ފައިހްއާ އޭނާ ފޮރުވައިގެން ގެންގުޅުނު މީހުންނަށް ދައުވާ ކޮށްފި

ކެފޭ ޑި ޕަބްލިކްގައި ހިނގި މަރާމާރީއާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރަން ވަނީ ފޮނުވާފައެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާނު ކުރިތާ މަސް ދުވަސް ފަހުން އަމިއްލައަށް ފުލުހަށް ހާޒިރުވި ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމްގެ މައްޗަށް ދައުވާކުރަން މިއަދު ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.
މީގެ އިތުރުން މަސް ދުވަސް ވަންދެން އޭނާ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތު އޮތް މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ބުނީ އިއްޒުއްދީން މަގުގައި ހުންނަ ކެފޭ ޑި ޕަބްލިކް ތެރޭގައި ބަޔަކު މާރާމާރީ ހިންގައި އެތަނުގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައިގެ ތުހުމަތު ކުރެވޭ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމް ކޯޓްގެ މައްޗަށް ތިން ދައުވާއެއް އުފުލާ ކޯޓަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.ފައިހްގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ގާނޫނުލްއުގޫބާތުގެ ދަށުން ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އެވެ.މީގެ އިތުރުން ފައިހް، ކޯޓް އަމުރެއްގެ ހައްޔަރުކުރުމަށްޓަކައި އޭނާ ހޯދާ ނުފެނިގެން، 15 ފެބްރުވަރީ 2023 ދުވަހު މީޑިއާ މެދުވެރިކޮށް ފުލުހުން އިއުލާންކޮށްފައިވަނިކޮށް ބަޔަކު ފައިހް ހައްޔަރު ކުރިއަނުދިނުމަށްޓަކައި ފޮރުވައިގެން ގެންގުޅުނު މައްސަލައިގައިވެސް ދައުވާ ކުރަން ވަނީ ފޮނުވާފައެވެ.އެ މައްސަލާގައި ދައުވާ އުފުލާފައިވަނީ ލ. ގަން، ތުނޑި، ނެވަރކޯން، އަބްދުﷲ ޖުނައިދު އާއި ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުހައްމަދު ޝަބީބްގެ މައްޗަށެވެ.އެ ދެ މީހުންގެ މައްޗަށް ކުރަނީ ގާނޫނުލްއުގޫބާތުގެ 536 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއް ކޮށްފައިވާ މީހަކު ހައްޔަރު ކުރިއަނުދިނުމަށްޓަކައި ކުށްކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.އަދި އެ މާރާމާރީއާ ގުޅިގެން ހ. ދިއްގާމާގެ، އަލީ ފާރިސް އާއި މއ. އާދިއްޕަރު، މާއިން މުހައްމަދު އަޒީމްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ