ހެރިސާއި ޓްރަމްޕްގެ ކުރިމަތިލުން: އެމެރިކާގެ ރައްޔިތުން ވޯޓުލާ މަރުކަޒުތަކަށް

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށުމާ އެކު, އެތަކެއް މިލިޔަން ބަޔަކު ވޯޓުފޮށިތައް ބަހައްޓާފައިވާ މަރުކަޒުތަކަށް ޖަމާވެ, ވޯޓުލާން ފަށައިފިއެވެ. އިންތިޚާބުގެ ކުރިން ފެނިގެން ދިޔަ ކެމްޕޭނަކީ, އެމެރިކާގެ ތާރީޚުގައި ވެސް މިހާތަނަށް ފެނުނު އެންމެ ވާދަވެރި ކެމްޕޭންގެ ގޮތުގައި ބެލެވެއެވެ. އިންތިޚާބުގައި އެންމެ ވާދަވެރި ދެ ކެނޑިޑޭޓުންނަކީ, ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސެވެ. އަދި, އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި މީގެ ކުރިން އެމެރިކާގެ ތާރީޚުގައި ފެނިގެން ގޮސްފައި ނުވާ ފަދަ މަންޒަރުތަކެއް ފެނިގެން ދިޔައެވެ. އޭގެ ތެރެއިން, ޓްރަމްޕް އަވަހާރަ ކޮށްލުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރުން ފާހަގަ ކޮށްލެވެއެވެ. ޕެންސިލްވޭނިޔާގެ ބަޓްލަރގައި ދިން ޙަމަލާގައި ޓްރަމްޕަށް ޒަޚަމުތަކެއް ލިބުނެވެ. މީގެ އިތުރުން, ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓުގެ ގޮތުގައި ކުރިން ވާދަކުރެއްވި, ރައީސް ޖޯ ބައިޑަން, ކެމްޕޭނުން ފެޔަށް ޖެހިވަޑައިގަތުން ފާހަގަ ކުރެއެވެ. އަދި, އެމެރިކާގެ ނައިބު ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ފުރަތަމަ އަންހެން ބޭފުޅާ, 60 އަހަރުގެ ހެރިސަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު އެރުވުން ހިމެނެއެވެ.
78 އަހަރުގެ ޓްރަމްޕްގެ ކެމްޕޭނުން ބުނީ, ވޯޓުގެ ނަތީޖާ އިޢުލާނުކޮށް ނިމުމުގެ ކުރިން އޭނާ ކާމިޔާބީ އިޢުލާނު ކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. މީގެ ހަތަރު އަހަރު ކުރިން ބޭއްވި އިންތިޚާބުގައި ވެސް އޭނާ އަމަލު ކުރައްވާފައި ވަނީ އެ ގޮތަށެވެ. އަދި, ޓްރަމްޕަށް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަންނަވާނެ އޮތީ އެންމެ ގޮތެއް ކަމަށާއި, އެއީ ޑިމޮކްރެޓިކް ޕާޓީން އިންތިޚާބުގެ ނަތީޖާ އޮޅުވައިލުން ކަމުގައި ވެސް ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ. މިއީ, ވޯޓުގެ ނަތީޖާ ނިކުންނަ ގޮތަކުން އެމެރިކާގައި ދާޚިލީ ހަމަނުޖެހުމެއް ހިންގަފާނެ ކަމުގެ އިޝާރާތެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމަށް ދެ ތިން ދުވަސް ހޭދަވެދާނެ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ސަބަބަކީ, ދެ ކެނޑިޑޭޓުންގެ ވާދަވެރިކަން ބޮޑުވުމެވެ. އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިމިގެން ދިޔަ ނަމަވެސް, މިއީ އެމެރިކާގައި ބާއްވާ ތާރީޚީ އިންތިޚާބަކަށް ވެގެންދާނެއެވެ. އިންތިޚާބުގައި ކަމަލާ ކުރި ހޯއްދަވައިފި ނަމަ, އޭނާ ވެވަޑައިގަންނަވާނީ އެމެރިކާގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ. އަދި, ކަޅު ނަސްލު, އަދި ދެކުނު އޭޝިޔާ ދަރިކޮޅަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާއަށެވެ.
އިންތިޚާބުގައި ޓްރަމްޕް ކާމިޔާބީ ހޯއްދަވައިފި ނަމަ, އެއީ ވެސް ތާރީޚީ ކާމިޔާބީއަކަށް ވެގެންދާނެއެވެ. ސަބަބަކީ, ޓްރަމްޕަކީ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވަނިކޮށް އިތުބާރު ނެތް ކަމަށް ދެ ފަހަރެއްގެ މަތިން ފާސްކޮށްފައިވާ ފުރަތަމަ ރައީސެވެ. އަދި, ޖިނާއީ ކުށެއްގެ ދަޢުވާ ސާބިތުވެފައިވާ ފުރަތަމަ ކުރީގެ ރައީސެވެ. އެންމެ ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެންނަނީ ދެ ކެނޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަމެވެ. ޚާއްޞަކޮށް, ސްވިންގ ސްޓޭޓްތަކުގެ ގޮތުގައި ބެލެވޭ އެރިޒޯނާ, ޖޯޖިޔާ, މިޝިގަން, ނެވާޑާ, އުތުރު ކޮރެލައިނާ, ޕެންސިލްވޭނިޔާ އަދި ވިސްކޮންސިންގައި ދެ ބޭފުޅުންނަށް އޮތް ތާޢީދު ހަމަހަމަކަމެވެ.
ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސްގައި ހުސްވެފައިވާ ގޮނޑިތަކުގެ އިންތިޚާބު ވެސް, ރިޔާސީ އިންތިޚާބާ އެކުއެކީގައި ކުރިއަށް ދާނެއެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެންނަނީ, ކޮންގްރެސްގެ މަތިގެ, ސެނެޓުގެ ވޯޓު ކާމިޔާބު ކުރާނީ ރިޕަބްލިކަން ޕާޓީން ކަމުގައެވެ. އަދި, ކޮންގްރެސްގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ކާމިޔާބު ކުރުމުގެ ފުރުޞަތު ޑިމޮކްރެޓިކް ޕާޓީއަށް އޮތް ކަމަށް ވެސް ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ހާމަވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ