އަރަބި-އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ގަތަރަށް ފުރާވަޑައިގެންފި

އަރަބި-އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު، ގަތަރަށް މިރޭ ފުރާވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ މި ސަމިޓުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. ކުއްލި މި ސަމިޓް ބާއްވަނީ މިދިޔަ އަންގާރަ ދުވަހު އިޒްރޭލުން ގަތަރަށް ދިން ހަމައަލާއާ ގުޅިގެންނެވެ.
ތަފްސީލު - ރައީސް އޮފީހުން ބުނީ ސަމިޓްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަކީ ރާއްޖެ އާއި ގަތަރާ އެކު އޮތް އެއްބައިވަންތަކަމުގެ ގުޅުމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
އޭގެ އިތުރުން ރައީސް އޮފީހުން ބުނި ގޮތުގައި:
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވަން މިހާރުން މިހާރަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރަން ރާއްޖެއިން އެދޭ އެދުމަށް ވެސް މި ދަތުރުފުޅުން ބާރު ލިބޭ
"މި މުނާސަބު ވަގުތުގައި، އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ގައުމުތަކުގެ އިސް ވެރިން އެއްތަންވުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ،" ރައީސް އޮފީހުން ބުންޏެވެ.
"މި މަންސައިގެ ތެރެއިން މުސްލިމު އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ އަމަލުތައް ހުއްޓުވުމަށާއި ސަރަހައްދީ އަމަންއަމާންކަން ގާއިމުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެ އެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ