ބަންޑާރަ ނައިބް އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާކޮށް، ޖަލްސާވެސް ފެށިފަހުން މިމައްސަލާގައި ސުޕްރީމްކޯޓުގެ ލަފައެއް ހޯއްދެވުމަށް މަޖިލިސް ރައީސް ނިންމެވި ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫންކަމުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަނައިބު އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންފައިވާތީ އުފެދުނު ޚިޔާލުތަފާތުވުންތަކާއި ގުޅިގެން، ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ.
މަޖިލީހުގެ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ބަންޑާރަނައިބްގެ އިތުބާރުނެތް މައްސަލަ މަޖިލީހުގައި އެޖެންޑާކުރައްވައި، އެ ޖަލްސާގައި ބަންޑާރައިބު ލިޔުމުން ފޮނުވި ޖަވާބު އިއްވުމަށް ފުރުޞަތު ދެއްވުމަށްފަހު، މެންބަރަކު ނެންގެވި ނިޒާމީ ނުކުތާއަކަށް ބައްލަވައި، މަޖިލީހުގެ ރައީސް މިމައްސަލަ ކުރިއަށް ނުގެންދެވުމަށް ނިންމެވި ނިންމުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ.
މިމައްސަލާގައި ބަންޑާރަނައިބް ޢަމަލު ކުރައްވާފައިވަނީ ޤާނޫނު އަސާސީއާއި މަޖިލީހުގެ ޤަވާއިދުގެ ތެރެއިން ކަމަށް އަސްލަމް ވިދާޅުވިއެވެ. މިމައްސަލައަކީ މަޖިލީހުގައި ކުރިއަށް ގެންދިއުމުގައި ސުޕްރީމްކޯޓުގެ ލަފައަކަށް ދާންޖެހޭ ވަރުގެ މައްސަލައެއްވެސް ނޫންކަމަށް، ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ ރައީސް ކުރެއްވި މަޝްވަރާތަކުގައި ވިދާޅުވެފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިމައްސަލާގައި އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހުސެއިން ޝަހީމް ވިދާޅުވީ، މިމައްސަލާގައި އެމްޑީޕީ ޕީޖީ ގްރޫޕުން ވަކި ގޮތަކަށް ނިންމަވައި އެލަފާ ދެއްވިނަމަވެސް މަޖިލީހުގެ ރައީސަށް އެކަން ބަލައި ނުގަނެވުނުކަމަށެވެ. އަދި މިކަމަކީ ޤާނޫނީ މައްސަލައެއް އޮތްކަމަށް ނުވާއިރު، ސިޔާސީ މަގުސަދެއްގައި މައްސަލަ ދަންމާލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިމައްސަލާގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއިއެކު މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި މަޝްވަރާ ކުރައްވާފައެވެ. މިގޮތުން އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީގެ ލީޑަރުންނާއި އެކުގައި ކުރެވުނު މަޝްވަރާތަކުން ނަތީޖާއެއް ލިބިފައި ނުވާކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ މިފަދަ މައްސަލައެއްގައި ޢަމަލު ކުރައްވާނީ ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ލިބިވަޑައިގެންނެވުމުން ކަމަށެވެ. ޤާނޫނު އަސާސީއާއި ޚިލާފަށް މަޖިލީހުގައި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަކީ ތާއީދުކުރައްވާ ކަމެއް ނޫންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އިތުބާރުނެތް މައްސަލާގައި ސުޕްރީމް ކޯޓަށް ދާންޖެހޭ ސަބަބެއް ނެތް: އަސްލަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ