަމަވެސް މިހާ ގިނަ ގެއްލުންތަކާ މީގެ ކުރިން ދުވަހަކުވެސް ކުރިމައްޗެއް ނުލަން. އެހީއަށް ގޮވާލި ނަމަވެސް އެއްވެސް ޖަވާބެއް ނުލިބޭ، ހާއްސަކޮށް ކްރިޓިކަލް ފުރަތަމަ ދެ، ތިން ދުވަހު،" " ޑރ. އަހުމަދު ވިދާޅުވިއެވެ.
ޑރ. އަހުމަދު ވިދާޅުވިގޮތުގައި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު މަދުވުމުގެ ސަބަބުން ވަރަށް ގިނަ ޕޭޝަންޓުންވަނީ މަރުވެފައެވެ. އެ ތަކެތި ހުރިނަމަ އިތުރު ފުރާނައެއް ސަލާމަތް ކުރެވުނީހެވެ.
ސޫރިޔާގެ ރައްޔިތުން ބުނަނީ ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްތަކުގައި އެހީއަށް އެދި އެމީހުން ގޮވާލި ގޮވުންތަކަށް އިހުމާލުވެ، އަނެއްކާވެސް ބައިނަލްއަގުވާމީ އެއްބާރުލުމަކާ ނުލައި އެމީހުން އެހާލުގައި ދޫކޮށްލާފައިވާކަމަށެވެ.
އެސަރަހައްދުގެ ކުޑަކުދިން އަދިވެސް ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އެކުދިންގެ ލޯބިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ސީރިއާގެ ސައިނާގައި މަދު ޓެންޓުތައް ހުއްޓެއްކަމަކު އެޓެންޓުތަކުން ޖާގަ ލިބުނީ ވަރަށް މަދުބަޔަކަށެވެ. އަނެއްބައިމީހުން އެމީހުންގެ ޅަދަރިންނާއެކު ނިދަނީ ހާމަކޮށް އޮންނަތަންތަނުގައެވެ. ކޮންމެވެސް ހިޔާވަހި ކަމެއް ލިބޭނެކަމުގެ އުއްމީދުގައެވެ.
އެސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުން ބުނާގޮތުގައި އެމީހުން ނިދަނީ ގަސްތައް ދަށުގައެވެ. އެތަން ވަރަށް ފިނި ނަމަވެސް އިތުރުގޮތެއް އެމީހުންނަކަށް ނެތެވެ.
"އެހެން އެންމެންނާއެކު މަރުވިނަމައޭ ހިތަށް އަރާ. އަހަރެން ސަލާމަތްވީ ހަމައެކަނި މި ހިތާމައާއި ހިތްދަތިކަން ދިރިއުޅުމަށް" އެހީ އަށް އެދި ސީރިއާއިން ކުރަމުން ދާ އާދޭސް ދުނިޔެއަށް އަޑު ނީވޭ ކަމަށް އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ