ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ކުރި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުން، ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މުޒާހަރާ ހޫނުވެ، ޕުރެޝަރު ބޮޑުވުމުން އޮލީގެ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ހިފެހެއްޓި ހިފެހެއްޓުން ދޫކޮށްލައިފަ އެވެ. އޮލީގެ ސަރުކާރުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ. އެ ހަމަނުޖެހުންތަކުގައި 19 މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.
ނަމަވެސް މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް ދިއުމުގެ ސަބަބުން އޮލީ މިއަދު އިސްތިއުފާ ދެއްވަން މަޖުބޫރުވެ، ނޭޕާލް ވަނީ ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިފަ އެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު އޮންނަ ފަގީރު ހިމާލަޔަން ސްޓޭޓުގައި 2008 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ ރަސްކަން ނިމުމަކަށް އައި ފަހުން ސިޔާސީ ހަމަނުޖެހުންތަކާއި އިގްތިސާދީ ހަމަނުޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އަދި މިފަހަރުގެ ހަމަނުޖެހުންތަކަކީ ފާއިތުވި 10 އަހަރު ތެރޭގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުންތަކެވެ.
"އަޅުގަނޑު މިއަދު މި އިސްތިއުފާ ދިނީ މި މައްސަލައަށް ހައްލެއް ހޯއްދަވައި ދިނުމަށް އަދި ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ސިޔާސީ ހައްލެއް ހޯދައި ދިނުމަށް، ބައެއް ފަރާތްތަކުގެ ލަފާގެ މަތިން،" އޮލީ ވިދާޅުވި އެވެ.
އޮލީގެ އިސްތިއުފާ އެ ގައުމުގެ ރައީސް ގަބޫލު ކުރެއްވުމާ ގުޅިގެން އަސްކަރިއްޔާ އިން ވަނީ "މަޑުމައިތިރި" ވުމަށް އެދިފަ އެވެ.
އޮލީ،73، އެ ގައުމުގެ 14 ވަނަ ބޮޑުވަޒީރުގެ ގޮތުގައި މަގާމުގެ ހުވާ ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
އޭގެ ކުރިން އެމަނިކުފާނުގެ ދެ ވަޒީރަކު ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވީ އެފަދަ ހާލަތެއްގައި މަގާމުގައި ތިއްްބެވުމަށް އަހުލާގު ތަން ނުދޭ ކަމަށް ވިދާޅުވެފަ އެވެ.
ހަމަނުޖެހުންތަކަކީ ގައުމަށް ފައިދާ ހުރި ކަމެއް ނޫން ކަމަށާއި ސުލްހަވެރިކަމާ އެކު މަޝްވަރާކޮށް ކަންކަން ހައްލުކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިއަދު ހެނދުނު ސިޔާސީ ޕާޓީތަކާ އެކު ބޭއްވި ބައްދަލުވުމެއްގައި އޮލީ ވިދާޅުވި އެވެ.
ޕުރެޝަރު ބޮޑުވެ ނޭޕާލްގެ ބޮޑުވަޒީރު އޮލީ އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ