ބައްސާމް ކްރެޑިޓް ކާޑަށް ގާތްގަނޑަކަށް 90،000 ރުފިޔާ ދެއްކުމުން، ކޯޓުން މައްސަލަ ނަގައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ދޫކޮށްފައި އޮތް ވިސާ ގޯލްޑް ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ހުށަހެޅި މައްސަލަ، ބައްސާމް އެ ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފިއެވެ. ދެ މައްސަލައެއްގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ބޭންކުން ދައުވާކުރީ، އޭނާއަށް ދޫކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ، 89،997 ރުފިޔާ ނުދައްކައިގެންނެވެ. އެކަމަކު ބޭންކުން، އެ މައްސަލައިގައި ބައްސާމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ބައްސާމްވަނީ އެ ފައިސާ ދައްކާފައެވެ. ބައްސާމް ފައިސާ ދެއްކުމުން، ބޭންކުން އެދިގެން ސިވިލް ކޯޓުން އެ މައްސަލަ ބާތިލު ކުރީ އިއްޔެއެވެ މައްސަލަ ބާތިލު ކުރި ރިޕޯޓުގައި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ވިދާޅުވެފައިވަނީ ބައްސާމް ދައްކަން ޖެހޭ އެންމެހައި ފައިސާ ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ބޭންކުން ކޯޓަށް އަންގާފައިވާ ކަމަށެވެ. ބައްސާމް، މީހަކު އަތުން ނެގި ފައިސާތަކެއް އަނބުރާ ރައްދުނުކޮށްގެންވެސް މި އަހަރު ތެރޭ ހުކުމެއް ކުރިއެވެ. އެއީ، މީހެއްގެ އަތުން ބައްސާމް ނަގައިފައިވާ ފައިސާއިން އޭނާ އަނބުރާ ނުދައްކާ އޮތް، 269،714 ރުފިޔާ ހޯދަން ކުރި ދައުވާއެކެވެ. އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ބައްސާމް، އެ ފައިސާ އަނބުރާ ނުދެއްކުމުން އިތުރު 6000 ރުފިޔާއާއި، ޝަރީއަތުގެ ޚަރަދުގެ ގޮތުގައި 25000 ރުފިޔާ ހޯދުމަށް ދައުވާ ކުރާ ފަރާތުން އެދުނެވެ. އެ މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ހުކުމް ކުރައްވާފައިވަނީ ބައްސާމްގެ ޣައިރު ހާޒިރުގައެވެ. އެހުކުމުގައި ބުނެފައިވަނީ މިދިޔަ ޖޫމް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި 314،714 ރުފިޔާ، ބައްސާމް ސިވިލް ކޯޓަށް ދައްކަން ޖެހޭނެ ކަމަށެވެ. އެ ފައިސާ ދެއްކިކަން ކަށަވަރުވެފައެއްނުވެއެވެ. ބައްސާމަށް ޖަލު ހުކުމްތައް ކޮށްފައިވަނީ، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަންގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 އެމެރިކާ ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުން ކުރި މައްސަލައިގައެވެ. އޭނާގެ މައްޗަށް ވަނީ ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެފައެވެ. ބައްސާމާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ އަނެއް މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ