ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކަތްތަކުގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް އެކަމާ ގުޅުންހުރި މަސައްކަތްތަކަށް ޖަޕާނު ސަރުކާރުން 10.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.
މިހާރުވެސް މާލެ ވަށައި ލާފައިއޮތް ތޮއްޓަކީ ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. މިފަހަރު ޖަޕާނު ސަރުކާރުން އެހީ ދީފައިވަނީ، މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށެވެ.
މިއީ މިއަހަރުގެ ޖުލއިމަހުގެ 26 ވަނަ ދުވަހު ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު
ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ދިން އެހީއެކެވެ. މަޤްޞަދަކީ މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދިރިއުޅުމާއި އިޤްތިޞާދީ ހަރަކާތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަން
ހަރުދަނާ ކުރުމެވެ.
މާލީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެހީދިނުމުގެ މި އެއްބަސްވުމުގައި ދިވެހި
ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ
ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން މިރާސްއެވެ. ޖައިކާގެ ފަރާތުން ސޮއިކުރެއްވީ
ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މރ. ޓަކި މޮޓޮއޯ އެވެ.
އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން... ފޮޓޯ: މާލީ ވުޒާރާ
އެއްބަސްވުމާ ގުޅޭގޮތުން މާލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މިރާސް ވިދާޅުވީ މި މަޝްރޫޢަކީ ފެނާ ގުޅުންހުރި ކާރިސާތަކުގެ އިތުރުވަމުންދާ ނުރައްކާ ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މުހިންމު ރައްކާތެރިކަމެއް ލިބި، އެމީހުންގެ ސަލާމަތްތެރިކަމާއި ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދިރިއުޅުމުގެ ދެމެހެއްޓެނިވިކަން ޔަޤީންކޮށްދޭނެކަމަށް ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި
ރަސްމިއްޔާތުގައި މރ. ޓަކި މޮޓޮއޯ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢަކީ ޖަޕާނުން ދިވެހިރާއްޖެއަށް ދެމުން އަންނަ ދިގު
މުއްދަތުގެ އެހީތެރިކަމުގެ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި 1988 އިން 2006 އަށް
ކުރިއަށް ގެންދެވުނު ކަނޑުތޮށިލުމުގެ މަޝްރޫޢުތަކުގެ ސަބަބުން، 2004 ޑިސެންބަރު ގައި ރާއްޖެއަށް ދިމާވި ސުނާމީ
ކާރިސާގައި މާލެއަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނުކަން ފާހަގަކުރެއްވިއެވެ. މީގެ
އިތުރުން، މި އައު މަޝްރޫޢުގެ
ދަށުން ތޮށިގަނޑު ވަރުގަދަކޮށް، ވާރޭފެން ހިންދުމަށް ޚާއްސަ ނިޒާމުތައް ތަޢާރަފުކޮށް، ގޮނޑުދޮށް ހިމާޔަތްކުރުން ހަރުދަނާކުރެވޭނެކަން ރެސިޑެންޓް
ރެޕްރެޒެންޓެޓިވް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި
ދިވެހިރާއްޖެއަށް ޖަޕާނުން ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރުމިކޯ
އާއި، މާލީ ކަންކަމާއި
ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، ޚާރިޖީ ވުޒާރާ، އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މާލޭގެ ކަނޑުތޮށި ވަރުގަދަކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ އެހީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ