ނޫސްވެރިން ތަމްރީންކުރަންޖެހެނީ އިލެކްޝަން ކޮމިޝަނަކުން ނޫން: މެމްބަރު ޝަފީޤް

ނޫސްވެރިން ތަމްރީންކުރަން ޖެހެނީ އިލެކްޝަން ކޮމިޝަނުން ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުއްﷲ ޝަފީގު ވިދާޅުވެއްޖެއެވެ.
ޝަފީޤް މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބާއި އެހެނިހެން އިންތިހާބުތަކުގައި މޮނިޓަރުންނަށް ވެވޭނީ، އެކްރެޑިޓް ކުރާ ނޫސްވެރިންނަށް އެކަނި ކަމަށް ބުނާ އިލެކްޝަން ކޮމިޝަނުން އިންތިހާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ އިބްތިދާއީ ބަހުސްގައި ބައިވެރިވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައިގައެވެ.
މެމްބަރު ޝަފީޤް ވިދާޅުވީ، ކޮންމެ ރަށެއްގައި ނޫސްވެރިއެއް ނުހުންނާނެ ކަމަށާއި، އިންތިހާބުތައް ކަވަރުކުރުމުގައި ގިނަ މީޑިއާތަކުން އަމަލުކުރަމުންދާ ގޮތަށް ބަލާއިރު ހުށަހެޅިފައިވާ އިސްލާހުގައި ކަންބޮޑުވާންޖެހޭ ކަންކަން އެބަ ހުރި ކަމަށެވެ. ނޫސްވެރިން ނެތް ރަށްރަށުން އިންތިހާބުގެ ފޮޓޯ ނުވަތަ މައުލޫމާތު މީޑިއާތަކުން ހޯދަނީ އިތުބާރުކުރެވޭ އާންމު ފަރުދުން މެދުވެރިކޮށް ކަމަށާއި އެހެންކަމުން، އިންތިހާބުތަކުގައި މޮނިޓަރުންނަށް ވެވޭނީ އެކްރެޑިޓް ކުރާ ނޫސްވެރިންނަށް އެކަނި ކަމަށް ކަނޑައެޅުމަކީ މީޑިއާތަކަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
ޝަފީޤް އިތުރަށް ވިދާޅުވީ، ނޫސްވެރިންނަށް ތަމްރީނެއް ދޭންޖެހޭ ނަމަ، އެކަންކުރާނެ މުއައްސާސާތައް އެބަހުރި ކަމަށާއި އެގޮތުން ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލުން އަންނަނީ އެފަދަ ތަމްރީންތައް ދެމުން ކަމަށެވެ. އެހެންވެ، ނޫސްވެރިން ތަމްރީންކުރަންޖެހެނީ އިލެކްޝަން ކޮމިޝަނުން ކަމަށް އޭނާ ދެކެވަޑައިނުގަންނަވައެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން އެކުލަވާލި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި، އިލެކްޝަން ކޮމިޝަނުގެ ނައިބު ރައިސް އިސްމާއީލް ހަބީބް ވިދާޅުވީ، މޮނިޓަރުންގެ ގޮތުގައި އެކްރެޑިޓް ކޮށްފައިވާ ނޫސްވެރިންނަށް ވެވޭނެ ކަމަށް އިސްލާހު ހުށަހެޅީ މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ކަންކަން ދިމާވެފައިވާ ގޮތުން ކަމަށެވެ.
ވޯޓުލާ މަރުކަޒަށް މޮނިޓަރުންގެ ގޮތުގައި ބައެއް މީޑިއާތަކުން ސިޔާސީ މީހުންވެސް ފޮނުވާފައިވާ ކަމަށާއި މަރުކަޒުގައި ހަމަނުޖެހުން ހިންގާ ކަމަށް ހަބީބް ވިދާޅުވިއެވެ.
ނޫސްވެރިން އެކްރެޑިޓް ކުރުމުގައި އިލެކްޝަން ކޮމިޝަނުން ބަލަނީ އެކޮމިޝަނުން ހިންގާ ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރުގެ ޓްރޭނިން ޕްރޮގްރާމެއް ފޭސް ޓު ފޭސްކޮށް ނުވަތަ އޮންލައިންކޮށް ފުރިހަމަކޮށްފައި ވޭތޯއެވެ.
އެއިސްލާހާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ