ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘިންގެ ޖަމާއަތުން ކުރާ އަނިޔާއަށް އަލި އަޅުވާލާ، ފާޑުކިޔުން އަމާޒުކޮށް ނެރިފައިވާ ވީޑިއޯތަކަކާއި ގުޅިގެން 4 ޔޫޓިއުބަރެއްގެ މައްޗަށް ޖަލު ހުކުމް އިއްވައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހާއި ޖަނަވަރީ މަހުގައި، ހޫތީންގެ ކޮރަޕްޝަނާއި އަދި މުޖުތަމައުގައި ހިންގާ ނުރައްކާތެރި ހަރަކާތްތަކާއި ބެހޭ ގޮތުން އަޑު އުފުލާ ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯތަކަކާއި ގުޅިގެން ހައްޔަރުކުރި މީހުންނަށް ދިން ޖަލު ހުކުމުގެ މުއްދަތުތަކަކީ، އަހުމަދު ﷲއަށް 3 އަހަރާއި، މުސްތަފާ އަލް-މޯމަރީއަށް ދޮޅު އަހަރާއި، އަހުމަދު ހާޖަރަށް 1 އަހަރާއި އަދި ހަމޫދު އަލް-މެސްބަހީއަށް 6 މަހެވެ.
އެމީހުންގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަކީ، ހަމަނުޖެހުން އުފެއްދުމުގެ ދައުވާއާއި، މުޖުތަމައުގެ ސުލްހަމަސަލަސްކަމަށް ހުރަސް އެޅުމުގެ ދައުވާ އަދި ހޫޘީންނަށް ހަޖޫ ޖެހުމުގެ ދައުވާކަމަށް، އެމީހުންގެ ދިފާއީ ވަކީލް ވައްދާލު ގުތައިޝް ބުންޏެވެ.
އެމީހުންގެ މައްޗަށް ހުކުމް އިއްވުމުގެ އިތުރުން، އެމީހުން ނިސްބަތްވާ ޔޫޓިއުބް ޗެނަލްތައް ބަންދުކުރުމުގެ އަމުރު ނެރެ، ކޮންމެ މީހަކު 10 މިލިއަން ޔަމަން ރިޔާލުން (40،000 ޑޮލަރު) ޖޫރިމަނާކުރިއެވެ. އުފުލި ދައުވާތަކާއި އިއްވި ހުކުމްތަކަކީ "ސިޔާސީ ނުފޫޒް" އޮތް ދައުވާއާއި ހުކުމްކަމަށާއި އަދި އެ ހުކުމްތައް އިސްތިއުނާފުކުރާނެކަމަށް، ގުތައިޝް ބުންޏެވެ.
އުތުރު ޔަމަނާއި އަދި ސަންޢާ އޮންނަނީ ހޫޘީ ބާޣީންގެ އަތްދަށުގައި ކަމަށްވުމުން، އެމީހުންނާއި ދެކޮޅަށް އަޑުއުފުލާ ކޮންމެ މީހަކުވެސް ބޮޑު އަދަބަކާއި ކުރިމަތިލާންޖެހެއެވެ. ފާޑުކިޔުންތެރިންގެ މައްޗަށް، ސައުދީއިން އިސްނަގައިގެން ހިންގާ އިއްތިހާދަށް ތާއީދުކުރާކަމުގެ ތުހުމަތުކުރެއެވެ. މީގެ އިތުރުން، އަމިއްލަ މިނިވަންކަމަށާއި، އަދި ވަކިން ހާއްސަކޮށް ބާޢީންގެ އަތް ދަށުގައިވާ ސަރަހައްދުތަކުގައި އަންހެނުންގެ ހައްގުތައް ވަރަށް ބޮޑަށް ހަނިކުރެއެވެ.
ޔަމަނުގައި ގަދަ ބާރުން ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ހޫޘީން އަންނަނީ 2015 އިން ފެށިގެން، ސައުދީއިން އިސްނަގައިގެން ހިންގާ އިއްތިހާދާއި ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. ސައުދީގެ މަގްސަދަކީ ޔަމަނުގެ ސަރުކާރުގެ އަތަށް ފުރިހަމަ ބާރު އަލުން ގެނައުމެވެ.
ހޫޘީންނަށް ފާޑުކީ ޔޫޓިއުބު ވީޑިއޯ ހަދާ 4 މީހަކު ޖަލަށްލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ