ދިވެހި ޕްރިމިއާ ލީގު: ނުވަ ގޯލުން ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ އެއް ވަނަ އަށް ދިވެހި ޕްރިމިއާ ލީގު: ނުވަ ގޯލުން ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު 9-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މިއީ، މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
އަނެއްކޮޅުން، މިއީ، 2022 ވަނަ އަހަރުގެ ޖުލައި މަހު ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުންނާއި އެ އަހަރުގެ އޭޕްރީލް މަހު ކްލަބް ވެލެންސިއާ އަތުން 13-0 އިން މޮޅުވި ފަހުން، މިދިޔަ ހަތަރު އަހަރުގެ ލީގު ޗެމްޕިއަން، މާޒިޔާ އިން ލީގުގައި ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ.
މިއަދުގެ މެޗުގެ ނަތީޖާއާ އެކު، މާޒިޔާ، ލީގުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. އަދި، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ނިއު އިން މި ހަފްތާގައި ބޮޑު ތަފާތަކުން އީގަލްސް ބަލިކޮށްގެން ނޫނީ އަލުން އެެއް ވަނަ އަށް ނޭރޭނެ އެވެ.
މާޒިޔާގެ ލުއިސް އަލްމައިޑާ އާއި ސާޖިއޯ މެންޑީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަަމަ ހާފުގައި މާޒިޔާ އިން ފަސް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ޖެހުނީ ހަތަރު ލަނޑެވެ.
މެޗުގެ 20 ވަނަ މިނިޓްގައި ސާޖިއޯ މެންޑީގެ ގޯލުން މާޒިޔާއިން ލީޑުނެގިިއިރު، އޭގެ ހަ މިނިޓް ފަހުން، ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ހިލޭޖެހުމުން މާޒިޔާ އިން ލީޑުފުޅާކުރި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، މާޒިޔާގެ އަނެއް ތިން ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) އާއި ސާޖިއޯ މެންޑީގެ އިތުރުން ޕޯޗުގީސް ޑިފެންޑަރު، ލުއިސް އަލްމައިޑާ އެވެ.
ދެ ވަނަ ހާފަށް ކުޅެން ނުކުމެ މާޒިޔާ އިން އިތުރު ހަތަރު ލަނޑު ޖެހިއިރު، ސާޖިއޯ މެންޑީ އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ. އަދި، އަނެއް ލަނޑުތައް ޖެހީ، އިބްރާހިމް އައިސަމްގެ އިތުރުން، މުހައްމަދު އިލާން އިމްރާން ދެ ގޯލެވެ. އިލާން ކުޅެން ނުކުތީ ބަދަލެއްގެ ގޮތުގަ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ އިން ބައްދަލުުކުރާނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ