އައްޑޫގެ ގެއެއް އަނދައި ހުލިވުން: 6 މަހުގެ ވަގުތީ ބޯހިޔާވަހިކަން ދެނީ
އައްޑޫ ސިޓީ، ހިތަދޫގައި މި މަހު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ގޭގައި ދިރިއުޅުނު އަށް މީހުންނަށް ވަގުތީ ގޮތުން ހަ މަހުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަަށް މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލު ހިތަދޫ މޫލެކެޑެ ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އައްޑޫ ހިތަދޫ ގެއެއް ކަމުގައިވާ އާޔާވިލާގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެމްއެންޑީއެފުން "ސަން"އަށް ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެރޭގެ 19:18 ހާއިރު ކަމަށާއި، ނިއްވައިލެވުނީ 22:30 ހާއިރު ކަަމަށެވެ. އެ ގޭގެ ސިޓިންރޫމާއި ބަދިގެ އަނދައި ހުލިވެފައިވާއިރު، ގޭގެ ތިން ކޮޓަރީގެ ތެރެއިން ދެ ކޮޓަރީގައި ހުރި ހުރިހާ ސާމާނުތަކަށް ވެސް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވެއެވެ. އަދި އަންނައުނާއި، ކުޑަކުދީންގެ ސްކޫލު ފޮތްތަކާއި، ޔުނީފޯމުތަކާއި، ހިފާގެންގުޅޭ ގިނަ އެއްޗެހި ވަނީ އަނދައިފައެވެ. އަދި އެ ގެ، މީހުން ދިރިއުޅެން ދަތިވާ މިންވަރަށް އަނދައި ހުލިވެފައިވެއެވެ. މިއަދު ސަޢީދު "ސަން" އަށް ވިދާޅުވީ އެ ގޭގެ މީހުންނަށް ހައެއްކަ މަސް ވަންދެން އެ ގެެއަށް އަލުން ވަދެވޭ ވަރު ނުވާނެ ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި އެ ގޭގެ މީހުން އަދިވެސް ތިބީ ކައުންސިލުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަދިން ގެސްޓް ހައުސްއެއްގައެވެ. އެހެން ނަމަވެސް، ހަ މަސް ދުވަސް ވަންދެން ގެސްޓް ހައުސްގައި މަޑުނުކުރެވޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. "އަދި އިތުރަށް ހަ މަސް ދުވަހަށް އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖައްސަން ޖެހޭ. އެންމެ ފުރަތަމަ މި ހާދިސާ ހިނގިއިރު ގެސްޓްހައުސްއެއްގަ ފަސް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވޭ. މިހާރު އެމުއްދަތު ހަމަވުމުން، އަނެއްކާ އިތުރު ފަސް ދުވަހަށް ގެސްޓްހައުސްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވޭ،" ސަޢީދު ވިދާޅުވިއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އައްޑޫ ސިޓީ ކައުންސިލުން ވަނީ ހާދިސާގެ ތަފްސީލުތައް އެންޑީއެމްއޭއާ ހިއްސާކޮށްފައެވެ. އެންޑީއެމްއޭގެ މީޑިއާ އޮފިޝަލް ޢަލީ އާސިރު "ސަން"އަށް މިއަދު ވިދާޅުވީ ގެއަށް ލިބުނު ގެއްލުމުގެ އެސެސްމެންޓް ރިޕޯޓު، ކައުންސިލުން އެ އިދާރާއާ ހިއްސާކޮށްފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ މައުލޫމާތުދެއްވިއެވެ. އެކަމަކު ކައުންސިލާއި އެންޑީއެމްއޭއިން ވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ. މި ހާދިސާއާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތުދެމުން އެ ގޭގެ ވެރިފަރާތް ކަމުގައިވާ އިބްރާހިމް މަނިކުފާނު ބުނީ އެ ގޭގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި ގޭގައި ދިރިއުޅެނީ އޭނާގެ ދެ ދަރިންނާއި ތިން ކާފަ ދަރިންނެވެ. އިބްރާހީމް ބުނީ އެ ހާދިސާ ހިނގި ވަގުތު ގޭގެ ފަސް މީހުން ވެސް ތިބީ ސިޓިންރޫމްގައެވެ. އޭގެ ތެރޭގައި އޭނާއަށް ކާފަ ކިޔާ ތިން ކުޑަކުދިން ހިމެނުނުކަން އިބްރާހީމް ފާހަގަކުރިއެވެ. "އަލިފާން ރޯވި ވަގުތު ތިން ކުޑަކުދިންނާއި ދެމީހުން ތިބީ ސިޓިން ރޫމްގައި. ކޮޓަރިތަކުގައި ތިބި ނަމަ އަވަހަށް ސަލާމަތްވާން އުނދަގޫ ވީސް. ގޭގައި ތިބީ ތިން ކުޑަކުދިން. އެއީ ހަތަރު އަހަރާއި ފަސް އަހަރާއި ތިން އަަހަރުގެ ކުޑަކުދިން،" އިބްރާހިމް ކިޔައިދިނެވެ. އިބްރާހިމްގެ އަންހެނުން އައިމިނަތު އަޙްމަދު ބުނީ އެ މީހުން ދިރިއުޅެމުން ދިޔައީ، ގޭގައި އަމިއްލަ މަސައްކަތް ކޮށްގެން އޭނާއަށް ލިބުނު ފައިސާއާއި، ފިރިމީހާއަށް 65 އަހަރުވެފައިވުމުން ލިބޭ 5،000 ރުފިޔާގެ އެހީގައި ކަމަށެވެ. "އަޅުގަނޑުމެން މި ގޭގައި ދިރިއުޅެނީ އަޅުގަނޑު ކުދި ބަޖިޔާ ކަހަލަ އެއްޗެހި ހަދައިގެން ހޯދާ އާމްދަނީން. ދެން އިބްރާހިމަށް ލިބޭ 5،000 ރުފިޔާއިން ގޭގެ ބިލުތައް ކިރިޔާ ދައްކައިލެވެނީ،" އޭނާ ކިޔައިދިނެވެ. އެހެންނަމަވެސް، ގެ އަނދައި ހުލިވުމުން މުޅި އާއިލާގެ އާމްދަނީއަށް ބުރޫ އަރާފައިވާ ކަމަށް އައިމިނަތު ބުންޏެވެ. https://sun.mv/215236 އައިމިނަތުގެ ދަރިފުޅު ވެސް ވަނީ ކޮޓަރިތައް އަނދާ ހުލިވެފައިވާ މިންވަރު ފެނި، ދެވަނަ ފަހަރަށް އެ ގޭގެ ކޮޓަރިތަކުގައި ދިރިއުޅެން ފަސްޖެހޭކަން ހާމަކޮށްފައެވެ. "ކުދިން ގޮވައިގެން ރައްކާތެރިއެއް ވެސް ނުވާނެ ކަންނޭނގެ މިގޮތަށް ކޮޓަރިތައް ހުރީމަ ވެސް،" އޭނާ ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން "ސަން"އަށް ބުނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ